އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ހ.އާހަމަ ހަސަން ޒިޔަތަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިންތާ ގަޑީއިރެއް ނުވަނީސް ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެމަޖިލީހުގެޖަލްސާގައި އޮޑީޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ފެންނަކަމަށް ޒިޔަތުގެ ނަން ފާސްވީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ޒިޔަތާއި އެއްކޮޅަށް 59 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުން ޒިޔަތަށް ރުހުން ދިނުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒު އިބްރާހީމަށް ދައުރު ހަމަ ނުވަނީސް އެ މަގާމު ގެއްލުނީއެވެ. ޒިޔަތަށް މަޖިލީހުން ރުހުން ދީފައިމިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވުމުންނެވެ. އެ އިސްލާހުގައި ވާގޮތުން ރައީސް ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވަން ޖެހެއެވެ.
އިދިކޮޅު އެމްޑީޕީން ވަނީ އެ އިސްލާހަކީ ޕީޕީއެމްއިން ރާވައިގެން ނިޔާޒު އެމަގާމުން ދުރުކުރުމަށް ކުރި ކަމެއްކަމަށް ބުނެފައި އެވެ.
ޒިޔަތަށް ރުހުންލިބި މަގާމަށް އައްޔަން ކުރެއްވި އިރު މިއަދު ވަނީ މި އިސްލާހު ބާތިލްކޮށްދިނުމަށް އެދި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ފަރާތްޕުޅުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ.
އެ މައްސަލައަކީ ގާނޫނު އަސާސީއާއިހިލާފަށް ދައުރު ހަމަނުވަނީ އޮޑިޓާ ޖެނެރަލްގ މަގާމު ގެއްލުވާލާ އެހެން ބޭފުޅަކު މަގާމަށް އައްޔަން ކުރުމަށް އިސްލާހެއް ފާސްކުރުމާއި ގުޅީގެން ހުށަހެޅި މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް