ކުރިއަށް އޮތް ތަނުގައި ޑެންގީ އަދި ޗިކުންގުންޔާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ޑެންގީ އަދި ޗިކުންގުންޔާ އިތުރު ވުމުގެ ފުރުސަތު ބޮޑުވުމުން، އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެނީ މިދުވަސްވަރުގެ މޫސުން ހުރި ގޮތުން ކަމަށާއި، ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ ވަސީލަތް ކަމަށް ވާ އީޑީސް މަދިރި މަދުކުރުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ހިންގަމުން އަންނަ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް ފާހަގަކުރެއްވި އެވެ. އަދި މި ޕްރޮގްރާމް ތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އިތުރު ވެއްޖެ ނަމަ މަދިރި އާލާވާ މިންވަރު މަދު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދުވަސްވަރުގެ މޫސުމުގެ ސަބަބުން މަދިރި އާލާވާ ގޮތަށް ފެން ހިފެހެއްޓިފައި ހުންނަ ތަންތަން އިތުރުވުން އެކަށީގެންވާ ކަމާއި، އެފަދަ ތަންތަން ގަވާއިދުން ނައްތާލަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ޑރ. އަފްސަލް ވިދާޅުވި އެވެ.
މަދިރި ފެތުރޭ މިންވަރު މަދުކުރުމުގެ ގޮތުން އެޗްޕީއޭ އިން މި މަހު ފެށި ކެމްޕެއިންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސަފައިވާއިރު، ޑެންގީ އާއި ޗިކުންގުންޔާގެ ކްލިނިކަލް މެނޭޖްމެންޓާ ބެހޭ ޓެލެކޮންފަރެންސެއް 15 އަތޮޅެއްގައި ހިމެނޭ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް