ފުރަތަމަ ހާފްގައި ވިކްޓަރީ ކޮޅަށް ޖެހި ލަނޑާއެކު ނިއު އަލުން އެއްވަނައަށް

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކުރި ލަނޑާއެކު މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަނެއްކާވެސް އެއްވަނައަށް ޖެހިލައިފި...

24 Nov 2015 | 18:45

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކުރި ލަނޑާއެކު މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަނެއްކާވެސް އެއްވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ 1-0 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށެވެ. މެޗުގެ 20 ވަނަ މިނެޓްގައި ސެންޓޭ އަށް ލިބުނު ފުރުސަތުން ފޮނުވާލި ހަމަލާ ގޯލަށް ވަނުމުގެ ކުރިން ވިކްޓަރީގެ ހިސާމް ސަލީމް ވަނީ ދިފާއުކޮށްފައެވެ.

މިމެޗުގެ 27 ވަނަ މިނެޓްގައި ނިއުއަށް ލީޑު ނަގައިދިނީ އަސްއަދު އަލީ (އަޑުބަރޭ) އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ސެންޓޭ އުފެއްދި ހަމަލާއެއް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ނިއުއިންނެވެ. އެގޮތުން ނިއުއިން ވިކްޓަރީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ދެވަނަ ހާފްގައި ވިކްޓަރީގެ ގޯލްކީޕަރު ތޮލާލްގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނިގެންދިޔައެވެ.

މިނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ނިއު އޮތީ ކުޅުނު 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު 12 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ލީގުގައި ވިކްޓަރީ އޮތީ ލިބުނު 13 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.

ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސްއާއި މަހިބަދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް