އޮކްޓޯބަރު ދެވަނަ ދުވަހު ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީގެ މަރުގެ ތަހުގީގު ކުރިއަށްދާއިރު ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި ހަޝޫގްޖީގެ މަރާއި ގުޅޭ އެތައް ތެދެއް މިވަނީ ފެންމަތިވެފައެވެ. މި ލިޔުމުގައި މި ބަލައިލަނީ ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށް އަދި ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުގައިވެސް ރިޕޯޓްކޮށްފައިވާ، ހަޝޫގްޖީ މަރާލި ގޮތް ކަމަށް ބެލެވޭ ޓައިމްލައިނަށެވެ. ކަން ހިނގާ ދިޔަ ގޮތާއި އެކަންކަން ހިނގާ ދިޔަ ވަގުތުތަކަށެވެ.
އޮކްޓޯބަރު 02 2018 – ގަޑިން މެންދަމު 03:28
ސައުދީއަށް ނިސްބަތްވާ ނުވަ މީހަކު ގޮވައިގެން އައި ޕްރައިވެޓް ޖެޓެއް ސައުދީގެ އަތާތުރްކް އިންޓަނޭޝަނަލް އެއާޕޯޓްގައި ލޭންޑް ކުރި.
ހަމަ އެ ވަގުތު އެއާޕޯޓްގެ ތެރޭގައި ކަޅު ވެހިކަލްތަކެއް ދަތުރުކޮށްފައިވޭ.
އޮކްޓޯބަރު 02 2018 – ގަޑިން މެންދަމު 03:37
ޕްރައިވެޓް ޖެޓުގައި ސައުދީން އައި ނުވަ މީހުން އެއާޕޯޓް ސެކިއުރިޓީ ހުރަސްކުރި.
އޮކްޓޯބަރު 02 2018 – ފަތިހު 05:05
ސައުދީން އައި މީހުން ތުރުކީގެ މޫވެންޕިކް ހޮޓެލްގެ ލޮބީގެ ތެރެއިން ފެނިފައިވޭ، އަދި ދެމީހަކު ލިފްޓް ތެރެއިން ފެނިފައިވޭ، މިއީ އެމީހުން ތިބި ހޮޓެލް.
އޮކްޓޯބަރު 02 2018 – ހެނދުނު 09:40
ގްރޫޕް ތަކަށް ބެހިގެން ހެނދުނު 09:40 އާއި ހެނދުނު 09:55 އާއި ދެމެދުގެ ވަގުތުތަކުގައި އެމީހުން މޫވެމްޕިކް ހޮޓަލުން ނިކުމެފައިވޭ.
ނުވަ މީހުންގެ މައްޗަށް އެކުލެވޭ އިތުރު ގްރޫޕެއް ތުރުކީގެ ޔޭންޑް ގްރާންދޭ ހޮޓެލްގައި ތިބިކަމަށް ވޭ، އެމީހުން އައި ކަމަށް ބެލެވެނީ އެއް ބަޔަކު 01 އޮކްޓޯބަރުގައި އަދި އަނެއް ބަޔަކު 02 އޮކްޓޯބަރުގައި (ނަމަވެސް މިއީ އަދި ކަށަވަރު ނުކުރެވޭ މައުލޫމާތެއް ކަމަށް ބުނޭ).
އޮކްޓޯބަރު 02 2018 – ހެނދުނު 09:55
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ބޮޑީ ގާޑެއް ކަމުގައިވާ މާހެރު އަބްދުލްއަޒީޒް މުތުރޭބު، ތުރުކީގެ އިސްތާންބޫލްގައި ހުރި ސައުދީ ކޮންސިއުލޭޓަށް ވަންނަ މަންޒަރު ރެކޯޑު ކުރެވިފައިވޭ.
އޮކްޓޯބަރު 02 2018 – މެންދުރު ފަސް 01:00
ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓަށް ވަންނަ މަންޒަރު ރެކޯޑް ކުރެވިފައިވޭ، އޭނާގެ ލޯބިވެރިޔާ ހަދީޖާ އޭރު ކޮންސިއުލޭޓް ކައިރީގައި މަޑުކޮށްލައިގެންހުރި – ހަޝޫގްޖީ ކޮންސިއުލޭޓަށް ދިޔައީ، ތުރުކީއަށް ނިސްބަތްވާ އޭނާގެ ލޯބިވެރިޔާ (ހަދީޖާ) އާއި ކައިވެނި ކުރުމަށް، ސައުދީ ކޮންސިއުލޭޓުން ހޯދަން ޖެހޭ ލިޔުމެއް ހޯދުމަށް.
އޮކްޓޯބަރު 02 2018 – މެންދުރު ފަސް 02:30
މުސްތަފާ މަދާނީ ނަމަކަށް ކިޔާ މީހަކު، ހަޝޫގްޖީގެ ހެދުން ލައިގެން ފޭކު ތުނބުޅިއެއް ޖަހައިގެން ކޮންސިއުލޭޓުން ނިކުންނަ މަންޒަރު ފެނިފައިވޭ، ނަމަވެސް އެއީ މަދާނީކަން ކަށަވަރު ކޮށްފައިވަނީ ހަޝޫގްޖީ ކޮންސިއުލޭޓަށް ވަނތްތާ 90 މިނެޓު ފަހުން މަދާނީ ކޮންސިއުލޭޓަށް ވަންނަ މަންޒަރުވެސް ރެކޯޑު ކުރެވިފައިވާތީ.
އޮކްޓޯބަރު 02 2018 – މެންދުރު ފަސް 03:08
ކަޅު ކުލައިގެ ބަހެއް ސައުދީ ކޮންސިއުލޭޓާއި ގާތްކޮށް، ސައުދީ ކޮންސިއުލޭޓް ދޫކޮށް ގޮސްފައިވޭ.
އޮކްޓޯބަރު 02 2018 – ހަވީރު 05:33
ހަޝޫގްޖީގެ ލޯބިވެރިޔާ ހަދީޖާ، ކޮންސިއުލޭޓް ބޭރުގައި ހަޝޫގްޖީއަށް ކުރި އިންތިޒާރަށް އެތައް ގަޑިއިރެއް ވީއިރުވެސް ހަޝޫގްޖީ ކޮންސިއުލޭޓުން ނުނިކުންނާތީ އެކަން ތުރުކީގެ ރައީސްގެ އެޑްވައިޒަރަކަށް ރިޕޯޓް ކުރި އަދި ބައެއް ނޫސްވެރިންނަށްވެސް އެކަން އޭނާ އެންގި.
އޮކްޓޯބަރު 02 2018 – ރޭގަނޑު އިރާކޮޅު
ތުރުކީ ފުލުހުންނަށް ލިބުނު ރިޕޯޓްތަކަކަށް ބިނާކޮށް ސައުދީ ޓީމު ފުރިޔަ ނުދޭން "ރޯޑް ބޮލޮކް" ތައް ޖެހި އަދި އެއާޕޯޓްގެ ޕާސްޕޯޓް ކޮންޓްރޯލަށްވެސް އެކަން އެނގި ކަމަށްވޭ. ނަމަވެސް ސައުދީން އައި ޓީމު ތުރުކީއަށް އެތެރެވެފައިވަނީ ޑިޕްލޮމެޓިކް ސްޓެޓަސްގައި ކަމަށްވާތީ ވީއައިޕީ ސެކްޝަނުން ގޮސް އެމީހުން ޕްރައިވެޓް ޖެޓްތަކުގައި ނައްޓާލި.
---------------------------
އޮކްޓޯބަރު ދޭއްގައި ވީނުވީއެއް ނޭނގުނު ޖަމާލް ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާކަމަށް ސައުދީން އެއްބަސްވީ މިދިޔަ ހަފްތާ ބަންދުގައެވެ. އޭގެ ކުރިން ސައުދީން މުޅިންވެސް ބުނަމުން ގޮސްފައިވަނީ ހަޝޫގްޖީ ކުރަން ދިޔަ ކަންތައް ނިމުމުން ކޮންސިއުލޭޓް ދޫކޮށް އޭނާ ދިޔަކަމަށެވެ.
----------------------
ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އިއްޔެ ހާމަކުރެއްވި ގޮތުގައި ހަޝޫގްޖީގެ މަރަކީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެކެވެ. އަދި އެ ޖަރީމާގެ ތެދު ތުރުކީން ހޯދައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އުރުދުގާން އިއްޔެ ހާމަކުރެއްވި ގޮތުގައި، އެ ލިޔުމެއް ހޯދަން ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓަށް އެންމެ ފުރަތަމަ ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އޭނާ ގާތު ސައުދީ ކޮންސިއުލޭޓުން އެދުނީ އޮކްޓޯބަރު ދޭއްގައި އައުމަށެވެ.
ހަޝޫގްޖީގެ ހަށިގަނޑު ވީތަނެއް އަދި ނޭނގޭކަމުގައި އުރުދުގާން އިއްޔެ ހާމަކުރެއްވިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް ފެނިފައިވާކަމަށް ސްކައި ނިއުސްގައި ރިޕޯޓްކޮށްފައިވެއެވެ. ފެނުނީ ސައުދީން ތުރުކީއަށް ކަނޑައަޅާފައި ހުންނަ ކޮންސުލްގެ ގޭގެ ބަގީޗާ ތެރެއިން ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެ ރިޕޯޓްތަކަކީ މުޅިން ސައްހަ ރިޕޯޓްތަކެއްކަން އަދި ކަށަވަރެއް ނޫނެވެ.
--------------------
ޖަމާލް ހަޝޫގްޖީ އަކި ސައުދީއަށް ނިސްބަތްވާ ނޫސްވެރިއެކެވެ. 2017 ވަނަ އަހަރު ސައުދީ ދޫކޮށް އޭނާ އެމެރިކާއަށް ހިޖުރަކުރީ ސައުދީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ބުނެއެވެ. އެމެރިކާއަށް ދިރިއުޅުނު ބަދަލުކޯށް ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ގެންދިޔައެވެ. ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބައެއް ސިޔާސަތުތަކާއި ދެކޮޅަށް ފާޅުގައި ލިޔަމުން ގެންދިޔަ ހަޝޫގްޖީ ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ، ތުރުކީގައި ހުރި އޭނާގެ ލޯބިވެރިޔާ (ހަދީޖާ) އާއި ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުމެއް ހޯދުމަށެވެ.
އޮގަސްޓް ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓް ތެރޭގައި ހަޝޫގްޖީ މަރާލާފައިވަނީ ސައުދީއަށް ނިސްބަތްވާ ޓީމަކުން ކަމުގައި ސައުދީން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ހަށިގަނޑު ވީތަނެއް އަދި ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް