މިފްޒާލްގެ މަންމަ ބޭނުންވަނީ އަންޖަލްއާއި، މިފްޒާލް އުފާވެރި ދިރިއުޅުމެއް އުޅޭތަން ބަލަން ކަމުގައިވާތީ، ކައިވެނީގެ ގޮށް މޮހުނަނުދީ އުފާވެރި ކަމާއެކު މުޅިން އާ ދިރިއުޅުމެއް އުޅުމަށްޓަކައި ނަސޭހަތް ދެމުން ގެންދިޔައެވެ.
"އަހަރެން މިހާރު ޖެހޭނީ ތިކަމާ ވިސްނާލާނަން..! ދެން އެކަމަކު ފޯނު ބާއްވަނީ..." މިފްޒާލް ބޭނުންވީ އަވަހަށް ފޯނު ބޭއްވުމަށެވެ.
"އެކަމަކު ފޯނު ބޭއްވުމުގެ ކުރިން މަންމަ ބޭނުން އެއްވާހަކަ ބުނެލަން..! ދަރިފުޅު މިކަމުގައި ފިޔަވަޅެއް އެޅުން ލަސްވެއްޖިއްޔާ ފަހަރެއްގައި އަބަދުގެ އަބަދަށް ދަރިފުޅަށް އަންޖަލް ގެއްލުމަކީވެސް އެކަށީގެންވާ ކަމެއް...! އެހެންވީމާ އަވަހަށް މިކަމާމެދު ގޮތެއް ނިންމާތި... އަންޖަލް މިފަހަރު ގެއްލިއްޖިއްޔާ ދަރިފުޅު އެކަމާ ފަހުން ހިތާމަވެސް ކުރަން ޖެހިދާނެ...!" ފޯނު ބާއްވަމުން މިފްޒާލްގެ މަންމަ ބުނެލިއެވެ.
މިފްޒާލް ފޯނު ބޭއްވުމަށްފަހު މަންމަގެ ވާހަކަ ތަކާމެދު ވިސްނާލިއެވެ. މަންމަ އަންޖަލް ގެއްލިދާނެއޭ އެބުނާ ވާހަކައަކީ ކޮން ވާހަކައެއްތޯ ވިސްނާލަން މިފްޒާލް އަށް މަޖުބޫރުވިއެވެ. އަދި އެންމެފަހުން މިފްޒާލް ގަސްދުކުރީ މަންމަ ބުނިފަދައިން ގެއަށް ގޮސްލުމަށެވެ.
"މަންމަ, މިފްޒާލް އާ ގުޅައިފިން...! އޭނަ ހިތުގައި ދަރިފުޅާމެދު ޙަމްދަރުދީއެއް އޮތިއްޔާ މިއަދު މިގެއަށް އަންނާނެ...!" މިފްޒާލްގެ މަންމަ ގޮސް އެނދުމަތީގައި އޮތް އަންޖަލް ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"މަންމަ ކައިރީގައި ބުނީމެއްނު، މިފްޒާލް ކައިރީގައި އެއްވެސް ވާހަކަ ނުދައްކާށޭ...! ކީއްކުރަން ދެން ހުރިހާ ވާހަކައެއް ތިދެއްކީ..؟ އަހަރެން އެއްގޮތަކަށް ހިތްހަމައެއް ނުޖެހޭ..! އޭނަ ދުވަހަކުވެސް ނުވާނެ ރަނގަޅެއް...!" ހިތްހަމަ ނުޖެހިފައިއޮވެ އަންޖަލް ބުނެލިއެވެ.
"މަންމަ އެއްވެސް ވާހަކައެއް ނުދައްކަމޭ...! ދަރިފުޅު ނުބުނާށޭ ބުނީމަ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން..! އެކަމަކު ދަރިފުޅު ހަނދާން އެބަހުރިތަ، ދަރިފުޅު އެންމެ ފުރަތަމަ މިފްޒާލް އާ ކައިވެނިކޮށް މިގެއަށް އައި ދުވަސް...! އެދުވަހު މަންމަ ބުނީމެއްނު މަންމަގެ ޢާއިލާ މި ފުރިހަމަ ވިއްޔޭ...! އެކަމަކު މިޢާއިލާ އެންމެ ފުރިހަމަވާނީ މަންމައަށް މާމަ ކިޔާނެ ދަރިފުޅަކު ލިބުނީމައޭ...! ދަރިފުޅު ހަނދާން އެބަހުރިތަ، މަންމަ އެހެން ބުނީމެއްނު...! މިއަދު މިއޮތީ އެކަން ފުރިހަމަ ވެފައި..! އެކަމަކު މިވަގުތު ދަރިފުޅު މަންމަމެން ދޫކޮށްލާފަ ފުރައިގެން ދަރިފުޅުގެ މަންމަ ކައިރިޔަށް ނިއުޒިލެންޑަށް ގޮއްސިއްޔާ އަހަރުމެންގެ މިކުޑަކުޑާ ޢާއިލާ ފުރިހަމަވާނީ ކިހިނެތް...؟ ދުވަހަކުވެސް ފުރިހަމައަށް ނުވާނެ...! ލިބެންއުޅޭ ތުއްތު ތުއްތު ދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދައިދޭނީ ކިހިނެތް...؟ މަންމަ އުއްމީދު ކުރަން ދަރިފުޅު މިކަމާ ވިސްނާލާނެ ކަމަށް..! އަހަރުމެން ދޫކޮށްލާފައި ދަރިފުޅު ނުދާނެ ކަމަށް...! ދަރިފުޅާ ނުލާ އަދި ލިބެން ތިއުޅޭ ތުއްތު ތުއްތު ދަރިފުޅާނުލާ ކޮން ހަމަޖެހުމެއް އޮންނާނީ..! ވެދިޔަތަން ވެދިޔައީ...! އެކަންކަން ހަނދާން ނައްތާލާފަ އަލުން ރަނގަޅު ދިރިއުޅުމެއް ލިބޭތޯ މަސައްކަތް ކުރެވޭތޯ ބެލުމަކީ މަންމަ ވަރަށް ބޮޑަށް އެދޭ ކަމެއް...! މަންމަ މިފްޒަލަށްވެސް ވިސްނާ ދޭނަން...! މިފަހަރު މަންމަގެ ބަސް މިފްޒާލް ޤަބޫލު ކުރާނެކަން ޔަޤީން..!" މިފްޒާލްގެ މަންމަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
"މަންމާ...! އަހަރެން މިގޭގައި ހުރުމަކުން ލިބެންއުޅޭ ދަރިފުޅަށް ވަކި މޮޅުތަކެއްވާނެތަ...؟ ނުވާނެ...! އޭނަ އަށް ފެންނާނީ ކޮންކަހަލަ މަންޒަރުތަކެއްކަން މަންމައަށް އެނގޭތަ...؟ ތި މަންމަ އަހަންނަށް ވަރަށް ރަނގަޅު...! އަހަރެން ބަނޑުއަޅައި ވިހޭ މައިމީހާ ހާ ރަނގަޅު...! އެކަމަކު ދެވަނަ ފަހަރަށް މިގެއަށް އަހަރެން އައުމުންވެސް މިފްޒާލްގެ ފަރާތުން އަހަންނަކަށް އެއްވެސް އެއްޗެއް ލިބުނުތަ...؟ އަންބެއްގެ ލޯތްބެއް ލިބުނުތަ...؟ ނުލިބުނެއްނު...! އެއްވެސް އޯގާތެރިކަމެއް، އަޅާލުމެއްވެސް ނުލިބުނު...! އަނެއްކާ އޭނަ މިހާރު އެއިނީ އަހަރެން ވަރިކުރުމަށްވެސް ތައްޔާރުގައި..! އެހެންވީމާ، އަހަންނަށާއި، އަހަންނަށް ލިބެންއުޅޭ މިދަރިފުޅަކަށް މިފްޒާލްގެ ފަރާތުން އެއްވެސް އޯގާތެރިކަމެއް ލޯތްބެއް ލިބޭނެ ކަމަކަށް މިހާރަކު އަހަރެން އެއްވެސްވަރަކަށް އުއްމީދެއް ނުކުރަން..." އަންޖަލް، އޭނާގެ ބަނޑުގައި އަތްޖައްސާލައިގެން އޮވެ ވާހަކަ ދެއްކިއެވެ.
"ނޫނޭ...! އެއީ ދަރިފުޅު ބަލިވެ އިންކަން މިފްޒާލް އަށް ނޭނގޭތީ...! އެކަން އެނގޭ ހިސާބުން ހުރިހާ ކަމެއްވެސް ބަދަލުވާނެ...! އިރާދަކުރެއްވިއްޔާ ދަރިފުޅު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބަދަލުވެގެންދާނީ...! މަންމަ މިފްޒާލްގެ ދެފައިގައި ހިފާ އާދޭސްކުރާނަން...! އޭރުން ދަރިފުޅަށް ލިބެން އުޅޭ ތި ދަރިފުޅަށް ރަނގަޅު ބައްޕައެއްވެސް ލިބޭނެ، އަދި ދަރިފުޅު ދެކެ ލޯބިވާ ފިރިޔަކުވެސް ހުންނާނެ...! މިއަނިޔާވެރި ދުވަސްތައް ވަރަށް އަވަހަށް ހަނދާން ނެތިގެން ހިނގައިދާނެ...! އަދިވެސް އެއްފަހަރު ވިސްނާލާފައި، ދަރިފުޅުގެ ތި ނިންމުން ބަދަލުކުރުމަށް މަންމަ ވަރަށް ބޮޑަށް އެނދެން...!" މިފްޒާލްގެ މަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުތައް ފެހެލަމުން ވާހަކަ ދެއްކިއެވެ.
"މަންމާ...! މިފްޒާލް އެއީ މަންމަގެ ދަރިއެއްވީމާ މަންމައަށް ތިހެން ބުނެވިދާނެ..! އަހަރެން މަންމައެއް ކުށްވެރިއެއް ނުކުރާނަން...! އެކަމަކު އަހަރެން ކިހިނެތް މިފްޒާލް އާ އިނދެގެން މިވީ ދުވަސްތަކުގެ ތެރޭގައި އަހަންނަށް ލިބުނު ހިތާމައާއި، އަނިޔާތައް ހަނދާން ނައްތާލާނީ...! މި ދުވަސްތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ...! ތި މަންމަގެ ކުރިމަތީގައި މިހެން ބުނަން ޖެހުނީމަ ދެރަވެސްވޭ...! ލަދުވެސްގަނޭ..! އަހަރެން އުއްމީދު ކުރަން އަހަރެންގެ ނިންމުންތަކާމެދު މަންމަގެ ހިތުގައި އެއްވެސް ބުރަ ކަމެއް ނުބާއްވާނެ ކަމަށް...!" އަންޖަލްގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ.
"ދަރިފުޅު ބޭނުންވަނީ ތި ލިބެންއުޅޭ ތުއްތު ތުއްތު ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙްރޫމު ކުރަންތަ...؟ އެހެން ނަހަދާ..! އާދޭސްކޮށްފައި މިބުނަނީ...!" އަންޖަލް އަތުގައި ހިފައިގެން އިނދެ މިފްޒާލްގެ މަންމަ ރޮމުން ގެންދިޔައެވެ.
"މަންމާ..! މަންމައަށްވެސް އެނގެއެއްނު މިހާރުވެސް މިދަރިފުޅު ވަނީ ބައްޕައެއްގެ ލޯބިން މަޙްރޫމުވެފަކަން...! މިފްޒާލް އަހަރެން ވަރިކުރާކަށް މާގިނަ ދުވަހެއް ނެތޭދެން...! އެހެން ނޫނަސް މިފްޒާލް އަހަރެން ވަރިނުކުރިޔަސް އޭނަގެ ފަރާތުން މިދަރިފުޅަކަށް ބައްޕައެއްގެ ލޯތްބެއް ނުލިބޭނެކަން މަންމައަށް ވެސް ހަމަ ރަނގަޅަށް އެނގެއެއްނު...! ނުރޮއި މަންމާ...! މަންމަ ރޯތަން ބަލާކަށް އަހަންނަކަށް ކުޅަދާނެއެއް ނޫނޭ...!" އަންޖަލް، މިފްޒާލްގެ މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއެވެ.
"އެންމެ ރަނގަޅު..! ދަރިފުޅު ބޭނުން ގޮތަކަށް ކަންތައް ކުރޭ...! ދަރިފުޅު ނިންމާ ކޮންމެ ނިންމުމަކަށް މަންމަ މަރްޙަބާ ކިޔާނަން...! މިހާރު ނަމާދު ގަޑި ޖެހެނީ އެ...! ދެން މަންމަ މިދަނީ ފެންވަރައިގެން ނަމާދަށް އަރަން..! ދަރިފުޅު ހުސް ސައިތަށި ބުއިގޮތަށް ތިއޮންނަނީ އެއްވެސް އެއްޗެއް ނުކައި...! މަންމަ ނަމާދުކޮށް ނިމޭހާއިރު ކޮށްލާފައި ދަރިފުޅުވެސް ނަމާދުކޮށްލައިގެން އެއްޗެއް ކާލަން ބޭރަށް ނުކުންނާތި..." މަންމަ ދެލޯ ފޮހެލުމަށްފަހު އެނދުން ތެދުވަމުން ބުންޏެވެ.
މިފްޒާލްގެ މަންމަ ކޮޓަރިން ބޭރަށް ނުކުތްއިރު ކޮޓަރިން ބޭރުގައި ދޮރުކައިރީގައި މިފްޒާލް ހުއްޓެވެ. މިފްޒާލް ހުރީ ކޮޓަރީގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އަޑު އަހާށެވެ. އޭރު މިފްޒާލްގެ ލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ އައިސްފައި ހުއްޓެވެ. މިފްޒާލްގެ މަންމަ ކޮޓަރިން ނުކުތުމާއެކު މިފްޒާލް ހިފަހައްޓައިގެންހުރި ހުރިހާ ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. އަދި މަންމަގެ ގައިގައި ބައްދާލުމަށްފަހު ރޯން ފެށިއެވެ.
"ބަލަ ދަރިފުޅާ...! ކިހިނެތްވީ...؟ ކީއްވެގެންތަ ތި ރޮނީ..! ހުއްޓާލަބަލަ...! ދަރިފުޅާ...!: މިފްޒާލްގެ މަންމަ، މިފްޒަލް ގަޔާ ދުރުކޮށްލުމަށްފަހު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއެވެ.
"މަންމާ...! މަންމާ...! އަހަންނަށް މާފުކުރޭ..! ޕްލީސް އަހަންނަށް މާފުކުރޭ..! އަހަރެންގެ ސަބަބުން މަންމަ ލޮލުން މިއަދު ތި އޮހޮރުނު ކަރަނައިން އަހަރެންގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކޮށްފި...! އަހަންނަށް އެނގޭ މަންމަގެ ފައިދަށުން ނޫނީ ސުވަރުގެ ނުވަދެވޭނެކަންވެސް...! އަހަރެން ކުޑައިރު ބައްޕަ ނިޔާވި ފަހުން މަންމަ އަހަރެން ބަލާބޮޑުކުރި ނިކަމެތި ހާލު މިއަދު އަހަންނަށް އިޙްސާސް ކުރެވޭ...! އެއްގެއިން އަނެއްގެއިން މަސައްކަތް ކޮށްދީގެން އަހަންނަށް ކިޔަވައިދޭން މަންމަކުރި ބުރަ މަސައްކަތުގެ އަގު ދުވަހަކުވެސް އަހަންނަށް އަދާނުކުރެވޭނެކަންވެސް އަހަންނަށް އެނގޭ...! މަންމަ އަހަންނަށް ކޮންދިން ކަންކަމުގެ ބަދަލު އަހަރެން އަދާކޮށްދޭން ޖެހުނު ވަގުތު މަންމައަށް އަހަންނަށް މިކޮށްދެއްވުނީ ކޮން ކަމެއް... ދެވުނީ ކޯޗެއް...! ހިތާމައާއި ވޭން..! ޕްލީސް މަންމާ...! އަހަންނަށް މާފުކުރޭ..! އަހަރެން ބޭނުން ރަނގަޅު މީހެއްގެ ގޮތުގައި ދިރިއުޅެން..! މަންމަ މިކަމުގައި އަހަންނަށް އެހީތެރިވެދީ..!" މިފްޒާލްގެ ލޮލުން އަނެއްކާވެސް ކަރުނަތައް ފައިބައިގަތެވެ.
"ދަރިފުޅު މާފަށް އެދެންވީ މަންމަގެ ކިބައިންނެއް ނޫން...! ދަރިފުޅަށް ތި ކުރެވުނު ކަންތަކަށް މާފަށް އެދެންވީ އަންޖަލްގެ ކިބައިން...! އަންޖަލް ދަރިފުޅަށް މާފު ކޮށްފިއްޔާ ދެން އެހުރިހާ ކަމެއް އެ ނިމުނީ..!" އަނެއްކާވެސް މިފްޒާލް މަންމައާއި ދުރުކޮށްލަމުން މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުން އަންޖަލްގެ ކިބައިންވެސް މާފަށްއެދި، އަންޖަލް އާއެކު އުފާވެރި ދިރިއުޅެމެއް އުޅެން..!" މިފްޒާލްގެ ލޮލުން އަދިވެސް ކަރުނަ ހިލެމުން ދިޔައެވެ.
"އަވަހަށް ދޭ...! ގޮސް އަންޖަލްގެ ގާތުން މާފަށް އެދޭ...! މަންމައަށް ހީވަނީ އަދިވެސް އަންޖަލް ދަރިފުޅަށް މާފުކުރާނެ ހެން..! މަންމަ މިދަނީ ނަމާދަށް...! ދަރިފުޅުވެސް ނަމާދުކޮށްލައިގެން ދެކުދިން އެކީ ކާން އާދޭ..!" މިފްޒާލްގެ މަންމަ، މިފްޒާލްގެ ކޮނޑުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
މިފްޒާލް މަޑުމަޑުން ކޮޓަރިއަށް ވަނެވެ. އަންޖަލް އޮތީ ލޯމަރާލައިގެން އެނދުގައެވެ. މިފްޒާލް ކޮޓަރިއަށް ވަނުމާއެކު މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އަންޖަލް ލޯހުޅުވާލިއެވެ. މިފްޒާލް ގޮސް އަންޖަލް ގާތުގައި އެނދުގައި އިށީނެވެ. އަންޖަލް މަޑުމަޑުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"އަންޖަލް...! އަންޖަލް..! އަހަރެން... އަހަރެން އަންޖަލްގެ ކިބައިން މާފަށް އެދެން ބޭނުން..! އަހަންނަށް އެނގޭ އަހަންނަށް ކުރެވުނީ މާފުކުރާވަރަށްވުރެ މާބޮޑު ކުށެއްކަން..! އެންމެ ކުށެއްވެސް ނޫން...! އެތައް ބައިވަރު ކުށްތަކެއް..! އެކަމަކު...! އަހަރެން ބޭނުން އެ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު އަންޖަލް އާއެކު ކުރިން އުޅުނުހެން ދިރިއުޅެން...!" މިފްޒާލް ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
"ކުއްލިއަކަށް ތިވީ ކިހިނެތް...؟ ރޭގައި އަހަންނަށް ކުރި އަނިޔާތަކުގެ ތަދު އަދިވެސް ނުފިލައިގެން މިއުޅެނީ..!" މަލާމާތުގެ ރާގަކަށް އަންޖަލް ވާހަކަ ދެއްކިއެވެ.
"އާދޭސްކޮށްފައި ބުނަން...! އިންސާނުންނަށް ކުށް ކުރެވޭނީވެސް...! ދެން އިތުރަށް އަހަރެން ލަދުގަންނަވަން މަސައްކަތް ނުކުރޭ...! މީގެ ފަހުން އަންޖަލް ޝަކުވާ ކުރަންޖެހޭ ފަދަ އެއްވެސް ކަމެއް އަހަރެން ފުށަކުން ނުފެންނާނެ..! އަހަންނަށް މާފުކުރޭ..!" އަންޖަލްގެ އަތުގައި ހިފަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.
"އަހަރެން އަތުން ދޫކުރޭ..! ކިހިނެތް ތިދައްކާ ވާހަކަތައް އަހަރެން ޤަބޫލު ކުރާނީ..؟ އަހަރެން ގަބޫލެއް ނުކުރަން ކުއްލިއަކަށް މިފްޒާލް ބަދަލުވެދާނެ ކަމަކަށް...!" މިފްޒާލް، އަންޖަލްގެ އަތުގައި ހިފުމުން އަތް ދަމައިގަންނަމުން އަންޖަލް ބުންޏެވެ.
"ގަބޫލު ކުރޭ..! އަހަރެން ބޭނުން އަހަރެންގެ މި ކުޑަކުޑަ އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން...!" މިފްޒާލް އަންޖަލްއާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"ޢާއިލާއޭ...؟ ކޮން އާއިލާއެއްގެ ވާހަކަ ތި ދައްކަނީ...! އަދި ކިރިޔާތަ ޢާއިލާއެއް އޮތް ކަން އެނގިގެން ތިއުޅެނީ...!" އަންޖަލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 22 އޮކްޓޯބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް