ސަރުކާރުން ހުށަހެޅި ގޮތަށް 59.7 ބިލިއަން ރުފިޔާގެ ބެޖެޓު ފާސްކޮށްފި

24 Nov 2026 | 14:41
އަންނަ އަހަރުގެ ބަޖެޓު ވަނީ މަޖިލީހުން ފާސްކޮށްފައި -- ފޮޓޯ: މަޖިލީސް

އަންނަ އަހަރުގެ ބަޖެޓު ވަނީ މަޖިލީހުން ފާސްކޮށްފައި -- ފޮޓޯ: މަޖިލީސް

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓް އެއްވެސް އިސްލާހެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ތާއީދާ އެކު އެވެ.

Advertisement

ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓާ ގުޅިގެން އެމްޑީޕީން ޖުމްލަ 23 އިސްލާހެއް ހުށަހެޅި ނަމަވެސް، މަޖިލީހުގެ ގަވައިދާ ތަޢާރުޒުނުވާ ކަމަށް ރިޔާސަތުން ބަލައިގެންފައިވަނީ ހަތް އިސްލާހެކެވެ.

ޕީއެންސީގެ ސުޕާ މެޖޯރިޓީ ބޭނުންކޮށް، އެ ހަތް އިސްލާހުން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.

ފާސްވި ބަޖެޓުގައި ޖުމްލަ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ ގާތްގަނޑަކަށް %71.5 ހާއްސަކޮށްފައިވަނީ ރިކަރެންޓް ޚަރަދަށެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލަފާކޮށްފައިވެއެވެ.

އާމްދަނީއާއި ހިލޭ އެހީން ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާ އިރު، މިއީ ހިނގާ އަހަރާ އަޅައިބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީގެ ގާތްގަނޑަކަށް 77 ޕަސެންޓު ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ.

ޓެކުހުން 33.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް