ރާއްޖެއަށް އަސާސީ ބޭސް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން، ފަސް މިލިއަން ރުޕީސްއަށްވުރެ ގިނަ އަގުހުރި ބޭހުގެ ޝިޕްމެންޓެއް ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ދިވެހި ރުފިޔާއިން މި އެހީގެ އަގު 250،000 ރުފިޔާއަށްވުރެ ބޮޑެވެ. މި ބޭސް ހަވާލުކުރީ ބުރާސްފަތި ދުވަހު ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެހީ ދީފައިވަނީ ރާއްޖޭގެ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ. ރަސްމިއްޔާތުގައި ބޭސް ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދާ ޖަޔަތިއްސާއެވެ. ދިވެހި ސަރުކާރުގެ ނަމުގައި އެ އެހީއާ ހަވާލުވެވަޑައިގަތީ ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދެވެ.
ލަންކާގެ މެޑިކަލް ސަޕްލަޔާސް ޑިވިޝަނާއި ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަނާއި ޗޭމްބާ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީ ވެސް މި ބޭސް ފޯރުކޮށްދިނުމުގައި ބައިވެރިވެފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރު މަސްއޫދު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރަށާއި ލަންކާގެ ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް