ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްެރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމަތު ދެއްވައިފި އެވެ.
އެމަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ އެމްޓީސީސީން ވިދާޅުވިގޮތުގައި މިހާރު ކުރިއަށް ދަނީ އައު ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.
މީގެ އިތުރުން، 4320 އަކަ މީޓަރުގެ ސަަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 69.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް