ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ބިދޭސީ މުވައްޒަފަކު ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވެ، ގެއްލިފައިވާ ކަމަށް ލަފާކޮށް ހޯދާތާ ދެ ހަފްތާ ފަހުން އޭނާ ފެނިއްޖެ އެވެ.
އަލް އަމީން ނަމަކަށް ކިޔާ މި ބިދޭސީ މުވައްޒަފު، ގެއްލިގެން ޝަރީފް ޓްވީޓް ކުރައްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޝަރީފް އޭނާ ގެއްލިގެން ޓްވީޓް ކުރެއްވުމުން ޕޮލިހުން ވެސް ވަނީ އަލް އަމީން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހުރީ ބަޔަކު މީހުން 30،000 ރުފިޔާގެ މުސާރަ ދޭނަމޭ ކިޔާފައި ގއ. މާމެންދޫ އަށް ގެން ގޮސްފަ އެވެ. އަދި ޝަރީފްގެ މުވައްޒަފު ގެންދިޔަ މީހުން މިހާރު ވަނީ ޓިކެޓް ދީފައި ބިދޭސީ މީހާ މާލެ ފޮނުވާލާފަ އެވެ.
މީގެ ކުރިން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މުވައްޒަފާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރާފަރާތަަކަށް 2000 ރުފިޔާގެ އިނާމެއްވެސް ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް