ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކުގެ ކުލި ދިރާގުޕޭއިން ދައްކާ ފަރާތްތަކަށް އެއް މަހުގެ ކުލި ހިލޭ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފިއެވެ.
ދިރާގުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ޕްރޮމޯޝަން ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގައި ކޮންމެ މަހަކު ގުރުއަތުލައިގެން ދެ މީހަކު ހޮވައި، އެ ދެ ފަރާތަށް އެއް މަހުގެ ކުލި މުޅިން ހިލޭ ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކުގެ ކުލި ދެއްކުމަށް ފަހި ޕޯޓަލަށް ވަނުމަށްފަހު ފައިސާ ދައްކާނެ ގޮތެއްގެ ގޮތުގައި ދިރާގުޕޭ ހިޔާރުކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދެން މޮބައިލް ނަންބަރު ޖަހައި ޕޭމަންޓް ރިކުއެސްޓް ފުރިހަމަކުރުމުން ކުލި ދެއްކިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ދިރާގުޕޭ އަދި ބޭނުން ނުކުރާ ފަރާތްތަކަށްވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ ތެރެއިން ބައިވެރިވުމަށް އެޕް ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު، ފްލެޓުގެ ކުލި އެ ވަސީލަތް މެދުވެރިކޮށް ދައްކަން ޖެހެއެވެ.
ދިރާގުން ބުނެފައިވާގޮތުގައި މިމ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ފިންޓެކް ހައްލުތައް ފޯރުކޮށްދިނުމަކީ ދިރާގު ފިންޓެކްގެ އަމާޒު ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް