ގއ. ދާންދޫ / އަމާޒް، ޒައިނާ ޢަބްދުﷲ -
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޭންކިން ދާއިރާގެ މެންބަރުކަމަށް ގއ. ދާންދޫ / އަމާޒް، ޒައިނާ ޢަބްދުﷲ ޢައްޔަންކުރައްވައިފިއެވެ. ޒައިނާ އެ މަގާމަށް ޢައްޔަންކުރެއްވީ 23 ޖޫން 2026 ގައެވެ.
ޒައިނާ އަކީ ބޭންކިން އަދި ފައިނޭންސް ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައެވެ. އެ މަގާމުގައި ޒައިނާ ބައްލަވަމުން ގެންދަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި ކްރެޑިޓް އިވެލުއޭޝަނާއި ފައިނޭންސިން ލިޔެކިޔުންތަކާ ގުޅޭ ކަންކަމެވެ.
އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އެ މުއްދަތުގައި ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓާކޮށް އިވެލުއޭޓް ކުރެއްވުމާއި މާލީ ބަޔާންތަކާއި ބަޖެޓުތައް ދިރާސާކުރެއްވުމުގައި މުހިންމު ދައުރެއް ޒައިނާ ވަނީ އަދާކުރައްވައިފައެވެ.
ތަޢުލީމީ ގޮތުން ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފައެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް