އަމީން ދީދީ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަމީނިއްޔާ ސްކޫލުން ހުޅުވާލައިފި

1995 އިން ފެށިގެން އަމީނިއްޔާ ސްކޫލުން އަތޮޅު ތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ދެމުން އަންނަ އަމީން ދީދީ ސްކޮލަޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު އަމީނިއްޔާ ސްކޫލުން މިއަދު ހުޅުވާލައިފި އެވެ. މި ސްކޮލަ...

24 Nov 2014 | 10:09

1995 އިން ފެށިގެން އަމީނިއްޔާ ސްކޫލުން އަތޮޅު ތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ދެމުން އަންނަ އަމީން ދީދީ ސްކޮލަޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު އަމީނިއްޔާ ސްކޫލުން މިއަދު ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕަށް ކުދިން ހޮވަނީ އެކަމަށް ކުރިމަތިލާ އަތޮޅުތަކުގެ ސްކޫލުތަކުގެ ގްރޭޑް ހަތެއް ނިންމާ ކުދިންނަށް ދޭ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިންނެވެ. މި ސްކޮލަޝިޕް ލިބޭ ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އަމީނިއްޔާއިންނެވެ.ކިޔެވުމަށް ކުރަން ޖެހޭ ހަރަދުތައް ދިނުމުގެ އިތުރުން ކޮންމެ މަހަކު ޕޮކެޓު މަނީއެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ 2015 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެކަމަށް އެދި 2014 ޑިސެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުއްވުން އެދޭ ކަމަށެވެ.

އަދި ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރާއި ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރާއި ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓުފިކެޓުގެ އަސްލާއެކު ކޮޕީއެއް އަދި 2014 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމުގެ އަސްލާއެކު ކޮޕީއެއް (ގްރޭޑް 7 ގެ ފަހުޓާމް) ސިޓީއާއެކު ހުށަހަޅަން ވާނެ ކަމަށްވެސް އަމީނިއްޔާ ސްކޫލުން ބުނެއެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ކިބައިގާ ހުންނަން ޖެހޭ ސަރުތު ތަކުގެ ތެރޭގައި މިއަހަރުގެ ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ދަރިވަރަކު ކަމުގައިވުން، މިއަހަރު މާލެ/ވިލިނގިލި/ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން، އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން.މި އަހަރުގެ ފަހުޓާމުގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން ހިމެނެއެވެ.

އަދި ޝަރުޠު ހަމަވާ ކުދިންގެ ލިސްޓެއް 2014 ޑިސެންބަރު 07 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ފަހުން ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ ކަމަށާއި މިކުދިންނަށް ދޭ އިމްތިޙާނު ޑިސެމްބަރު 8 ގައި އޮންނާނެކަމަށާއި މިއިމްތިޙާނުގެ ނަތީޖާ 2014 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ފަހުން ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އަމީނިއްޔާ ސްކޫލުން ބުނެއެވެ.

މިދިޔަ އަހަރު އެ ސްކޮލަޝިޕް ލިބުނީ ހދ. ދިއްދޫ ދަރިވަރެއްކަމަށްވާ އައިމިނަތު ސަމާހާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް