ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީގެ އަރިސް މީހެއް ކަމަށްވާ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު ގޭ ބަންދުން ދޫކޮށްލައިފިި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގަ ސްރީލަންކާގައި ހުއްޓައި އެ ގައުމުގެ ފުލުހުން މެދުވެރިކޮށް ޝުމްބާ ހައްޔަރު ކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ގޭބަންދަށް ބަދަލު ކުރީ އެއްވެސް ހުކުމެއް ކުރުމެއްނެތި ޖަލުގައި އެތައް ދުވަހަކު ބެހެއްޓުމަށް ފަހު އެވެ.
ޝުމްބާ ގޭ ބަންދަށް ބަދަލު ކުރީ މިއަދު އެ މައްސަލައިގަ ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި އޭނާގެ ވަކީލު އެކަމަށް އެދުމުންނެވެ. އެކަމަށް ފުލުހުން އިންކާރެއް ނުކުރެ އެވެ. ޝުމްބާ ބަންދުން ދޫކޮށްލިޔަސް އޭނާގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ހުކުމެއް އަދި ނުކުރެ އެވެ.
ޝުމްބާ ބަންދުގައި ހުރީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ބިރު ދެއްކުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެ ދައުވާކުރަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ އެވެ.
އެކަމަކު އޭނާ ލަންކާގައި ހައްޔަރުކޮށްގެން ގެނައީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާން ކުރުމަށް ފަހު އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ދައުލަތުން ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް