ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.
އާންމު އުސޫލުގައި ވާގޮތުގައި މި ދައުރުގައި 39 ޖަލްސާ ބާއްވަން ޖެހެ އެވެ. އެކަމަކު ބޭއްވުނީ 11 ޖަލްސާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
މިއަދުގެ ޖަލްސާގައި އޮތީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާ އަހުމަދު ނަސީރަށް ރުހުން ދިނުން އެކަންޏެވެ. އާންމުކޮށް މިފަހަކުން ބާއްވާ ގިނަ ޖަލްސާތަކުގައި އޮންނަނީ އެޖެންޑާ އިއްވުމާއި އެކު ޖަލްސާ ނިންމާލުމެވެ.
މިދައުރުގަ ޖަލްސާތައް ނުބާއްވަން ފެށީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ވެއްދި ހިސާބުންނެވެ. އޭގެ ފަހުން މަޖިލީހުގެ ފާނާގައި ރޯވެގެން ކަމަށް ބުނެ 22 ދުވަސް ވަންދެން ޖަލްސާތައް މެދުކަނޑާލާފަ އޮތުމަށް ފަހު އަލުން ފެށީ ރައީސް ރުހުން ހޯދުމަށް ފޮނުވި ދެ މައްސަލައެއް ކުރިޔަށް ގެންދިއުމަށެވެ.
އެ މައްސަލަތަކުގައި ނެގި ވޯޓުން ފާހަގަވެގެން ދިޔައީ ސަރުކާރަށް ކުރިން އޮތް ތާއީދު މިހާރު މަޖިލީހުގައި ނެތްކަމަވެ. އެއީ މީގެ ކުރިން ސަފީރަކަށް ރުހުން ދިނުމުގެ ވޯޓުގައި އާންމުކޮށް 50 މެންބަރުން އެއްކޮޅަށް ވޯޓު ދެއްވާއިރު އިއްޔެ ސްރީލަންކާގައި ހުންނަވާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު އައްޔަން ކުރަން ވޯޓު ދެއްވީ އެންމެ 28 މެންބަރުންނެވެ.
އިތުބާރުނެތްކަމުގެ ވޯޓު ވެއްދިފަހުން މެންބަރުންތަކެއް ހައްޔަރުކުރުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާއެއް ބޭއްވިޔަސް އިދިކޮޅު ފަރާތްތަކުން ގެންދަނީ އަޑުގަދަކޮށް ރިޔާސަތަށް ހުރަސް އަޅަމުންނެވެ. އެހެންވެ މިހާރު ޖަލްސާ ރިޔާސަތުން ކުރިޔަށް ގެންދަނީ ވަށައިގެން ސިފައިން ބައިތިއްބައިގެންނެވެ.
ޗުއްޓީއަށް ފަހު ދެން މަޖިލީސް ފަށާނީ އަންނަ އޮކްޓޯބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް