ވާހަކަ: ޑައިރީ – ފަސްދޮޅަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ޢާއިލާއޭ...؟ ކޮން އާއިލާއެއްގެ ވާހަކަ ތި ދައްކަނީ...! އަދި ކިރިޔާތަ ޢާއިލާއެއް އޮތް ކަން އެނގިގެން ތިއުޅެނީ...؟" އަންޖަލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. "އަހަރެންދެކެ ރުޅިއައު...

24 Oct 2024 | 11:54

ކުރީގެ އަދަދާއި ގުޅޭ...

"ޢާއިލާއޭ...؟ ކޮން އާއިލާއެއްގެ ވާހަކަ ތި ދައްކަނީ...! އަދި ކިރިޔާތަ ޢާއިލާއެއް އޮތް ކަން އެނގިގެން ތިއުޅެނީ...؟" އަންޖަލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"އަހަރެންދެކެ ރުޅިއައުން އަންޖަލްއަށް ހަމަ ޙައްޤު..! އެކަމަކާ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަން...! އަހަންނަށް މާފުކުރޭ...! ދެން ދުވަހަކުވެސް އަހަރެން އަންޖަލް އަކަށް ދެރަގޮތެއް ނުހަދާނަން..! އަހަރުމެންނަށް ލިބެން އުޅޭ ދަރިފުޅަށްޓަކައިވެސް އަހަންނަށް މާފުކުރޭ...!" މިފްޒާލް ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

"ކޮން ދަރިފުޅެއްގެ ވާހަކަ ތި ދައްކަނީ...؟" އަންޖަލް އަދިވެސް އިނީ ރުޅިއައިސްފައެވެ.

"އަހަރުމެންނަށް ލިބެންއުޅޭ ދަރިފުޅު...! ދެންމެ އަންޖަލްއާ މަންމަ ދެއްކި ވާހަކަތައް އަހަރެން އަޑުއަހައިފީމޭ...! އަހަންނަށް އެނގޭ އަންޖަލް އަށް އަހަންނަށް ދެވުނު އަނިޔާއަކީ މާފު ކުރެވޭވަރުގެ އަނިޔާއެއް ނޫންކަން...! ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުން އަހަންނަށްވަނީ އަންޖަލްއަށް ވަރަށް ބޮޑަށް އަނިޔާކުރެވިފަ...! އަހަންނަށް ކުރެވިފައިވާ ހުރިހާ ކުށަކަށް އަހަރެން މާފަށް އެދެން...! އަހަރެން ﷲ ގެ ހަޟްރަތުގައި ތައުބާވާން ވެސް ބޭނުން..." އަނެއްކާވެސް މިފްޒާލް އަންޖަލްގެ އަތުގައި ހިފާލިއެވެ.

"ތިއީ ހުސްވާހަކަ..! ތިކަހަލަ ވާހަކަތަކަކަށް ދެނެއް ނުހެއްލޭނެ...! އެ އަންހެން ކުއްޖާ ކައިރިއަށް ގޮސް ތިވާހަކަތައް ދައްކާ...!" އަންޖަލް އަދިވެސްހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވީ މިފްޒާލްގެ މަންމައެވެ. މިފްޒާލް މަންމައާ ދިމާއަށް ބަލާލުމަށްފަހު އެނދުން ތެދުވެލިއެވެ.

"ބަލަ އަދިވެސް ދަރިފުޅުމެން ތިބީތަ...؟ އެއްޗެއް ކާލަން ބޭރަށް އާދެބަލަ...! އަންޖަލް ހުސް ސައިތައްޓެއް ބޯލި ގޮތަށް އެ އޮންނަނީ...! ދަރިފުޅު އަންޖަލް ގޮވައިގެން އެއްޗެއް ކާލަން ބޭރަށް އާދޭ...!" މިފްޒާލް އާ ދިމާއަށް ބަލަން ހުރެ މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.

"މަންމާ..! އަހަންނަށް މާފުކުރޭ...! އަންޖަލް ކައިރީގައިވެސް ބުނެބަލަ އަހަންނަށް މާފު ކުރާށޭ..!" އޭރުވެސް މިފްޒާލްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

"ދަރިފުޅަށް މަންމަ މާފުކޮށްފިން...! އެހެންވީމަ ދެން ދަރިފުޅު އަންޖަލްގެ ކިބައިން މާފަށް އެދޭ...! ދަރިފުޅު އެވަރަށް އޭނައަށް އަނިޔާ ކުރަމުން ދިޔައިރު އޭނަ އެއްވެސް ޝަކުވާއެއް ކުރިތަ...؟ ނުކުރެއެއްނު...! ދުވަހަކުވެސް ޗުއްޕުވެސް ބުނިތަ..؟ ނުބުނެއެއްނު...! ގައިމު އެއީ ކަމެއްވީމަތާ..!" މިފްޒާލްގެ މަންމަ އައިސް މިފްޒާލްގެ ކޮނޑުގައި ހިފަހައްޓާލަމުން ވާހަކަ ދެއްކިއެވެ.

"އަންޖަލް..! އަންޖަލް..! ހެޔޮނުވާނެ، އަހަރެން ދެން ދުވަހަކުވެސް އަންޖަލް ނުރުހޭ އެއްވެސް ކަމެއް ނުކުރާނަން...! އަންޖަލް އަށް އެއްވެސް ދެރަގޮތެއްވެސް ނުހަދާނަން..! އަހަރެން އުފަން މަންމަ ހެކިކޮށްފައި މިބުނަނީ...! ހެޔޮނުވާނެ އަހަންނަށް ދެން ތިހެން ނަހަދާ...! އަހަރެން މިފަހަރު މިގެއަށް މިއައީ އަންޖަލްއާއެކު މުޅި އުމަރަށް އުފާވެރި ދިރިއުޅުމެއް އުޅެން..! އަހަންނަށް މާފުކުރޭ..!" އަންޖަލް އާ ދިމާއަށް ބަލަންހުރެ މިފްޒާލް އާދޭސް ކުރަމުން ގެންދިޔައެވެ.

"މަގޭ ދަރިފުޅަށް ތަންކޮޅެއް ލަހުން ނަމަވެސް ހެޔޮ ވިސްނުން ދެއްވީތީ މާތް ﷲ ގެ ހަޟްރަތަށް ޙަމްދާ ޝުކުރު ކުރަން..!" މިފްޒާލްގެ މަންމަ މިފްޒާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަންޖަލް އާ ދިމާއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.

އަންޖަލް އަދިވެސް އިނީ އިސްދަށަށް ޖަހާލައިގެންނެވެ. އެވަގުތު އަންޖަލް އެއްވެސް އެއްޗެއް ނުބާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މަންމައާއި، ދަރިފުޅެއްގެ އެ އާދޭސްތައް އަޑު އިވިފައި އަންޖަލްއަށްވެސް އިނީ ހިސާބަކަށް އަސަރު ކޮށްފައެވެ.

"ދަރިފުޅު ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ..؟ މިފްޒާލް އާއެކު ދިރިއުޅޭކަށް މަންމަ އަންޖަލް އަކަށް މިފަހަރަކު މަޖުބޫރެއް ނުކުރާނަން...! ދަރިފުޅު ދެން މިކަމުގައި ގޮތެއް ނިންމަންވާނީ..! މަންމަ އުއްމީދު ކުރަނީ ދަރިފުޅު ކަތި ފިޔަވަޅެއް ނާޅާނެ ކަމަށް...! އަދި މިކަމުގައި ގޯސްމަގެއްވެސް ހިޔާރު ނުކުރާނެ ކަމަށް...! މަންމަ މިދަނީ ކާން ހަދަން...! ދަރިފުޅުމެން މޫނު ދޮވެލައިގެން ކާން އާދޭ..!" އިސްޖަހައިގެން އިން އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު ހިނގައިގަންނަމުން މިފްޒާލްގެ މަންމަ ބުންޏެވެ.

މަންމަ ކޮޓަރިން ނުކުމެގެން ދިޔުމުން އަނެއްކާވެސް މިފްޒާލް، އަންޖަލް ގާތުގައި އެނދުގައި އިށީނެވެ. އަދި އިސްޖަހައިގެން އެނދުމަތީގައި އިން އަންޖަލް އާ ދިމާއަށް ބަލަން އިރުކޮޅަކު އިނެވެ.

"ހެޔޮނުވާނެ..! އަހަރެން އާދޭސްކޮށް ދެފައިގައި ހިފާފަ މިބުނަނީ އަހަންނަށް މާފުކުރޭ...! އަހަރެން އަންޖަލްގެ ކިބައިން މާފަށް އެދޭއިރުވެސް އަހަންނަށް އެނގޭ އަހަރެން ކުރި ކުށްތަކަކީ އަތްންބަކު މާފު ދޭނެ ވަރުގެ ކުށްތަކެއް ނޫންކަން..! އަހަންނަށް ތިހެން ނަހަދާ...! ޕްލީސް..!" މިފްޒާލް، އަންޖަލްގެ ދެފައިގައި ހިފާފައި އާދޭސް ކުރަމުން ރޮމުން ގެންދިޔައެވެ.

އަހަރެން ކިހިނެތް ތި ދައްކާ ވާހަކަތައް ޤަބޫލު ކުރާނީ...؟ އަހަންނަކަށް ޤަބޫލެއް ނުކުރެވޭ މިފްޒާލް އިސްލާޙުވާނެ ކަމަކަށް..! މިފްޒާލް އެނގޭތަ، މިފްޒާލް ކުރަމުން ތި ގެންދާ ކަންތައްތައް...! ތިކަމުގައި އަހަންނަށް ނޭނގޭ އެއްވެސް އެއްޗެއް ނެތޭ...! ތިކުޅިގަނޑެއް މިފްޒާލް ފެށީންސުރެ މިއަދާ ހަމައަށް މިފްޒާލް ކުރަމުން ތިގެންދާ ހުރިހާ ކަމެއް އަހަންނަށް އެނގެޔޭ..! އެކަމަކު އަހަރެން އެއްވެސް އެއްޗެއް ބުނިންތަ..؟ ނުބުނަމެއްނު..! އަހަރެންހުރީ މިފްޒާލް ރަނގަޅުވާނެ ދުވަހަކަށް..! އެކަމަކު މިފްޒާލް، އަހަރެން މި ދެން ރަނގަޅުވިއްޔޭ ބުނާއިރު އަހަންނަށްވަނީ އެކަން ގަބޫލު ނުކުރެވޭ ހިސާބަށް ކަންތައް ގޮއްސައޭ...! އަހަރެން އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހެދިގެން މިވީ ދުވަސްތަކުގެ ތެރޭގައި ހުއްޓަސް، މިފްޒާލް މިހާތަނަށް ކަންތައް ކުރަމުން ގެންދިޔަ ގޮތުގެ ހެކި އަހަރެން އަތުގަ އެބަހުއްޓޭ..! މިފްޒާލް ބޭނުންތަ އެ އެއްޗިހި ބަލަން...!" އަންޖަލްގެ އަޑުގައި އަދިވެސްވަނީ ރުޅިވެރިކަމާއި، ހިތާމައިގެ އަސަރު ތަކެވެ.

"އަހަންނަށް އެނގެޔޭ އަހަންނަށް ކަންތައް ކުރެވުނު ހުރިހާ ގޮތެއްވެސް...! އެހުރިހާ ކަމަކަށް އަހަރެން އަންޖަލްގެ ކިބައިން މި މާފަށް އެދެނީ..! ދެން ދުވަހަކުވެސް އަހަރެން ކިބަޔަކުން އެކަހަލަ އެއްވެސް ކަމެއް ނުވާނެ..! އަހަރެން ހުވާކޮށްފައި މިބުނަނީ އަހަރެން ދުވަހަކުވެސް އަންޖަލް ދެރަވާ އެއްވެސް ކަމެއް ނުކުރާނަން...! މިހާތަނަށް އަންޖަލް އަށް ދެވުނު ހުރިހާ ހިތާމައަކާއި، ދެރައަކަށް މާފަށް އެދެން...! އަދިވެސް އަހަރެން މިބުނަނީ އަހަރުމެންނަށް ލިބެންއުޅޭ ދަރިފުޅުގެ ޙައްޤުގައިވެސް އަހަންނަށް މާފުކުރާށޭ...! ކީއްވެތަ އަންޖަލް ބަލިވެ އިންވާހަކަ އަހަރެން ކައިރީގައި ނުބުނީ..؟" އަންޖަލްގެ ބަނޑުގައި އަތް ޖައްސާލަމުން މިފްޒާލް އަސަރާއެކު ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އަހަރެން އެވާހަކަ ކޮންމެހެން ނުބުންޏަސް މިހާރު މިފްޒާލް އަށް އެކަން ތިއޮތީ އެނގިފައެއްނު..." މިފްޒާލްގެ އަތް ދުރަށް ޖައްސާލަމުން އަންޖަލް ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު..! އަހަރެން ދެން އަންޖަލް ދެރަވާ ކަހަލަ އެއްވެސް ގޮތެއް ނަހަދާނަން...! ހިނގާ ދެން އަހަރުމެން ރަނގަޅު ދިރިއުޅެއް އުޅެމާ..! ހިނގާ ކާންދާން..! އަހަރެން ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ...!" އަންޖަލްގެ އަތުގައި ހިފާލަމުން މިފްޒާލް ބުންޏެވެ.

"އަހަރެން މިގެއިން ދާން ނިންމައިގެންހުރި ވާހަކަ އެއް މަންމައެއް ނުބުނޭތަ...؟" މިފްޒާލް، އަންޖަލްގެ އަތުގައި ހިފާލުމުން އެ އަތާ ދިމާއަށް ބަލާލުމަށްފަހު އަންޖަލް ބުންޏެވެ.

"ތިހެން ކަންތައް ކުރުންވެސް އަންޖަލް އަށް ހަމަ ޙައްޤު...! އަހަންނަކީ އަންޖަލްގެ ފިރިމީހާ ކަމުގައިވިޔަސް އެހެން ކަންތައް ނުކުރާށެކޭވެސް ބުނުމުގެ ޙައްޤެއް މިހާރަކު އަހަންނަކަށް ނެތް...! އެކަމަކު އެހެން ކަންތައް ކޮށްފިއްޔާ އަހަރެން ވަރަށް ދެރަވާނެ...! އަހަރެން އަންޖަލް އާ ދޭތެރޭ ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އަދިވެސް އަހަރެން ދެރަވާފަދަ އެއްވެސް ކަމެއް އަންޖަލް ކޮށްފާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން...!" އަންޖަލްގެ އަތުގައި ހިފައިގެން އެހުރި ގޮތަށްހުރެ މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އެހެންތަ..؟ ހާދަ އިތުބާރެއް މިހާރު އަހަންނަށް ތިކުރަނީ...! ކިތަންމެ އިތުބާރެއް ކުރިޔަސް އަހަރެން މިހާރު އެ އޮތީ ވަކިގޮތެއް ނިންމާފަ...! އެ ނިންމުން ބަދަލު ކުރަން ދެން އަހަންނަށް ވަރަށް އުނދަގުވާނެ...! އަހަރެން ނުބުނާނަން އަހަރެން ވަރިކުރާށެކޭ...! އެކަމަކު އެއީ މިހާރު އަހަރެން ބޭނުންވާ ކަމެއް...! މިފްޒާލް އަށް އެނގޭނީ މިފްޒާލް ކަންތައް ކުރާނެ ގޮތެއް...!" އަންޖަލް އެނދުން ތެދުވަމުން ބުންޏެވެ.

"އަހަރުމެންނަށް ލިބެން އުޅޭ ދަރިފުޅުގެ ޙައްޤުގައިވެސް ތިހެން ނުބުނޭ...! ޕްލީސް...! އަހަރެން އުއްމީދުކުރަން މިކަމާ އަންޖަލް ވިސްނާފަ އަހަންނަށް އަދި އެއްފުރުޞަތު ދޭނެ ކަމަށް..." އަންޖަލް ފަހަތުން ހިނގައިގަންނަމުން މިފްޒާލް ބުންޏެވެ.

------------

އައިލީންމެން މާލެދިޔައީ ޒާރާގެ ޝަރުއީ ހުރިހާ ލިޔެކިޔުންތައް ނިންމައިގެން ޒާރާ އަކީ އެމީހުންގެ ދަރިއެއްގެ ގޮތުގައި ހަދައިގެން ޒާރާ ގޮވައިގެންނެވެ. ލަގެޖުތައް ކަލެކްޓްކޮށްގެން ޓްރޯލީއަށް އަރުވައިގެން އެޓްރޯލީގައި ހިފައިގެންހުރީ ރާއިފު އެވެ. އައިލީން ހުރީ ޒާރާ އުރައިގެންނެވެ. ޕިންކް ހެދުމެއް ލައްވާފައިއޮތް ޒާރާ ވަރަށް ލޯތްބެވެ. ތިންމަސް ވެފައިވާ ކުޑަކުޑަ ޒާރާ ބަލާބެލުމަށް ހީވަނީ ގާތްގަޑަކަށް އުމުރަށްވުރެ ތަންކޮޅެއް ބޮޑު ކުއްޖެއްހެންނެވެ. ރޫފަ ރަނގަޅު ވެފައި ލޯބި ކަމުންނެވެ. އައިލީން ބޭބީ އުރާލައިގެން އެއަރޕޯޓުން ބޭރަށް ނުކުތްއިރު އެމީހުން ރިސީވް ކުރުމަށްޓަކައި ނާޒިމާ އައިސް ހުއްޓެވެ. އައިލީން ފެނުމާއެކު ނާޒިމާ ބާރުބާރަށް ހިނގާފައި އައިސް ބޭބީ އުރާލުމަށްފަހު ގަޔާލާ ބޮނޑިކޮށްލިއެވެ. ނާޒިމާ އުފަލުންގޮސް ލޮލުން ކަރުނަ ހިލުނެވެ. އަދި ބޭބީގެ ކޮލުގައި ކިސްކޮށްލިއެވެ.

"ހާދަ ލޯތްބޭ..." ބޭބީގެ ނިތްކުރީގައި ބޮސްދެމުން ނާޒިމާ ބުނެލިއެވެ.

"ބަލާބަލަ މިހާރު އޮތްލެތް ލޯބިކަން...! ފްލައިޓްމަތީ ހުއްޓާނުލާ ހަމަ ރޮނީ...!" ހިނިއައިސްފަ އޮތް ޒާރާގެ ކޮލުގައި ހިފާލަމުން އައިލީން ބުންޏެވެ.

"ބޭބީއަށްވެސް ހީވާކަހަލަ މިއާދެވުނީ އަމިއްލަ ރަށަށޭ ދޯ...؟" ރާއިފުގެ ބޭބީ ގައިގައި ކޮށްޓާލަމުން ހީނލާފައި ބުންޏެވެ.

"މިއީ އަމިއްލަ ރަށޭދޯ...؟" ނާޒިމާ އަނެއްކާވެސް ޒާރާގެ ނިތްކުރީގައި ބޮސްދެމުން ހީނލާފައި ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 27 އޮކްޓޯބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް