ތަރައްގީގެ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރެވޭ ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އަބަދުވެސް އ.ދ.ގެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެޒިޑެންޓް ކޯޑިނޭޓަރު މިސް ޝޯކޯ ނޯޑާ ވިދާޅުވެއްޖެ އެވެ.
އެކަމާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުގެ އަރިހަށް އެކަމާ މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ތަރައްޤީގެ ރޮނގުން ރާއްޖެއިން ކުރަމުންދާ ހުރިހާ މަސައްކަތެއްގައިވެސް އ.ދ.ގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ވަޢުދުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ދާއިރާތަކާބެހޭ މަޢުލޫމާތު، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރާ ޙިއްސާކުރެއްވިއެވެ. މިގޮތުން، އިޖްތިމާޢީ އަދި ޝަރުޢީ ދާއިރާތަކުގެ އޮނިގަނޑު އިސްލާޙުކޮށް، އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އ.ދ. ގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ޖިނާޢީ އަދުލުގެ ނިޒާމް ހަރުދަނާކުރެއްވުމަށާއި، އަންހެނުން ބާރުވެރިކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް