އެމް-ފައިސާ މެދުވެރިކޮށް އޮޑިގޯ އެޕުން ދަތުރުތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

24 Nov 2026 | 10:20
ފޮޓޯ: އުރީދޫ

ފޮޓޯ: އުރީދޫ

އުރީދޫ ފިންޓެކުގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ، ދަތުރުފަތުރުގެ ޚިދުމަތްދޭ ދިވެހި އެޕެއް ކަމަށްވާ އޮޑިގޯއާ ގުޅާލައި، ރަށްރަށުގެ ފެރީ އަދި ސްޕީޑްބޯޓު ދަތުރުތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގު ހުޅުވައިދީފިއެވެ.

މި ބަދަލާ އެކު، އޮޑިގޯ ބޭނުންކުރާ ފަރާތްތަކަށް ފެރީ އާއި ސްޕީޑްބޯޓުގެ ޝެޑިއުލްތައް ބަލައި، ދަތުރެއް ޚިޔާރުކުރުމަށްފަހު، އެމް-ފައިސާ ވޮލެޓުން ސީދާ ފައިސާ ދެއްކޭނެއެވެ. ފައިސާ ދެއްކުމާ އެކު ޑިޖިޓަލް ބޯޑިން ޕާހެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Advertisement

އޮޑިގޯ އެޕަކީ ހަމައެކަނި ރަށްރަށުގެ ދަތުރުފަތުރަށް ޚާއްޞަ ޕްލެޓްފޯމެއް ނޫނެވެ. ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި، އުޅަނދުފަހަރު ބެލުމާއި، އުޅަނދުގެ ވެރީންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅުމުގެ ފުރުސަތު ވެސް އެ އެޕުން ލިބެއެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތައް ގަނެވިއްކޭ މާކެޓްޕްލޭސްއަކާއި، ރާއްޖޭގެ ކަނޑުގެ ތަފްސީލީ ޗާޓެއް ކަމަށްވާ އޮޑިމެޕާއި، ދިވެހި ސަގާފީ މޫސުމީ މަޢުލޫމާތު ފޯރުކޮށްދޭ ނަކަތް ފީޗާ ވެސް އެ ޕްލެޓްފޯމުގައި ހިމެނެއެވެ.

އުރީދޫ ފިންޓެކުގެ މޯލްޑިވްސް ކަންޓްރީ ހެޑް އަހުމަދު ނުއުމާން ވިދާޅުވީ "އުރީދޫގައި އެމް-ފައިސާއާ މެދު އަޅުގަނޑުމެން ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭށެވެ." ކަމަށެވެ.

އެމް-ފައިސާއިން މިހާރު ވެސް ފައިސާ ފޮނުވުމާއި ބިލް ދެއްކުމާއި ރީޗާޖުކުރުން ފަދަ ގިނަ ޚިދުމަތްތައް ލިބޭ އިރު، މިއަހަރު ކުރީކޮޅު ޕޭޕަލް ގުޅާލައި، ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. އޮޑިގޯ އެޕް އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް