ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ކޯސް ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ކޯސް ބ. ކިހާދޫގައި ފަށައިފިއެވެ. 17 އަތޮޅަކުން 84 ދަރިވަރުން ބައިވެރިވާ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

24 Oct 2026 | 10:18
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ކޯސް ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ފަށައިފިއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި އެ ރަސްމިއްޔާތުގައި ކޯސް އިފުތިތާހުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމާންޑަންޓް، ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އިބްރާހީމް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ފަހަރުގެ ކޯހުގައި ރާއްޖޭގެ 17 އަތޮޅަކުން ދަރިވަރުން ބައިވެރިވެފައިވާއިރު، އެ ދަރިވަރުންގެ ތެރޭގައި 64 ފިރިހެނުންނާއި 20 އަންހެނުން ހިމެނެއެވެ. އެ ދަރިވަރުން ސްކޫލަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު 12 ވަނަ ދުވަހު ކަމަށެވެ.

ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދެއްވީ އެ ސްކޫލުގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުހައްމަދު ޝަރީފެވެ. ކެޑޭޓުންގެ އަޒުމް އައުކޮށްދެއްވީ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ހުސައިން ޝާހިދެވެ. ސަރވިސް ކޯރގެ ކޮމާންޑް ސާޖަންޓް މޭޖަރ އަހުމަދު ޝަގީފާއި ސްކޫލުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް މޭޖަރ ސައީދު ހަސަން ވެސް ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފުން ބުނީ، މި ޕްރޮގްރާމުގެ ދަށުން މެރިން އިންޖިނިއަރިންގ، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ ހުނަރު ދަސްކޮށްދޭނެ ކަމަށެވެ. ކިޔަވައިދެއްވާނީ ފަންނީ ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތްކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ތަމްރީން ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް