ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ބަލެންދުރަ ޝާހް އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ރާޝްތުރަޕަތީ ބަވަންއިން އެމަނިކުފާނަށް ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައިވާއިރު، އިންޑިއާގެ ރައީސާ ޑްރޮޕަޑީ މުރުމޫ އާއި ޚާރިޖީ ވަޒީރު ޑރ. އެސް. ޖަޔަޝަންކަރާ ބައްދަލުކުރެއްވިއެވެ. އަދި ރާޖްގާތުގައި މަހާތުމާ ގާންދީގެ މަޤުބަރާއަށް ޒިޔާރަތްވެސް ކުރެއްވިއެވެ.
މޯދީ އާއި ޝާހް ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ޖޮއިންޓް ވިޝަންއެއް އިފްތިތާޙްކުރެއްވިއެވެ. މި ދަތުރުފުޅުގައި އިންޑިއާއިން ވަނީ ނޭޕާލުގެ ތަރައްޤީއަށް ހިލޭ އެހީއާއި، ލައިން އޮފް ކްރެޑިޓެއް ދިނުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ޗިތުވަންގައި އެގްރޯ-އިންޑަސްޓްރިއަލް ޕާކެއް ޤާއިމުކުރުމަށާއި ނޭޕާލުގައި އިންޑިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ކެމްޕަސްއެއް ހުޅުވުމަށްވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، އަޔޯދްޔާ އާއި ޖަނަކްޕޫރާ ދެމެދު ރޭލުގެ ޚިދުމަތް އިފްތިތާޙުކޮށް، ގުޖްރާތުގެ ޑީންދަޔާލް ޕޯޓު މެދުވެރިކޮށް ނޭޕާލުގެ ޓްރާންސިޓް ވިޔަފާރިއަށް އާ މަގެއް ހުޅުވައިދިނުމަށް އެއްބަސްވިއެވެ. ހަކަތައިގެ ދާއިރާއިން މޯތިހާރީ-އަމްލޭޚްގަންޖް ޕެޓްރޯލިއަމް ޕައިޕްލައިންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކޮށް، 669 މެގަވޮޓްގެ ލޯވަރ އަރުން ހައިޑްރޯ-އިލެކްޓްރިކް ޕްރޮޖެކްޓުގެ ބިންގާ އަޅާފައިވާއިރު، ޞިއްޙަތު، އާޔުރްވޭދަ، ސެޓެލައިޓް ކޮމިއުނިކޭޝަން، ލައިވްސްޓޮކް، އަދި ޕޮލިސް އެކަޑަމީ އާއި ފޮރެންސިކް ދާއިރާއިން 8 އެމްއޯޔޫއެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.
ދަތުރުފުޅު ނިންމަވާލައްވަމުން ބޮޑުވަޒީރު ބަލެންދުރަ ޝާހް ވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ނޭޕާލަށް ޒިޔާރަތްކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ރަސްމީކޮށް ދަޢުވަތު އަރުއްވާފައެވެ. ބޮޑުވަޒީރު މޯދީ އެ ދަޢުވަތު ޤަބޫލުފުޅުކުރައްވާފައިވާއިރު، ދަތުރުފުޅުގެ ތާރީޚުތައް ދެގައުމުން މަޝްވަރާކޮށްގެން ނިންމާނެކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ޕްރެސް ރިލީޒްގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް