ސައުދީއަރަބިއާގެ ޖަލުތަކުގައި ގައިދީން މޯބައިލް ފޯނު ބޭނުންކުރާ މައްސަލަ ބޮޑުވުމުން އެކަމަށް ހައްލެއްގެ ގޮތުން ޖަލުގެ ގޮޅިތަކަށާއި ގައިދީން އުޅޭ ސަރަހައްދުތަކަށް ފޯނު ރޭންޖް ނުލިބޭގޮތަށް ސިގްނަލް ޖޭމްކުރަން ނިންމައިފި އެވެ.
ސައުދީ ޖަލު ބެލެހެއްޓުމާ އިސްކޮށް ހަވާލުވެހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް އަލް ހަމްސީއާ ހަވާލާދީ މައްކާ ޑެއިލީގައި ބުނެފައިވަނީ ޖަލު ގައިދީން މޯބައިލްފޯނު ބޭނުންކުރާ މައްސަލަ ބޮޑުވެގެން އެކަން ހުއްޓުވުމަށް އެތައް ގޮތަކަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެންމެފަހުން އެ ސަރަހައްދުތަކުން ސިގްނަލް ޖޭމް ކުރަން ނިންމީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.
ޖަލުތަކުގައި މި ޓެކްނޮލޮޖީ އިންސްޓޯލްކުރާ ސައުދީ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންގް ޖެނެރަލް މެނޭޖަރު ނަސީރު އަލް އަމީރު ބުނެފައިވަނީ މި ޓެކްނޮލޮޖީއަކީ ޖަރުމަނާއި އެމެރިކާގައިވެސް ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއެއް ކަމަށާއި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭނުންވާ ކޮންމެ ސަރަހައްދެއްގެ ސިގްނަލް ޖޭމް ކުރެވިދާނެ ކަމަށެވެ.
ސައުދީ ޖަލުން ބުނެފައިވަނީ މި ފަހަކަށް އައިސް ޖަލުތަކުގައި ގައިދީން މޯބައިލް ފޯނު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށާއި މިކަން ހުއްޓުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް