ހުޅުމާލޭ ސަހަރާގައި ކޮންނަ ވަޅުތަކުގައި ފެން ހަރުލާތީ، އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ވަޅުގެ ތެރޭގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހުރެއެވެ. އެހެންކަމުން މައްޔިތުން ވަޅުލުމަށް މިވަގުތަށް ބޭނުންކުރާނީ އާސަހަރާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ވިއްސާރައާ ގުޅިގެން ހުޅުމާލޭ ސަހަރާގައި ވަޅުލުން މެދުކަނޑާލަން ޖެހުނު މިއީ ފުރަތަމަ ފަހަރަށް ނޫނެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުވެސް، ސަހަރާގެ ފެންފަށަލައިގައި ފެން ހަރުލައިގެން ވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވުމުން ވަޅުލުން މެދުކަނޑާލައި، ޖަނާޒާގެ އިންތިޒާމު އާސަހަރާއަށް ބަދަލުކުރިއެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެހުނު ބޯ ވާރޭގައިވެސް ސަހަރާގައި ފެން ބޮޑުވެ، ފެންގަނޑު ހިނދެންދެން ވަގުތީ ގޮތުން ވަޅުލުން އާސަހަރާއަށް ބަދަލުކޮށްފައިވެއެވެ. ވާރޭ ވެހުމުން ސަހަރާގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމުކުރަން ކައުންސިލުން އޭރު ނިންމިއެވެ. ނަމަވެސް އެކަން އެމަގުން ކުރިކަން ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް