ރާއްޖޭގައި ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުއްތާ ސްކޮޑް "ފާރަގެމަ"އިގާ ބޭނުންކުރުމަށް ކުއްތާތައް މިހާރު ގަނެފައިވާކަމަށާއި އެ ކުއްތާތަށް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑީނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ކުއްތާ ގަތުމަށް ބޭނުންވާ ފައިސާ ނެދަލޭންޑަށް ފޮނުވުމުން މިހާރު 16 ކުއްތާ ގަނެފައިވާކަމަށާއި ގަތީ "ނިއުބޯން" ކުއްތާތަކެއް ކަމަށެވެ.
"މިހާރު އެކޮޅުގަ ކުއްތާތަށް ބޮޑު ކުރަމުން އެދަނީ، ބޮޑު ކުރާއިރު ބޮޑު ކުރާނީ މަސްތުވާތަކެތީގެ މައްސަލަތަކަށް އަމާޒްކޮށް ޓްރެއިން ކުރަމުން، 3 މަސްވަންދެން އެކޮޅުން ބެލެހެއްޓުމަށްފަހު ފާރަގެމަ މާލެ ފައިބާނެ ކަމަށް ބެލެވެނީ ފެބްރުއަރީ ފަހުކޮޅު ނޫނީ މާޗްމަހު ކުރީކޮޅު" ތަޒްމީލް ވިދާޅުވިއެވެ.
ތަޒްމީލް އިތުރަށ ވިދާޅުވީ ކުއްތާތަށް ރާއްޖެ ގެންނަންވާއިރަށް ޑޯގް ކެނަލްތައް ތައްޔާރު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި ކުއްތާތަށް ގެނެސް ފުލުހުންނާއެކު ޓްރެއިން ކުރުމަށްފަހު ފީލްޑަށް ނެރެވޭވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.
ފާރަގެމަ އެކުލަވާލުމަށް ކުއްތާ ގަތުމަށް 40000 ޔޫރޯ ސަރުކާރުން ދައްކާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް