ވާހަކަ: ލޯބިވޭ އިންތިހާ – ތޭރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ނޫރާ ޖަވާބު ދޭން އުޅުނީ ހަމްޒާގެ ފަހު ސުވާލަށެވެ. އެއީ ހަމްޒާގެ މަންމަ އެހާ ހަމްޒާ ދެކޭހިތުން ހުރިއްޔާ ހަމްޒާ ފުރިޔަސް އެންމެ ރަނގަޅުކަމުގައި ނޫރާ ދެކޭތީ ދޭން ބޭނުންވި ޖަވާބެކެ...

20 Feb 2025 | 12:26

ކުރީގެ އަދަދާއި ގުޅޭ...

ނޫރާ ޖަވާބު ދޭން އުޅުނީ ހަމްޒާގެ ފަހު ސުވާލަށެވެ. އެއީ ހަމްޒާގެ މަންމަ އެހާ ހަމްޒާ ދެކޭހިތުން ހުރިއްޔާ ހަމްޒާ ފުރިޔަސް އެންމެ ރަނގަޅުކަމުގައި ނޫރާ ދެކޭތީ ދޭން ބޭނުންވި ޖަވާބެކެވެ. އެހެނަސް ނޫރާގެ ޖަވާބު ނޫރާ ހިތުގައިވާ ގޮތަށް ބުނުމުގެ ފުރުސަތެއް ނުލިބުނެވެ. ހަމްޒާ އެ ޖަވާބުގެ މާނަ ނެގީ ހަމްޒާ ބޭނުންވި ގޮތަށެވެ. އެއީ ހަމްޒާ ހަމަ ގަސްދުގައި ކުރިކަމެކެވެ. އިތުރަށް ވާހަކަދައްކަން ނޫރާއަށް ފުރުސަތު ދީފިނަމަ އޭނާ ބޭނުންވާގޮތަ ނުވެދާނެތީއެވެ.

ނޫރާ ބުނި އެއްޗެއް ހަމްޒާ އަށް ވިސް ނައިދޭން ނޫރާ ބޭނުންވިއެވެ. އެހެންނަމަވެސް ހަމްޒާ އެފުރުސަތެއް ނުދިނެވެ. ހަމަ ގަސްދުގައެވެ. ނޫރާ އިތުރަށް ވާހަކަ ދައްކަން ފުރުސަތު ނުދިނީ، އެކަމުގައި ހަމްޒާ ބޭނުން ގޮތް ނުވެދާނެތީއެވެ. މާބޮޑަށް ދަންވެއްޖެ ކަމަށްބުނެ ހަމްޒާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވި ނަމަވެސް ނޫރާއަށް ނިދުނީ އޭގެ އެތައް އިރެއް ފަހުންނެވެ.

ދުވަސްތައް ވޭތިވަމުން ދިޔަވަރަކަށް ހަމްޒާއާ ނޫރާގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. ކުރެވުނު އަދަދެއް ނޭނގޭ ގިނަކޯލުތަކެއެވެ. ލިޔެވުނުއެތައް ސަތޭކަ މެސެޖެވެ. ދެހިތުގައި ލިޔެވެމުން ދިޔަ ސަފުހާތަކުގައި ލޯބީގެ ނަން ލިޔެވިއްޖެއެވެ. ކިޔަމުން ދިޔަ ރާގުތައް ލޯބީގެ ހިތްގައިމު ރާގުތަކަށް ބަދަލުވާކަށް ގިނަ ދުވަހެއް ނުވިއެވެ.  ދެ ހިތުގައި އެއް ވިންދެއް ޖަހަންފެށީ ހީވެސް ނުކުރާހާ އަވަހަށެވެ.

ނޫރާ އާ ވާހަކަދައްކަން ފެށިފަހުން، އިތުރު މަހެއްހާދުވަހު، ކުޅުދުއްފުށީގައި ހަމްޒާ  މަޑުކުރުމަށްފަހު، ފުރައިގެން މާލެ ދިޔައީއެވެ. ނިކަން އަވަހަށް އެނބުރި އަންނާނެކަމަށް ބުނެ ވަޢުދު ވުމަށްފަހުގައެވެ. މި ހޭދަވި ދުވަސްތަކުގެ ތެރޭގައި ނޫރާއާ ހަމްޒާ ބައްދަލުކޮށް ނެހެދިޔަސް، ލަޔާލްއާ އެކު ހަމްޒާ ނޫރާގެ ގެޔަށް ގޮސް އުޅެއެވެ. ނޫރާއާ އެކު އެކަހެރި ވަގުތު ހޭދަކުރަން ފުރުސަތު ނުލިބުނު ނަމަވެސް، ލަޔާލްގެ ސަބަބުން ނޫރާއާ ވާހަކަ ދައްކާ، ނޫރާ ދެކިލުމުގެ ފުރުސަތު ލިބުނެވެ.

ޒަރީނާ ވެސް ހުރީ ނިކަން ހިތްހަމަޖެހިފައެވެ. ލަޔާލް މާ ގިނައިން އެގެއަށް އައިސް، ނޫރާއާ ވާހަކަދައްކާ ސަމާސަކޮށްހަދާތީ ޒަރީނާ ހުރީ އުފަލުންނެވެ. ނޫރާ ފިހާރަޔަށް ލައިދޭން ދިއުމާ ފިހާރައިން ގެއަށް ގެނެސް ދިނުމުގައިވެސް ލަޔާލް އިސްނަގާތީ ޒަރީނާގެ ހިތް އޮތީ އުފަލުން ފުރިފައެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ އެއްވެސް ކަމެއް ޒަރީނާއަށް ނޭނގޭ ކަމުން، އެއިން އެއްވެސްކަމެއްގެ ފިކުރެއް ޚިޔާލެއް އޭނާގެ ނެތެވެ.

******

ހަމްޒާ އަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ތިބި ތިންކުދިންގެ ތެރެއިން އެންމެ ހަގުކުއްޖާއެވެ. ހަމްޒާގެ ދޮއްޓަށް ތިބެނީ ދެ އަންހެންކުދިންކަމުން، ހަމްޒާ ދެކެ އޭނާގެ މައިންބަފައިން އިންތިހާއަށް ލޯބިވެއެވެ. ހަމްޒާގެ ބައްޕަ މުސްތަފާ އަކީ މާލޭގައި ގެދޮރު ހުރި މުދާ ގިނަ މީހެކެވެ. ރާއްޖޭގެ ނިސްބަތުން މުއްސަންޖެކެވެ. އޭނާގެ މައިގަނޑު ވިޔަފާރިއަކީ ލަކުޑިއާއި އަންނައުނުގެ ވިޔަފާރިއެވެ. މާލޭގައި ބޮޑެތި ދެތިން ފިހާރަ ހުންނައިރު އޭނާގެ ހިއްސާ އޮންނަ ފިހާރަތައް އަތޮޅު ތެރޭގެ މަޝްހޫރު ބޮޑެތި ރަށް ރަށުގައިވެސް ހިނގައެވެ.

''އައްދެ ދަރިފުޅު އައީތަ......... އަންގާވެސް ނުލާ..........'' ގޭތެރެއަށް ވަދެގެން އައި ހަމްޒާ ފެނިފައި އޭނާގެ މަންމަ ސަކީނާ ހިނިތުންވަމުން ހަމްޒާގެ ކައިރިއަށް އައެވެ.

''އަންގާނުލާ އައިމައެއްނު މަންމަ އަށް ސަޕްރައިޒް އަކަށް ވާނީ....... އެހެންވެ ހަމަ ގަސްދުގަ އަންގާނުލާ މިއައީ........ އަސްލު  މަންމަ ކިޔާ ވަރުން މިހާ އަވަހަށް މިއައީވެސް .........'' ހަމްޒާ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ކޮނޑުން ނައްޓާލަމުން ބުނެލިއެވެ.

''އަވަހަށޭ ދަރިފުޅާ........ އަވަހަށްތަ ތިއައީ.......... މިހާރު ދޮޅުމަހަށްވުރެ ގިނަވެއްޖެ.......... '' ހަމްޒާގެ ކައިރީގައި ސޯފާގައި އިށީންނަމުން ސަކީނާ ބަލާލީ ހަމްޒާގެ މޫނަށެވެ.

''އެހެންތަ ........ އެހާ ގިނަދުވަސް ވެއްޖެތަ ........ އަސްލުވެސް ހިއެއް ނުވޭ ގިނަދުވަސް ވީހެނެއް.........'' ހަމްޒާ ޖީބުން ފޯނު ދަމައިގަންނަމުން ފޯނަށް ބަލާލިއެވެ.  ގުޅަނީ ނޫރާކަން އެނގުމުން ހަމްޒާގެ މޫނަށް ވެރިވި ހިނިތުންވުމާ އެރި ކުލަވަރު ކައިރީގައި އިން އޭނާގެ މަންމައަކަށް ސިއްރެއް ނުވިއެވެ.

''ކާކު ގުޅަނީ............ '' ސަކީނާ އެ ސުވާލު ކޮއްލީ އާދައިގެ ރާގެއްގައި ނަމަވެސް އޭނާގެ ނިތްކުރިން ދެތިން ރޫ ފާޅުވެ ފެންނަން ހުއްޓެވެ.

''ރައްޓެއްސެއް........... އެބަ އަންނަން އިނގޭ........'' ހަމްޒާ ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އަލުން ފޯނު ޖީންސް ގެ ޖީބަށް ކޮއްޕާލަމުން ތެދުވުއެވެ.

''ރައްޓެއްސެކޭ........... ދެން ކީއްވެ ފޯނަށް ޖަވާބު ނުދީ ތި ބޭއްވީ..........'' ސަކީނާ ހީވަނީ ކަމެއް ޔަގީންކުރަންވެގެން ތަހުގީގު ކުރާހެންނެވެ. ހަމްޒާގެ ފޯނު ޖީބުން ނެގިވަގުތު އެ ފޯނުގެ ސްކްރީނުން އަންހެން ކުއްޖެއްގެ ފޮޓޯ ފެނުނުހެން ސަކީނާއަށް ހީވިއެވެ. އެހެންވެ އޭނާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ.

'' އެއްކަލަ މަންމަ.......... އެއީ ފްރެންޑެކޭ......... މުހިންމު ކަމަކު ނޫންވީމަ ނުނެގީ ފޯނު.......... ދެން މިދަނީ ފެންވަރާލަން އިނގޭ......... ވަރަށް ވަރުބަލިވެސް ވެއްޖެ..........'' ސަކީނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ހަމްޒާ ސިޑިން އަރައިގެން ދިޔައީ މައްޗަށެވެ.

ހަމްޒާގެ މި ހަރަކާތުގެ ސަބަބުން ސަކީނާގެ ހިތުގައި އުފެދު ޝައްކުވީ ހައްތަހާ ބޮޑެވެ. ހަމްޒާ އަތޮޅުތެރޭ ރަށްރަށް ނުގެންދަންވެސް، އެތައް ފަހަރަކު މުސްތަފާ ކައިރީ އޭނާ ވަނީ ބުނެފައެވެ. އެހެނަސް ވިޔަފާރީގެ ކަންކަން ހަމްޒާއަށް ދަސްކޮށްދޭންވާނެ ކަމަށްބުނެ، ދޭތެރެ ދޭތެރެއިން ކޮންމެވެސް ވިޔަފާރި ދަތުރަކު ހަމްޒާ ރަށް ރަށަށް ފޮނުވުމަކީ މުސްތަފާ ކުރާ ކަމެކެވެ. ސަކީނާ ނުރުހުން ވިޔަސް އެކަން އެގޮތަށް މުސްތަފާ ކުރަނީ، ހަމްޒާގެ މުސްތަޤްބަލާ ދޭތެރޭގައި މުސްތަފާ ކުރަމުން އަންނަ އުންމީދު ހާސިލް ކުރުމަށެވެ. މުސްތަފާ ބެނުންވަނީ ހަމްޒާ އަކީވެސް މުސްތަފާ ކަހަލަ ކާމިޔާބު ވިޔަފާރި ވެރިއަކަށް ވުމެވެ.

''މުސްތަފާ......... ކޮން ދުވަހަކުން މާލެ އަންނަނީ........'' ސަކީނާ ވަގުތުން މުސްތަފާއަށް ގުޅާލިއެވެ. މުސްތަފާ މިވަގުތު ހުރީ ބެންކޮކުގައި މުދާ ބަލާގޮހެވެ.

''ކިހިނެތްވީ......... ހާދަ ހާސްވެފަ......... '' މުސްތަފާވެސް ކޮއްލީ ސުވާލެކެވެ.

''ހަމްޒާ އަތުވެއްޖެ މިއަދު......... އަހަންނަށް ހީވަނީ ހަމްޒާ މިފަހަރު ރަނގަޅެއް ނޫންހެން.......'' ސަކީނާ ހުރީ ހިތްނުތަނަވަސް ވެފައެވެ. އެކަން އޭނާގެ ރާގުންނާ އަޑުން މުސްތަފާއަށް ފާހަގަ ކުރެވުނެވެ.

''ރަނގަޅެއް ނޫނޭ.......... ކީކޭތަ ތިޔަ ކިޔަކީ........ ހަމްޒާއަށް ކިހިނެއްތަވީ..........'' މުސްތަފާވެސް ސީރިއަސްވެފައި އަހާލިއެވެ.

''އަހަރެން ބިރުން އުޅުނު ކަންތައްމީ......... އަހަރެން އޭރުވެސް ކިތައް ފަހަރު ބުނިންތަ ހަމްޒާ ރާއްޖެތެރެއަށް ނުފޮނުވާށޭ........ އަދި މިފަހަރު އެސޮރު އެކަނި ފޮނުވާފަ ތިޔަހުރީ ވާނުވާވެސް ބަލާނުލާ.........'' ސަކީނާގެ ރާގުގައިވަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

''ކިހިނެއްހޭ  ވީ ........ ވީ ގޮތެއް ބުނީމަ ދޯ އެނގޭނީ........ ސަކީނާ ތިޔަ ކިޔާއެއްޗެއް އަހަންނަކަށް ނުވިސްނޭ.......'' މުސްތަފާ ކުޑަކޮށް ހިތްހަމަ  ނުޖެހޭގޮތް ވިއެވެ.

''ހަމްޒާ އެރަށުން އައިސް ގެޔަށް ނުވަދެވެނީސް ގުޅައިފި ކޮންމެވެސް މީހަކު...... އަހަންނަށް ހީވަނީ ކޮންމެވެސް އަންހެން ކުއްޖެއްހެން....... އެހެންވީމަތާ އަހަރެން ކުރިމަތީ ހުރެ ފޯނު ނުނަގާ އެސޮރު މައްޗަށް އެދިޔައީ....... އަހަރެން އަހާލީމަވެސް ބުނީ ރައްޓެއްސެކޭ........ އަހަރެން ބޭނުމެއް ނޫން އެސޮރު ރާއްޖެތެރޭ ކުއްޖަކާ އިންނާކަށް......'' ސަކީނާ އޭނާގެ ހިތުގައި ހުރި އުދާސްތައް ބަންޑުންކޮއްލިއެވެ.

''އެކަމަކު ސަކީނާ...... ސަކީނާއަށް ހަމަ ސާބަސް .......... ސަކީނާ އަބަދުވެސް ތިޔަ ވިސްނަނީ ކަމެއްގަ އޮންނަ އެންމެ ނުބައި ގޮތަށް ........ އެ ވެދާނެ ހަމަ ރައްޓެއްސަކަށްވެސް..........'' މުސްތަފާ ހުރީ ހަމަޖެހިފައެވެ.

ސަކީނާ ވިސްނާލިއެވެ. އާނއެކެވެ. މުސްތަފާ އެބުނިހެންވެސް ވެދާނެއެވެ. މުސްތަފާ އެބުނިބުނުން ގަބޫލު ކުރުމަށްފަހު ސަކީނާ ހިތްހަމަ ޖައްސާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 25 ފެބްރުއަރީ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް