ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރިކޯޑް އަދަދެއްކަމަށްވާ 20ރ ބަހަން ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ އިން ނިންމައިފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައި މި ގޮތަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ހުށަހެޅުމާއި އެއްގޮތަށް ހިއްސާދާރުންގެ ވޯޓުންނެވެ. އެހެންކަމުން ހިއްސާގެ ފައިދާގެ ގޮތުގައި ބޭންކުން 107.6 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާނެއެވެ.
މިދިޔަ އަހަރު ނިމިނުއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.02 ބިލިއަން ރުފިޔާ ލިބިފައެވެ.
އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ދިވެހިންގެ އުއްމީދު ތަކާއި ގުޅިފައިވާ އުއްމީދީ ބޭންކެއް ކަމަށެވެ.
" ތިޔަ ބޭފުޅުންގެ ބޭންކުން ދަނީ ބޭންކުންގެ ވައުދުތަކާއި އެއްގޮތަށް އަމަލުކުރަމުން" އެންޑްރޫ ވިދާޅުވިއެވެ. އިތުރަށް އެންޑްރޫ ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ވިޔަފާރި ތަރައްގީކުރުމަށް ބޭންކުންދީފައިވާ ލޯނު އިތުރުވެފައިވާ ކަމަށެވެ.
" ވިޔަފާރީގައި ރަނގަޅު ފައިދާ ތަކެއް ލިބެމުން އަންނަ ހިނދު، ކުރިޔަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ވިސްނުންތެރިކަމާއިއެކު، އަޅުގަނޑުމެންގެ ހުރިހާ ހިއްސާދާރުންނަށް ވެސް އިތުރުފައިދާ ތަކެއް ލިބޭނެ ފަދަގޮތަކަށް" އެންޑްރޫ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވަނީ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކޮށްފައެވެ. ގައުމީ ބޭންކުގެ އޮޑިޓަރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އާނަސްޓް އެންޑް ޔަންގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް