ވަޒީފާއާއި އާމްދަނީގެ ފުރުޞަތުތައް ލިބޭ ފުރިހަމަ ޝަހަރެއްގެ ގޮތުގައި ރަސްމާލެ ބިނާކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަން ދިނުމާ އެކު، ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް ހޯދޭނެ މަގުތައް ވެސް ތަނަވަސްވާންޖެހޭ ކަމަށެވެ. އެގޮތުން ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ހުޅުމާލެ ފަދައިން ހަމައެކަނި ނިދަން އަރާ ތަނެއްގެ ބަދަލުގައި އަމިއްލަ އިގްތިސޯދެއް އޮތް ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވޯ 1997 ގައި ހިއްކަން ފެށި ހުޅުމާލެ 2018 ގައި ސިނަމާލެ ބުރިޖު އެޅުމާ ހަމައަށް ވެސް، އަދި މިހާރު ވެސް، އޮތީ ހަމައެކަނި ނިދައިފައި ހެނދުނު މާލެއަށް ވަޒީފާއަށް ދާ މީހުންގެ ތަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ހުޅުމާލެއިން ފަސްދޮޅަސް ހާސް މީހުން މާލެއަށް ވަޒީފާއަށް އަންނަ ކަމަށާއި އަދިވެސް ހުޅުމާލޭގަ ވަޒީފާގެ ފުރުސަތާ އާމްދަނީ ހޯދުމުގެ މާ ގިނަ ފުރުސަތުތަކެއް ނެތްކަމަށެވެ.
ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި ގޮތަށް ވެސް ފާޑު ވިދާޅުވެ، ވިޔަފާރިއާއި އާމްދަނީ ހޯދޭނެ ބިމެއް ނެތި ގޯތި ދޫކުރުމަކުން ޝަހަރެއް ތަރައްޤީ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އާމްދަނީ ހޯދާނެ ގޮތެއް ނެތި ރަސްމާލެއިން ބިމާއި ގޯތި ދޫކުރުމުން ކުރިޔަށް އޮތް 40 އަހަރުވެސް އެތަން ތަރައްގީ ނުވާނެ ކަމަށެވެ.
އެ އަމާޒަށް ވާސިލް ވުމަށް ސަރުކާރުން ކުރާ ކަމަކީ އެތަނުގައި އިޤްތިޞާދެއް ޤާއިމުކުރުން ކަމަށް ވިދާޅުވިއެވެ.
ހުޅުމާލެ އެކަކާއި ދޭކާ އެއްކޮށްލީމާ ލިބޭ ވަރަށް ވުރެ ވެސް ބޮޑު 500 ހެކްޓަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން، އިޤްތިޞާދީ ހަރަކާތްތަކާއި ވަޒީފާގެ ފުރުޞަތުތައް އެއްފަސްވާނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް