ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބަހައްޓާފައިވާ 35 އީ-ގޭޓު މެދުވެރިކޮށް ޓޫރިސްޓުންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް ފަށައިފިއެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ އަޙްމަދު ފަސީހާއި ހޯމް މިނިސްޓަރު ޢަލީ އިޙުސާނާއި އިތުރު ބައެއް މިނިސްޓަރުންނާއި ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންޓްރޯލާ ފަސީހު ވިދާޅުވީ މި ބަދަލާ އެކު ރާއްޖެ އަންނަ ފަތުރުވެރިން އިމިގްރޭޝަންގައި ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް މަދުވާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށް އަރުވަން، ސެކިއުރިޓީ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާނެކަން ހަގީގަތުގައި. ވަރަށް ރަނގަޅަށް ބެލިގެން، ދުނިޔޭގައި މިކަން ކުރާގޮތް އަޅުގަނޑުމެން ދަސްކޮށްގެން، އެކަމަށް ތައްޔާރުވެގެން މި ފަށަނީ،" ފަސީހު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިޙުސާން ވިދާޅުވި ގޮތުގައި މި ޚިދުމަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން ހިންގި މުހިންމު މަސައްކަތެކެވެ. މި ސަރަޙައްދުގައި މި ފެންވަރުގައި ޓޫރިސްޓުންނަށް އީ-ގޭޓު ކްލިއަރެންސް ދޭ އެހެން ޤައުމެއް އަދި ނެތް ކަމަށް ވެސް އިޙުސާން ވިދާޅުވިއެވެ.
"މި މަސައްކަތުގެ އާހިރު ނަތީޖާއަކީ ރާއްޖޭގެ ބޯޑަރުން ވަދެގެން އަންނަ ކޮންމެ ފަރާތަކީ ސަލާމަތާއި ރައްކާތެރިކަމާއި ކަށަވަރު ކުރަން ޖެހޭ އެހެން ހުރިހާ ކަންކަން ކަށަވަރުވެގެން، އޭނާ އެތެރެވާއިރުގައި ވެސް ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ކަމަށް ދަނެގެން ދެވޭ ހިދުމަތަކީ އެންމެ އަވަހަށް ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން،" އިޙުސާން ވިދާޅުވިއެވެ.


އިޙުސާން ތަފްސީލު ދެއްވި ގޮތުގައި، ފުރާ ޤައުމުން ޗެކިން ވުމާ އެކު އީ-ގޭޓު ޚިދުމަތް ލިބޭ ފަރާތެއް ނަމަ އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ވެރިފިކޭޝަނެއް ފޮނުވައެވެ. އީ-ގޭޓުން ކްލިއަރެންސް ލިބުމާ އެކު އީ-ވިސާ ވެސް އެ ފަރާތުގެ އީ-މެއިލަށް ފޮނުވައެވެ. ކުރިން ކައުންޓަރު ދޮށުގައި 30 އާއި 50 ސިކުންތާ ދެމެދު ހޭދަވާ ކްލިއަރެންސް ޕްރޮސެސް، އީ-ގޭޓާ އެކު ފަސް ސިކުންތާއި 10 ސިކުންތަށް ތިރިކުރެވޭނެ ކަމަށް އިޙުސާން ވިދާޅުވިއެވެ. ބައެއް ފަހަރު ދެ ގަޑިއިރެއްހާ އިރު ތެރޭ ގާތްގަނޑަކަށް 3،000 ޓޫރިސްޓުން ވީއައިއޭ އަށް އަންނާތީ މި ޚިދުމަތް ކޮންމެހެން ވެސް ބޭނުންވެފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ފެށުމާ އެކު މޯލްޑިވްސް އިމިގްރޭޝަނަކީ ހުރިހާ ޚިދުމަތެއް 100 އިންސައްތަ ޑިޖިޓަލްކޮށް ދޭ ސަރުކާރުގެ ފުރަތަމަ އިދާރާ ކަމަށް ވެސް އިޙުސާން ވިދާޅުވިއެވެ. ދިވެހިންނަށް އީ-ގޭޓުގެ ޚިދުމަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރު 31 ގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރި ޓާމިނަލް 1 ހުޅުވުމާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް