އިޒްރޭލު ސިފައިންގެ ބަޔަކަށް ހިދުމަތްދޭން ބްރެޒިލްގެ ގެސްޓު ހައުސްއަކުން ދެކޮޅު ހަދައިފި

24 Nov 2026 | 09:50
ބަހީއާ ސްޓޭޓުގެ ޓޫރިސްޓު ސަރަހައްދެއް --

ބަހީއާ ސްޓޭޓުގެ ޓޫރިސްޓު ސަރަހައްދެއް --

ބްރެޒިލްގެ ބަހީއާ ސްޓޭޓުގެ ޓޫރިސްޓު ރަށެއް ކަމަށްވާ އިޓާކަރީގައި ހިންގާ އީލިއާ ވެރްޖީ ގެސްޓްހައުސުން، ޣައްޒާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވި ކުރީގެ އިސްތިއުމާރީ އިޒްރޭލު ސިފައިންނަށް އެ ތަނުން ޚިދުމަތް ނުދޭނެ ކަމަށް އިއުލާންކޮށްފިއެވެ.

އެ ގެސްޓްހައުސުން ބުނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކަށް އެ ތަނުން މަރުޙަބާ ނުކިޔާނެ ކަމަށެވެ. އެތަނަކީ ސާބިތު ކަމާއި އެކު އަނިޔާވެރިކަމާއި އަޅުވެތިކަމާއި ހަނގުރާމައިގެ ޖަރީމާތަކަށް ނޫނެކޭ ބުނާ ބައެއް ކަމަށް ބުނެފައިވެއެވެ.

Advertisement

އީލިއާ ވެރްޖީ އިން ފާހަގަކުރި ގޮތުގައި މި ނިންމުމަކީ އިޒްރޭލުގެ ރައްޔިތުންނާ ނުވަތަ ވަކި ދީނީ ޖަމާޢަތަކާ ދެކޮޅަށް ނެރުނު ނިންމުމެއް ނޫނެވެ.

އެގޮތަށް ގެސްޓު ހައުސިން ނިންމާފައިވަނީ އެ ރަށަށް ޗުއްޓީއަށް ގޮސް އުޅުނު އިޒްރޭލުގެ ޓޫރިސްޓުންތަކެއް ފަލަސްތީނަށް ތާއީދުކޮށް ފާރެއްގައި ހަރުކޮށްފައި ހުރި ލިޔުމެއް ނައްޓާލަން އުޅުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލައިގަ އެ ރަށޫގެ ރައްޔިތުންނާއި އިޒްރޭލު ޓޫރިސްޓުގެ މެދުގައި ހަމަނުޖެހުން ހިނގި ކަމަށްވެ އެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ލިޔުމުގައި "ކޯރުން ފެށިގެން ކަނޑާ ހަމައަށް" މި ޝިއާރު ހިމެނޭތީ އިޒްރޭލު ޓޫރިސްޓުން ނުރުހުން ފާޅުކޮށް، ކުރެހުންތަކާއި ޕޯސްޓަރުތައް ހަލާކުކޮށްލަން އުޅުނެވެ. ރަށުގެ ރައްޔިތުންނާއި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތައް މި ކަން ސިފަކުރީ "ޝިކާރަވެރި ފަތުރުވެރިކަމެއް"ގެ ގޮތުގައެވެ.

ބްރެޒިލްގައި ކުރީން ވެސް އިޒްރޭލު ފަތުރުވެރިންނާ ގުޅޭ ހާދިސާތައް ހިނގާފައިވެއެވެ. 2025 ވަނަ އަހަރު ޖެނުއަރީގައި ބަހީއާގައި ޗުއްޓީ ހޭދަކުރަން ދިޔަ އިޒްރޭލު ސިފައިންގެ މީހެއް ކަމުގައިވާ ޔޫވާލް ވެގްޑާނީ ޣައްޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން ތަޙުޤީޤު ކުރުމަށް ބްރެޒިލް ސަރުކާރުން އެންގި ނަމަވެސް، ތަޙުޤީޤު ކުރިއެރުމުގެ ކުރިން އޭނާ ޤައުމު ދޫކޮށް ދިޔައެވެ. 2026 ވަނަ އަހަރު މާރިޗުގައި ވެސް އިޓާކަރީގައި އިޒްރޭލު ޓޫރިސްޓުންނާއި ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ތިން އިޒްރޭލު ޓޫރިސްޓަކު ހައްޔަރުކޮށް ފަހުން ދޫކޮށްލެވުނެވެ.

ބައިނަލްއަޤުވާމީ ޤާނޫނީ މާހިރުންގެ ނަޒަރުގައި، ބޭރު ޤައުމުތަކުގެ ރައްޔިތުން ބްރެޒިލްގައި ތިބެ ނަސްލީ ނުވަތަ ބިރުދެއްކުމުގެ ޢަމަލެއް ހިންގައިފި ނަމަ ޖިނާއީ ޤާނޫނުތަކާއި ހިޖުރައިގެ ޤާނޫނުގެ ދަށުން ޑީޕޯޓުކުރުން ނުވަތަ ޤައުމަށް ވަނުން މަނާކުރުން ފަދަ ފިޔަވަޅު އެޅިދާނެއެވެ. ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ގޮވައިލަމުންދަނީ ވިސާ ދޫކުރާ މަރުޙަލާގައި ސްކްރީނިން ވަރުގަދަކޮށް، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ) ފަދަ މުއައްސަސާތަކާ ގުޅިގެން ބޮޑެތި ޖަރީމާތަކުގައި ތުހުމަތުވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމެއް ޤާއިމުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް