އިނގެރޭސި ޕްރިމިއަރލީގުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސްއިން ފަހަތުން އަރާ ލިވަޕޫލް ބަލިކޮށްފިއެވެ.
މެޗުފެށިގެން 2 މިނެޓު ނުވަނީސް ލިވަޕޫލްގެ ފޯވާޑް ލަމްބާޓް ގޯލެއް ޖެހިނަމަވެސް 17 ވަނަ މިނެޓުގެ ތެރޭގައި ކްރިސްޓަލް ޕެލެސްގެ ގޭލް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ކްރިސްޓަލް ޕެލެސް އިން 78 ވަނަ މިނެޓުގައި ލެޑްލީގެ ގޯލާއެކު ފުރަތަމަ ފަހަރަށް ލީޑުނަގާފައި ވާއިރު މެޗު ނިމުނީ 81 ވަނަ މިނެޓުގައި ޔެޑިނެކް ޖެހި ރީތި ފްރީކިކް ގޯލާއެކު 3-1 ގެ ނަތީޖާއަކުންނެވެ.
މިމެޗުން މޮޅުވުމުން ކްރިސްޓަލް ޕެލެސް ވަނީ ތާވަލުގައި ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލާފައެވެ. މިވަގުތު ތާވަލުގެ 15 ވަނައިގާ ކްރިސްޓަލް ޕެލެސް އޮތް އިރު މިއީ މިސީޒަނުގައި މިޓީމު މޮޅުވި 3 ވަނަ މެޗެވެ.
މިމެޗުގެ ނަތީޖާއާއި އެކު ލިވަޕޫލްއިން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރުމެޗުގެ ތެރެއިން އެއްވެސް މެޗަކުން ވަނީ މޮޅު ނުވެވިފައެވެ. ލިވަޕޫލް މިވަގުތު އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ. އެއީ 1 ވަނައިގާ އޮތް ޗެލްސީ އަށްވުރެ 18 ޕޮއިންޓް މަދު އަދަދެކެވެ.
މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ ލިވަޕޫލްގެ މެނޭޖަރު ރޮޖާސް ވަނީ ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް