ރައީސް ތ. ހިރިލަންދޫގައި - ފޮޓޯ: ރައީސް އޮފީސް
އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ (އާރް.އެސް.ޑަބްލިއު)
ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރެއް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ
ކުރިން ހުޅުވާލައްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން
ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ހިރިލަންދޫ ރައްޔިތުންނާ
ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އާރް.އެސް.ޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި
ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން ފާހަގަކުރައްވަމުން
އެމަނިކުފާނު ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި
އިތުރު 200 ފަރާތަކަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މީގެ އިތުރުން،
ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެއްވުމުގެ މަސައްކަތް، ޖަނަވަރީމަހު ފަށާ
ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިރިލަންދޫއަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއްކަން
ފާހަގަކުރައްވައި، ރަށުގައި ކުރާ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާނޭ އިތުރު ބިން
ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އަދި ރަށުގެ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރެއްވުމުގައި އެ ބިމުން ކުރާނޭ ބޭނުންތައްވެސް
ހިމެނުއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން
ހިރިލަންދޫގައި ވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ހިރިލަންދޫ
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އެ ރަށުގައި މިސްކިތެއް ބިނާކުރުމާއި
ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިރިލަންދޫ
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. އަދި
މިއަދުގެ ޖަލްސާގައި، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމާ ބެހޭ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން، އެ
މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހިރިލަންދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ
ތެރެއިން ސްކޫލްގެ މަސައްކަތް، ދިރާސީ އާ އަހަރު ބޭނުންކުރެވޭ ވަރަށް، ވަސީލަތްތައް
ހަމަކޮށްދެއްވައި، ނިންމަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ
އަހަރު އެ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް