ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނުތަކަކާއެކު މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، ކޯރުކެނޑި ހިނގުމުން ފުލުހުން ފެނުމާއެކު ދުވެފައިގޮސް އެމަގުގައި ހުރި ގެއަކަށް ވަދެ ހުއްޓައި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 05:10 ހާއިރު ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓްލޫނު ޖީބުތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނެއް ފެނިފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ހުރި ކޮޓަރިތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ އިތުރު ދެ ފޯނެއް ފެނިފައިވާކަމަށާއި އޭނާ ހުރިދިމާ މުށިގަނޑުމަތިން 2 ސިމްކާޑެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންއ އިތުރަށްބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި މި މައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑީޕާޓްމަންޓުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް