ކޯލިޝަން ރޫޅުމަކީ ގައުމަށް ލިބިގެންދާނެ ނިކަމެތި ކަމެއް:އިމްރާން

ކޯލިޝަން ތެރޭގައި ހިތްހަމަނުޖެހުމާއި ދެބަސްވުންތައް ހުރި ކަމުގައިވިޔަސް، ވަރަށް އަވަހަށް އެކަންތައް ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅު...

25 Jan 2019 | 11:59

ކޯލިޝަން ތެރޭގައި ހިތްހަމަނުޖެހުމާއި ދެބަސްވުންތައް ހުރި ކަމުގައިވިޔަސް، ވަރަށް އަވަހަށް އެކަންތައް ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަވަސް ގެ ޕްރޮގްރާމެއް ކަމަށްވާ "އަވަސް ހުކުރު" ގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގައި އަދި ކޯލިޝަނެއް ނުރޫޅި މާގިނަ ދުވަހު ދެމެހެއްޓިފައި ނުވި ކަމުގައިވިޔަސް، މި ސަރުކާރުގެ ކޯލިޝަން ވެރިކަން ވެގެން ދާނީ އެންމެ ކާމިޔާބު އެއް ކޯލިޝަން ވެރިކަމަށް ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ކޯލިޝަން ތެރޭގައި ހިޔާލު ތަފާތު ވުންތަކާއި އަދި ދެބަސްވުންތައް އެބަހުރި ކަމަށެވެ. އަދި ކޯލިޝަން ތެރޭގައި މިހާރު ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމަކީ ކޯލިޝަންގެ ހުރިހާ ވެރިންގެ ވެސް ޒިންމާ އެއް ކަމަށެވެ. ކޯލިޝަން ރޫޅިއްޖެނަމަ ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށްވެސް އިމްރާނު ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ކޯލިޝަންގައި ހިނގާ ބައެއް ކަންކަމާއި ދޭތެރޭ ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެޕާޓީން އެކަންތައްތައް ފިއްތައިލައިގެން ތިބީ ކަމަށެވެ. އެޕާޓީގެ ފަރާތުންވެސް މަޖިލިސް އިންތިހާބުގައި، ގިނަ ކެންޑިޑޭޓުން ވާދަ ކުރުމަށް ބޭނުންވާކަމަށް ވިދާޅުވިއެވެ. އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނަމަ 13 ޖާގަ ލިބުނުކަމުގައިވިޔަސް، 15 ނޫނީ 20 ކެންޑިޑޭޓުން ވާދަކުރެވޭވަރުގެ ފެންވަރު ހުރިކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް