ފިނި މޫސުމެއް ހޫނު މޫސުމެއް ކިޔާނެ ކަމެއް ނެތެވެ. ބޯ ކަހަން ފަށައިފިއްޔާ އެއޮތީ ވާ ކަންތަކާ ލައިގެންފައެވެ. އަދި އާންމު ތަނެއްގައި ކަހައިގެންފި ނަމަ، ހާއްސަ ގޮތެއްގައި ބުރުގާ އަޅައިގެން އުޅޭ އަންހެން ކަނބަލުންނަށް ހެދޭނެ މާ ބޮޑު ގޮތެއް ނޯވެދާނެއެވެ.
އެހެން ނަމަވެސް ބޯ ކަހާ މައްސަލައަށް ބައެއް ހައްލު އެބަ ހުއްޓެވެ. މި ލިޔުމުގައި މި ބަލައިލަނީ އެފަދަ ބައެއް ހައްލަށެވެ.
ލުނބޯ ހުތް
ލުބޯ ހުތަކީ ގުދުރަތީ ގޮތުން އެންޓި މައިކްރޯ ބަޔަލް އެކެވެ. ލުނބޯ ހުތުގައި އެންޓި އިންފްލެމެންޓޮރީ މާއްދާ ހިމެނެއެވެ. ބޯ ކަހާނަމަ ބޮޑު ލުނބޮއެއްގެ ހުތް ފެލާލުމަށްފަހު ކަފަ ބޯޅައަކުން އެ ހުތް ބޮލުގެ ހަންގަނޑުގައި އުނގުޅާށެވެ. އެއަށްފަހު 10 ނުވަތަ 15 ވަރަކަށް މިނެޓް މަޑުކޮށްލުމަށްފަހު ބޯ ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު އެއްފަހަރު ހެދުމުން ފުދޭނެ އެވެ.
ކާށި ތެޔޮ
ބޯ ކަހަން މެދުވެރިވާ އެއް ސަބަބަކީ ހަންގަނޑު މާ ބޮޑަށް ހިކުން ކަމުގައި ވެދާނެއެވެ. އެހެންކަމުގައިވާނަމަ ކާށި ތެލަކީ އެންމެ ރަނގަޅު އެއް މޮއިސްޗަރައިޒަރ އެވެ. ބޯ ކަހާނަމަ ކާށި ތެޔޮ ކޮޅެއް ހޫނު ކޮށްލުމަށްފަހު އުނގުޅާލައި މަސާދު ކޮށްލާށެވެ. އަދި އެއަށްފަހު އާދައިގެ ޝޭމްޕޫއަކުން ބޯ ދޮވެލާށެވެ.
ބޭކިންގ ސޮޑާ
މޭޒުމަތީ ސަމުސަލުގެ ދޭއް ނުވަތަ ތިން ސަމުސާ ބޭކިން ސޮޑާ ކުޑަ ތައްޓަކަށް އަޅާށެވެ. އަދި ކުޑަ ފެންފޮދެއް އެޅުމަށްފަހު މާ ދިޔާ ނޫން މިންވަރަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ބޮލުގެ ހަންގަނޑުގައި އުނގުޅާލުމަށްފަހު 10 ނުވަތަ 15 މިނެޓަށްފަހު ބޯ ދޮވެލާށެވެ. ބޭކިން ސޮޑާ އަކީ އެންޓި ފަންގަލް އެޖެންޓެކެވެ. މީގެ އިތުރުން ބޮލުގެ ހަންގަނޑުގެ ޕީއެޗް ލެވެލް ވެސް ބޭކިން ސޮޑާއިން ހެޔޮވަރު ކޮށްދެއެވެ.
ފިޔާ ޖޫސް
ބްލެންޑަރަކުން ދެތިން ފިޔާ މިކްސް ކޮށްލާށެވެ. އަދި އެއަށްފަހު ކަފަ ބޯޅައަކުން ބޮލުގެ ހަންގަނޑުގައި އެ މިކްސް އުނގުޅާށެވެ. 20 ވަރަކަށް މިނެޓު ބެހެއްޓުމަށްފަހު ބޯ ދޮވެލާށެވެ. ފިޔާ ޖޫހުގެ ސަބަބުން ބޮލުގެ ހަންގަނޑު އިންފެކްޝަނުން ދުރުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް