ނިމިގެންމިދާ ދިރާސީ އަހަރަކީ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއް: އެޑިއުކޭޝަން މިނިސްޓަރު

ނިމިގެން މިދާ ދިރާސީ އަހަރަކީ ތައުލީމީގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ. މިނިސްޓްރި މިހެން ވިދާޅުވީ ދިރާސީ އަހަރު...

24 Nov 2015 | 05:39

ނިމިގެން މިދާ ދިރާސީ އަހަރަކީ ތައުލީމީގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރި މިހެން ވިދާޅުވީ ދިރާސީ އަހަރު 2015 ނިމުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ދެއްވާ ހިތާބުގަ އެވެ.

"ނިމިގެންމިދާ ދިރާސީ އަހަރަށް އަޅުގަނޑުމެން ބަލާލާއިރު، މަތްﷲގެ ވާގިފުޅާއެކު ތަޢުލީމީ ގޮތުން އަޅުގަނޑުމެން މިވަނީ ގިނަ ކާމިޔާބީ ޙާސިލްކޮށްފައި" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށް، ތަޢުލީމީ، މަސައްކަތްތެރި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށް ނިންމަންޖެހޭ މުހިއްމު ނިންމުންތައްވެސް އަންނަނީ ނިންމަމުން ކަމަށެވެ. އަދި މިއަހަރުގެ ދިރާސީއަހަރާއެކު އަޅުގަނޑުމެން މިވަނީ މަދަރުސީ ތަޢުލީމުގެ އާ މަންހަޖަކަށް ހިޖުރަކޮށްފައި ކަމަށާއި ކީސްޓޭޖް އެކެއް ގެ ދަރިވަރުން މިދިރާސީ އަހަރު ކިޔަވަމުންގޮސްފައިވަނީ މި ދެންނެވި މަންހަޖުގެ ދަށުން ތައްޔާރުކުރެވުނު މުގައްރަށް އެކުލަވާލެވުނު ފޮތްތަކުން ކަމަށް އަދި މީގެ އިތުރުން، ފައުންޑޭޝަން ސްޓޭޖަށްވެސް އާ މުގައްރަރެއް ކަނޑައެޅި، މިއަހަރު ކިޔަވައިދޭން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސްކޫލްތަކުން ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތައް އިތުރުކޮށް، މަދަރުސީ ތަޢުލީމުގެ ތެރެއަށް މަސައްކަތްތެރިކަމުގެ ހުނަރު ތަޢާރަފްކޮށް، މަސައްކަތްތެރިކަމުގެ ރޮނގުން ކުރިއަށްދާން ގަސްދުކުރާ ދަރިވަރުންނަށް އެ ފުރުސަތު ފުޅާ ދާއިރާއެއްގައިވަނީ ހުޅުވާލެވިފައި. މި ޕްރޮގްރާމްގައި މިހާރު އެގާރަ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންއަންނަކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މަދަރުސީ ތަޢުލީމު ނިންމާ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވިފައިވާ މަސައްކަތުން މިއަހަރު އެކަނިވެސް 436 ދަރިވަރުންނަށްވަނީ މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދެވިފައި. ރާއްޖޭގެ އިގްތިސާދުގެ އިންޖީނު ހިންގުމަށްބޭނުންވާ ހުނަރުވެރިން އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސޯޅަސަތޭކައަށްވުރެ ގިނަ ޒުވާނުން މިހާރުދަނީ ތަމްރީނު ހޯދަމުން" މިނިސްތަރު ވިދާޅުވި އެވެ.

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ ގްރޭޑް އެކެއް ގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ހެލްތު ސްކްރީނިންގ މިހާރުވަނީ ނިމިފައި ކަމަށާއި ކުއްލި ހާލަތުގައި ސްކޫލްތަކުގައި ޢަމަލުކުރާނެގޮތުގެ އުސޫލް ތައްޔާރުކޮށް، ސްކޫލްތައްވަނީ އެ އުސޫލަށް އަހްލުވެރިކުރެވިފައި ކަމަށެވެ. ސްކޫލްތަކުގެ ޖާގައާއި ވަސީލަތްތައް ތަރައްގީކުރުމަށް 432 މިލިއަން ރުފިޔާ މިއަހަރުވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.

"ޝައްކެއްނެތްގޮތުގައި، ތަޢުލީމުގެ ފެންވަރު މަތިކޮށް، ތަރައްގީކުރުމަށް، މުދައްރިސުންގެ ފެންވަރު މަތިކުރުމަކީ މުހިއްމު ކަމެއް. އެގޮތުން މުދައްރިސުންގެ މަގާމުގެ އާ އޮނިގަނޑެއް އެކުލަވާލައި، މުދައްރިސުންގެ މުސާރައަށްވަނީ ހެޔޮ ބަދަލެއް ސަރުކާރުން ގެންނަވާފައި. އަދި މުދައްރިސުންގެ މަގާމުގެ އާ އޮނިގަނޑުގައި، މުދައްރިސްކަމުގެ އެންމެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަން ކަނޑައަޅައި، ޚިދުމަތުގައި ތިއްބެވި އެގާރަސަތޭކައަށްވުރެ ގިނަ މުދައްރިސުންވަނީ ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރުމުގެ މަގުމަތީގައި މިއީ ފެންވަރު ރަގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއް" މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އެންމެކުއްޖަކުވެސް ބާކީނުކޮށް ތަޢުލީމާ، ތަމްރީނާ، ތަރުބިއްޔަތުގެ ފުރުސަތުތައް ގެންދަނީ ފަހިކޮށްދީ، ތަރައްގީކުރަމުން ކަމަށާއި މަދަރުސީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކީ އިސްލާމީ އުސޫލްތައް ކުރިއަށްނެރޭ، ގައުމަށް ފައިދާހުރި، ޚިދުމަތްތެރި ދަރިއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގައި އަޅުގަނޑުމެންގެ އަމާޒު ސީދާވާކަން ޔަގީންވެގެންދަނީ ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އިމްތިހާނުތަކުން އަޅުގަނޑުމެންގެ ދަރިވަރުން ހޯދާ ނަތީޖާއިން ކަމަށާއި މަސައްކަތްތެރިކަމުގެ ތަފާތު ތަމްރީނުތައް ނިންމުމަށްފަހު ވަޒީފާއާއި ގުޅޭ ދަރިވަރުންގެ ޢަދަދުން. މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު، އަޅުގަނޑުމެން މިކުރާ މަސައްކަތުން ކާމިޔާބު ލިބިގެންދަނީ ދިވެހި ދަރިންނަށް ކަމަށް އަދި އާރޯކަން އަންނަނީ ދިވެހި ފަސްގަނޑަށް، ހިނިތުންވުން ގެނެސްދެނީ ބެލެނިވެރިންގެ މޫނުތަކަށް،  އުފާވެރިކަން ގެނެސްދެނީ މުޅި މުޖުތަމަޢަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ދިރާސީ އަހަރުގެ ޗުއްޓީގެ ތެރޭގައި، ޢާއިލީ ގުޅުން ދެމެހެއްޓުމާއި، އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް އަޅާލުން އިތުރުކުރުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރަން. ތިޔަ ހުރިހާ ދަރިވަރުންނަށް ކާމިޔާބު އަދި އުފާވެރި ޗުއްޓީއަކަށް އެދިލައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަނާގެ އިޚްލާސްތެރިދުޢާއަކީ ތަޢުލީމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން ކަމަށާއި ދިވެހި ކިޔަވާކުދިންނަކީ، ދިވެހި ގައުމަށް ވަފާތެރި، ޚިދުމަތްތެރިންކަމުގައި މާތްﷲ މިންވަރުކުރެއްވުން ކަމަށްވެސް ވިދާޅުވި އެވެ.

ހިތާބުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރު، ކާމިޔާބުކަމާއެކު ނިމިގެންދާކަމަށްޓަކައި، މާތްﷲ ގެ ހަޒްރަތަށް ޙަމްދާ ޝުކުރު ކުރާ ކަމަށެވެ. އަދި ތަޢުލީމީ ދާއިރާގެ ތަރައްޤީ ޔަޤީން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ފަހިކޮށްދެއްވި މަގުތަކަށް ރާއްޖޭގެ އެންމެހާ ދަރިވަރުންނާއި، ބެލެވެރިންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެންމެހާ މުވައްޒަފުންނާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި ހިތުގެ ފުންމިނުން އިޚްލާސްތެރިކަމާއިއެކު ޝުކުރުދަންނަވާ ކަމަށެވެ. އަދި މި ދިރާސީ އަހަރަކީ ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް ހެއްދެވުމަށް ސްކޫލްތަކުންނާއި ބެލެނިވެރިން ކުރައްވާފައިވާ އަގުހުރި މަސައްކަތަށް އަޅުގަނޑު ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް