ދިވެހި ވަތަނީ ހިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު، 352 ދަރިވަރަކު ހިމެނޭހެން، ޅ. މާފިލާފުށީގައި މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.
މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީނު އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. ހާއްސަ މެހުމާނުގެ ގޮތުގައި އެ ރަސްމިއްޔާތަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއުއެވެ. ރަސްމިއްޔާތުގެ ތެރެއިން މުދައްރިބުންނަށް ވައުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުހައްމަދު ހުޝާމް މޫސާއެވެ. ކެޑޭޓުންގެ އިގްރާރު ލައިދެއްވީ މާފިލާފުށީ ނޭޝަނަލް ސަރވިސް ޓްރޭނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.

ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 288 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ. އެމީހުން ނިސްބަތްވަނީ 20 އަތޮޅުގެ 125 ރަށަކަށެވެ. އޮކްޓޫބަރު 13 ވަނަ ދުވަހު މާފިލާފުއްޓަށް ރިޕޯޓްކުރި ދަރިވަރުން 14 ހަފުތާ ވަންދެން ތަމްރީނުގައި ތިބޭނެއެވެ.
ތަމްރީނުގެ ތެރެއިން ދަރިވަރުންނަށް ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން، ދީނީ ތައުލީމު، ލީޑަރޝިޕް އަދި ލޭންގުއޭޖް ޕްރޮފިޝެންސީ ކިޔަވައިދެވޭނޭ ކަމަށާއި ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތަކާއި، އަހްލާގާއި ސުލޫކު ހަރުދަނާކުރުމަށް ހެވިކަމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭނޭ ކަމަށާއި މީގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް، ކޭމްޕް ހަރަކާތްތަކާއި އަސްކަރީ ތަމްރީނުގެ ތައާރަފެއް ވެސް ދޭނޭ ކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދެވޭއިރު، މުގައްރަރުގެ ހުރިހާ މިންގަނޑެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް "ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް" ލިބޭނެއެވެ. ފަޔަރ ފައިޓިންގ މޮޑިއުލުން ފާސްވާ މީހުންނަށް "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ" ސެޓްފިކެޓާއި، ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ މީހުންނަށް "ބޭސިކް ފަސްޓް އެއިޑް" ސެޓްފިކެޓް ދެވޭނެއެވެ. "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް "ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ" ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ވެސް ދެވޭނެއެވެ.
މި ޕްރޮގްރާމަކީ ޒިންމާދާރު، އަގީދާ ވަރުގަދަ، ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިފުތިތާހީ ތަގްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ގައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ މުހިންމު ތަނބަކަށް މި ޕްރޮގްރާމް ވާއިރު، ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުމަކީ އޭގެ މައިގަނޑު މަގުސަދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް