އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައު މަޝްރޫޢުތައް ފެށުން މަދުކޮށް، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިންމުމަށް އިސްކަންދޭ ގޮތަށް ރާވާފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރާ އަޅައިބަލާއިރު އަންނަ އަހަރުގެ ބަޖެޓް ކުޑަ ނަމަވެސް، އެ ބަޖެޓް ބައްޓަންކޮށްފައި ވަނީ ފަށައިގެން ކުރިއަށްދާ ޕްރޮޖެކްޓްތައް ފުރިހަމަކުރުމުގެ މައްޗަށް ކަމަށެވެ. އެ ގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މެންބަރު ޝާކިރު ސުވާލު އަމާޒުކުރެއްވީ ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަޝްރޫޢު އަލުން ފެށޭނެ ތާރީޚާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި މުއްތަލިބް ވިދާޅުވީ ކުރީ ސަރުކާރުން ފަށައި ހުއްޓިފައި ހުރި މަޝްރޫޢުތައް އެއްފަރާތްކޮށް، އައު މަޝްރޫޢުތައް ފެށުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައި އޮތް ނަމަވެސް، އެ މަގުން ޢަމަލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުަގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މުއްތަލިބް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތައް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ ކަމަށާއި، ނަމަވެސް ބޭނުންވާ ފައިސާ ނުލިބުމުން ފަހުން އެ މަސައްކަތްތައް އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީއަށް ވެސް ފެށުމުގައި ފައިސާ ހަމަޖެއްސުމުގެ ދަތިތައް ކުރިމަތިވި ނަމަވެސް، މިހާރު އެ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް