އޮފީހަކުން ވައްކަންކުރި ތިން މީހަކު ހައްޔަރުކޮށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

މާލޭގެ އޮފީހަކުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ރ. މަޑުއްވަރީ ތިން މީހަކު ހައްޔަރުކޮށް، ގެއްލުނު ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފިއެވެ.

24 Nov 2026 | 14:44
އޮފީހަކުން ވައްކަންކުރި ތިން މީހަކު ހައްޔަރުކޮށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

މާލޭގެ އޮފީހަކުން ފައިސާ ވަގަށް ނެގި މައްސަލައިގައި ރ. މަޑުއްވަރީ ތިން މީހަކު ހައްޔަރުކޮށް، ގެއްލުނު ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަހްމަދު ނާޒިމް (31އ) އާއި ރ. މަޑުއްވަރި / މުޝްތަރީގެ، ހުސައިން ސަބާހް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، އާއިޝަތު ނަޝާޔާ (32އ) އެވެ. ނާޒިމް ހައްޔަރުކުރީ މި މަހު 22 ވަނަ ދުވަހު ކަމަށް ވާއިރު، ސަބާހް އާއި ނަޝާޔާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހުއެވެ.

Advertisement

އެ އޮފީހުން ޖުމްލަ 1,252,505 ރުފިޔާ އާއި 11,470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ. މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ 2026 ނޮވެމްބަރު 18 ގައެވެ. މައްސަލަ ރިޕޯޓުކުރުމާ އެކު ކައިރި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބެލުމަށް ފަހު ތުހުމަތުކުރެވޭ ފަރާތްތައް ދެނެގަނެ، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރީއެވެ. އެ ބަލައިފާސްކުރުމުން 1,093,122.25 ރުފިޔާ އާއި 8,845 ޔޫއެސް ޑޮލަރު ވަނީ ހޯދައިފައެވެ.

ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ސަބާހް 30 ދުވަހަށް އަދި ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން އަދިވެސް 159,382.75 ރުފިޔާ އާއި 2,625 ޔޫއެސް ޑޮލަރު ނުހޯދި އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް