"އިޒާން... ބިޒީ ނުވަންޏާ ފެންފޮދެއް ގެނެސްދީފާނަންތަ؟ ބޯއަނބުރާ ވަރުން ތެދުވާކަށް ނުކެރޭ.." ނައުރާ ބުނެލިއެވެ. ފޫހިކަމާއެކު އަހަރެންނަށް ކަޅީ މައްޗަށް އަރުވާލެވުނެވެ. ޑްރާމާ ފެށުނީއޭ ހިތަށް އެރިއެވެ. ފެން އަތު ޖެހޭ ހިސާބުގައި ހުރިއިރުވެސް އަމިއްލައަށް ނަގައިން ނުބޮވޭ ކަމަށް ހެދޭނީ ކިހާ ޑްރާމާ ބައި ބޮޑުވީމައި ހެއްޔެވެ؟ ފޫހިވެފައި ހުރެވެސް އަހަރެން ނައުރާއަށް ފެން އަޅާފައި ދިއްކޮށްލީމެވެ.
"ކުޑަކޮށް ބަނޑުގައި ރިއްސާހެންވެސް އެބަ ހީވޭ.. އިޒާން ފިރުމާލަ ދީބަލަ.. " ތަށި ބެހެއްޓުމަށްފަހު ނައުރާ އެދުނެވެ.
"ނުވާނެ މިގަޑީ... ވަރަށް ބިޒީކޮށް މިއުޅެނީ..." އެހެން ބުނެ އަހަރެން އެތަނުން ނިކުތީއެވެ. ނައުރާގެ ފާޑުފާޑުގެ ކުޅިވަރު ބަލަން ހުންނާކަށް އަހަރެންނަށް ކެތެއްނުވެއެވެ. އެހެންނޫނަސް އޭރު އަހަރެންނަށް ވިސްނެމުން ދިޔައީ އެންމެ ކަމަކާ މެދުގައެވެ. ޒޭބާ ހޯދަން ފަށަންވީ ތަނަކާ މެދުގައެވެ. ވަކިތަނެއް ނުވިސްނުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވަން ފެށީމެވެ. ނަމަވެސް ޒޭބާގެ ހިލަމެއް އެއްވެސް ދިމާލަކުން ނުވިއެވެ. ހިތާހިތުން ދުއާ ކުރަމުން ދިޔައީ ޒޭބާ އޭނާގެ މައިންބަފައިން ކައިރިއަށް ސަލާމަތުން ދެވުމަށެވެ. އަދި ނިމާލްގެ މައްސަލަ ފުލުހުންނާ ހިސާބަށް ގެންދިއުމަށެވެ.
ދެދުވަސް ވީއިރުވެސް ޒޭބާގެ ހަބަރެއް ނުވާތީ އަހަރެން ކަންބޮޑުވިއެވެ. އަނެއްކާވެސް ނިމާލްގެ އަތްދަށުވީބާއޭ ހިތަށް އެރިއެވެ. އެކަހަލަ ކަންބޮޑުވުމެއްގައި ވަނިކޮށް އެއް ދުވަހު މަންމަ އަހަރެން ގެންގޮސްގެން ވާހަކަ ދެއްކިއެވެ.
"އިޒާން ކިހިނެއްތަ ތިއުޅެނީ..؟ ނައުރާ އެހާ ބަލިކޮށް އުޅޭއިރުވެސް އިޒާން އެހާ އަޅާލާ ތަނެއް މަންމައަކަށް ނުފެނޭ.. އަބަދުހެން ތިއުޅެނީ ބޭރުގައި.. އިހަކަށް ދުވަހު މަންމައަށް އެކޮޓަރިއަށް ވަދެވުނުއިރު ނައުރާ އިނީ ފާހާނަ ކައިރީ ތިރީ އިށީނދެގެން.. ބުނީ އަނބުރައިގަތީކަމަށް.. އިޒާން ކޮންއިރަކު ތިހާ ޒިންމާދާރުކަން ކުޑަވާން ފެށީ.. " މަންމަ ބުންޏެވެ.
"އެހުސް ޑްރާމާ މަންމާ.. މަންމައަށް އަދި ނައުރާގެ ގޮތް ނޭނގިގެން ތިއުޅެނީ.. " އަހަރެން ބުނަން ބޭނުންވި ނަމަވެސް އެބަސްތައް ވީ ހިތުގައެވެ. އެދުވަހު މަންމަ އަހަރެންނަށް އެތައް ނަސޭހަތެއް ދިނެވެ. އަނބިމީހާއަށް ހެޔޮވުމަށް ބުނެއެވެ. ޚާއްސަކޮށް ބަނޑުބޮޑު ދުވަސްވަރަކީ ފިރިމީހާ ގެ އެހީ އެންމެ ބޮޑަށް އަނބިމީހާއަށް ބޭނުންވާނެ ދުވަސްވަރުކަމުގައި ބުނެދިނެވެ. މަންމަ ދިން ނަސޭހަތަކީ އަހަރެން އަބަދުވެސް ޤަބޫލުކުރާ ނަސޭހަތެކެވެ. ނަމަވެސް ނައުރާއަށް އަހަރެން ހިތުގައި ކުޑަވެސް ކުލުނެއް ނެތެވެ. ނައުރާގެ ޖާގައިގާ އެވަގުތު އެހެން ކޮންމެ މީހެއް ހުރިނަމަވެސް އަހަރެން އެމީހަކު ބަލައިގަތީމުހެވެ.
އަހަރެން ކޮޓަރިއާ ދިމާލަށް ދިޔައީ ވަރުބަލި ވެފައި ހުރި ވަރުންނެވެ. ބޭނުންވީ ފެންވަރައިގެން ނިދަން ޖައްސާލާށެވެ. ސިޑިއާ ދިމާލަށް ގޮސް ގޮސް ހުރެފައި އަހަރެންނަށް ހުއްޓެވުނީ ރެއިލިންގް ގައި އެއްއަތުން ހިފަހައްޓައިގެން ހުރެ އަނެއް އަތުން ބޮލުގައި އަތް އަޅައިގެން ހުރެ ސިޑިއާ ދިމާލަށް އަންނަމުން ދިޔަ ނައުރާ ފެނިފައެވެ.
"އިޒާން އައީތަ؟ އާދެބަލަ މިތަނުން ފައިބަން އަހަރެންނަށް ހެލްޕް ވާން.. ހަނދާން ނެތިފައި ދޯ ތިހުރީ.. މިއަދު ޑޮކްޓަރަށް ދައްކަން ދާން ޖެހެއެއްނު... އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެސް ބޭނުން.." ފުރަތަމަ ސިޑީގައި ފައި އަޅައިލަމުން ނައުރާ ބުންޏެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އެއާއެކު ދެން ފެނުނީ ނައުރާ އަރިއަޅައިލިތަނެވެ. އެވަގުތު ނައުރާ އަހަރެންނަށް ގޮވައިވެސްލިއެވެ. ނަމަވެސް އަހަރެން ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅަމެވެ.
"ކިހިނެއްވެފަ ތިހުންނަނީ.. ނައުރާ އެގޮވަނީ ނޫންތަ؟ " ފަހަތުން އިވުނީ ނިމާލްގެ ބާރު އަޑެވެ. ސިހިފައި އަހަރެންނަށް ފަހަތަށް ބަލައިލެވުނެވެ. ނައުރާގެ ބާރު ހަޅޭކުގެ އަޑުވެސް އިވުނީ ހަމައެވަގުތުއެވެ. އަހަރެންނާއި ނިމާލް ސިހިފައި ބަލައިލީ އެކުއެކީގައެވެ. ސިޑިމަތިން ކައްސާލާ ނައުރާ ވެއްޓުނީއެވެ. ނައުރާގެ ނަމުން ގޮވައިލަމުން ނިމާލް ދުއްވައިގަތެވެ. ދެން ވެސް ނައުރާއާ ދިމާލަށް ދާން އަހަރެންގެ ހިތް ނުރުހުނެވެ. ބަލަބަލާ ހުއްޓާ ނިމާލް ނައުރާ އޭނާގެ އަތް މައްޗަށް ލައިގެން ދޮރާ ދިމާލަށް ދުއްވައިގަތެވެ.
"ކިހިނެއްވީ..؟ ކޮން އަޑެއް އެއިވުނީ.. " ކޮޓަރިން ނިކުމެގެން އައި މަންމަ އެހިއެވެ.
"ނައުރާ ސިޑީން ވެއްޓުނީ.." އެއްވެސް އަސަރެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ.
"ސުބުހާނަﷲ.. އަދިވެސް އިޒާން ހުންނަނީތަ؟ ދޭބަލަ އެމަންޖެ ކައިރިއަށް... " މަންމަ ނުރުހިފައި ބުންޏެވެ.
"ވަރަށް ވަރުބަލި މަންމާ.. ރޭގަވެސް ރަނގަޅަށް ނުނިދޭ.. " ދާން ބޭނުންނުވެ ހުރެ އަހަރެން ބުނީމެވެ.
"އިޒާންއަށް ކިހިނެއްވެފަ ތިހުރީ.. ކުލުނު އަރުއްވައިގަތީތަ.. ބަލަ އެއީ އިޒާންގެ އަންހެނުންނޭ.. އޭނާގެ ބަނޑުގައި އެވަނީ އިޒާންގެ ދަރިއެއް.. އިޒާން ނުދަންޏާ ހުރޭ.. އަހަރެން މިދަނީ ހޮސްޕިޓަލަށް.. " މިހެން ބުނެ މަންމަ އަލުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
އަހަރެން ހޮސްޕިޓަލަށް ދިޔައީ މަންމަ ކިޔާވަރުން އުނދަގޫވެގެންނެވެ. ނައުރާގެ ހާލު ސީރިއަސްކަން އެނގުނީ އެތަނުގައި ހުރި ޒުހުދާގެ ފަރާތުންނެވެ. ކަކަލުގައި އުޅަބޮށި ވިއްދާލައިގެން ދެއަތް ޖޯޑުކޮށްލައިގެން ނިމާލް އިނެވެ. އޭނާ ފެންނަނީ އިންތިހާއަށް ދެރަވެފައި ވާތަނެވެ. އެމަންޒަރު ފެނި އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.
"ޑޮކްޓަރު ބުނީ ބީޕީ ވަރަށް ދަށް ވެފަ ހުރި ވާހަކަ.. އަނެއްކޮޅުން ސިޑިން ވެއްޓުނު ގަޑީ އަތުގެ ކޮނޑު ހުޅާ ހަމައިން ބިނދިފައި އިނީ.. ނިތްކުރިމަތިން ފަޅައިގެންވެސް ގޮސްފައި.. ބޭބީ ސަލާމަތްވާނެ ކަމެއްވެސް ނޭނގެޔޯ ބުނީ.." ޒުހުދާ ކިޔައިދިންއިރު އޭނާގެ އަޑުގައިވެސް ވީ ނުރުހުމެވެ.
"އިޒާން ހީނުކުރައްޗެ އަހަރެމެން ބަހެއް ނުކިޔާ ތިބޭތީ އަހަރެމެންނަށް ނޭނގެނީއޭ.. ނައުރާ ބަލިވެ އިން ފަހުން އިޒާން ނައުރާއާ ދޭތެރޭ ވަރަށް ފަރުވާކުޑަކަން ފާހަގަ ކުރެވޭ.. އެފަކީރު އެހީ އަށް އެދި ގޮވިއިރުވެސް އިޒާން އަޅާވެސް ނުލާ ބަލަން ހުރީ.. ވެއްޓުނީމަވެސް ނައުރާ ގޮވައިގެން މިތަނަށް އަންނަން ނުކެރުނު.. ނައުރާއަށް އެހާ ތަކުލީފު ނުދީ އުޅެން ބޭނުން ނެތިއްޔާ އޭނަ ވަރުކުރަންވީއެއްނު.. " ޒުހުދާ އަހަރެންނާ ދިމާލަށް ފަތިވަރު ގޮވައިގަތެވެ. ހަމަ އެވަގުތު އަވަސް ފަރުވާ ދޭ ކޮޓަރިން ނައުރާގެ ޑޮކްޓަރުވެސް ނިކުމެއްޖެއެވެ.
"އެތައް މަސައްކަތަކަށްފަހުވެސް ނައުރާގެ ބަނޑުގައިވާ ދަރިފުޅު ސަލާމަތެއް ނުކުރެވުނު.. " ޑޮކްޓަރު ކަރު އެލުވާލައިގެން ހުރެ ބުންޏެވެ. ލިބުނު ހިތްހަމަޖެހުމުގައި އަހަރެންގެ ހިތް ނަށައިގަތެވެ. އެދަރިފުޅު އުފަންވިނަމަ އުމުރުދުވަހަށް އަހަރެންނާއި ނައުރާ ގުޅުވައިދޭ ވަސީލަތަކަށް އެކުއްޖާ ވީހެވެ.
"ނައުރާ ކިހިނެއް މިހާރު... " ރޮވިފައި ހުރެ ނިމާލް އެހިއެވެ.
"މިހާރު އޮތީ އޮބްޒަވޭޝަންގައި.. ލޭގެ ޕްރެޝަރު ހަމައަކަށް އެޅުނީމަ އަތުގެ ކޮނޑުހުޅު އޮޕަރޭޝަން ކުރެވޭނީ.." މިހެން ބުނެ ޑޮކްޓަރު އެތަނުން ހިނގައިގަތެވެ. ލޮލުން ކަރުނަ ހިލިފައިވާ ހާލު ނިމާލް އަހަރެންނަށް ބަލައިލިއެވެ. އޭނާގެ ރުޅިވެރި ނަޒަރުން އަހަރެން ފިއްސާލަފާނެ ކަހަލައެވެ.
އަނެއްކާވެސް އަހަރެން ގެންދިޔައީ ނިމާލްގެ އެންމެ ފެވަރިޓް އަދި އަހަރެން އެންމެ ރުޅި އަންނަ ކޮޓަރި ގަނޑަށެވެ. ފަހުދް އަހަރެން ގޮވައިގެން ގޮސް ވަންއިރު ނިމާލް ސޯފާގައި އިށީނދެ އިނެވެ. އަހަރެންނަށް އިޝާރާތް ކުރީ އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށެވެ.
"ކަލޭ ބޭނުންވި ކަންތައްވުމުން ވަރަށް އުފަލުން ދޯ ތިއިންނަނީ.. އެކަމަކު ތިއުފާވެރިކަން ދެމިގެންދާނީ ކުޑަ އިރުކޮޅަކަށް.. އޭރުވެސް ބުނިން ދޯ އަހަރެންގެ ކޮއްކޮ ގެންގުޅެން ޖެހޭނީ ވަރަށް އުފަލުގައޭ.. އެކަމަކު ކަލޭ އެފަކީރަށް ކޮން ހާލެއް ޖެއްސީ.... އެންމެ ފަހުން ބަނޑުގައިވާ ދަރިފުޅުވެސް މަރުވީ.. ކަލޭ ބޭނުންވި ގޮތަށް.. ދެރައީ އަހަރެންގެ އިންޒާރު ކަލޭ ހަނދާން ނެތުނުކަން.. ޒޭބާއަށް ވާނެ ގޮތަކާމެދު ބިރުކުޑަވީތަ؟ " ނިމާލް ބުންޏެވެ. އޭނަ އެހާ ރުޅި އައިސްފައި އިންތަން ފެނުމުން އެފަހަރު އަހަރެން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. މަޑުމަޑުން އަހަރެންގެ ބިރު ފަހަނައަޅާ ދާން ފެށީ އެހިސާބުންނެވެ.
"ކަލެއަށް ޒޭބާއަށް އެއްވެސް ކަމެއް ނުކުރެވޭނެ.. ކަމެއް ކުރެވޭނީ ޒޭބާ ކަލޭގެ ބަންދުގައި ހުރިނަމައެއްނު.. އޭނަ ފިލައިފި.. އެހެންނު.. އަހަރެން އެހީމޭ ކަލެއާ ފަހުދް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަނިކޮށް.. " ޒޭބާ ފިލުމުން އެކަމާ ފަހުރުވެރިވެފައި އިނދެ އަހަރެން ބުނީމެވެ. " މިއަދު ނޫނީ މާދަމާ ޒޭބާ ފުލުހުންނަށް މައްސަލަ ހުށައަޅާނެ.. ކަލޭމެންނާ ދެކޮޅަށް ހެކިބަސްދޭ ފުރަތަމަ މީހަކަށް އަހަރެން ވާނެ.. އެހިސާބުން ކަލޭމެން ތިބެން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި.. އެދުވަހުން އަހަރެން ހޭނީ އަދި ކަލޭމެން ރޯނީ.."
"ކަލޭ ހީކުރީ ނިމާލްގެ އަތް ދަށުން ސަލާމަތްވުމަކީ އެހާ ފަސޭހަ ކަމެއް ކަމަށްތަ؟ ކަލޭ ހާދަ މޮޔައޭ ދޯ.. ހަހަހަ.. ކަލެއަށް ތިއިވުނީ ރަނގަޅު ވާހަކައެއް.. ވަރަށް މަސައްކަތް ކުރި ފިލޭތޯ.. އެކަމަކު ވަރަށް ދެރަ.. އޭނާގެ މަސައްކަތްވީ ނާކާމިޔާބު.. އެދުވަހު އަޑު އިވުނުތަ އަހަރެން ބުނި އަޑު ޒޭބާ ފެނިއްޖެނަމަ ލަޓި ބުރިއަކުން އޭނާގެ ފައިގެ ވާގި ނެތޭ ވަރަށް ތަޅައިގަންނާނަމޭ.. ބޭނުންތަ މިވަގުތު ޒޭބާގެ ހާލަތު ބަލައިލަން... ފަހުދް..!!! " ނިމާލް ގޮވައިލިއެވެ. ފަހުދް ޖެއްސީ އެއްކަލަ ޕްރޮޖެކްޓަރެވެ. އަޅުވައިލި ލައިވް ވީޑިއޯ އިން ފެނުނު މަންޒަރުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ދެފަރާތުގައި ހަރުކޮށްފައި ހުރި ދެ ހޮޅިދަނޑިއާއެކު ޒޭބާގެ ދެއަތް ވަނީ ބަނދެވިފައެވެ. އެލިގަނެގެން ހުރި ގޮތުން ދެފައިގައި އެއްވެސް ބާރެއް ނެތްކަން އެނގެއެވެ. ތަނަށް ވެރިވެފައިވީ ފަނޑުއަލިން ޒޭބާގެ މޫނުވެސް ފެންނަނީ ކިރިޔާއެވެ. ކުކުރަމުން ދިޔަ ގޮތުން އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ޒޭބާގެ ނަމުން ގޮވައިލަމުން އަހަރެންނަށް އިންތަނުން ތެދުވެވުނެވެ.
"އިޒާން ނައުރާ އަށް އެހާ ބޭޑް ކޮށް ޓްރީޓް ކުރަމުންދާކަން އެނގިހުރެވެސް އަހަރެން ހަނުހުރީ.. ކެތްތެރިވެގެން ހުރީ ނައުރާއަށްޓަކައި.. އެކަމަކު ކަލޭ މިއަދު ތިކުރީ އަހަރެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން.. އަހަރެންގެ ކޮއްކޮ އެހީއަށް އެދި ގޮވަމުން ދިޔައިރުވެސް ކަލޭ ހުރީ ބަލަހައްޓައިގެން.. ލެއިން ތަތްތެޅިފައި އޮތް އަހަރެންގެ ކޮއްކޮ ކަލޭގެ ކުރިމަތިން ގެންދިޔައިރުވެސް ކަލޭ ހަމަ ހުރީ.. ޑޮކްޓަރު ނައުރާގެ ބޭބީ މިސްކެރިޖްވި ވާހަކަ ބުނި ވަގުތު އަހަރެން ދުށީމޭ ކަލޭގެ މޫނުމަތިން ފެނުނު ހިތްހަމަޖެހުން.. ރަހުމެއް ހަމްދަރުދީއެއްވެސް ނެތެއްނު... ކަލޭ ލިމިޓް ކްރޮސް ތިކުރީ.. ދެން ކަލެއަކަށް މާފެއް ނޯންނާނެ... " ނިމާލް ބުނެލިއެވެ.
"ކަލޭމެން ތީ ވަކި ރަހުމެއް ހަމްދަރުދީއެއް ހުރި ބައެއްތަ؟ އަހަރެންގެ މުޅި ދިރިއުޅުން ކަލޭމެން ޚަރާބުކޮށްލިއިރު އެއްވެސް އެއްޗެކޭ ހިތަށް އެރިތަ.. ކުށެއް ނެތް އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާ ރަހީނުކޮށްގެން ގެންގުޅޭއިރު ކުލުނެއް ރަހުމެއް ހަމްދަރުދީއެއް ނެތް.. ބަލާބަލަ އެފަކީރަށް ކޮށްލާފައި އޮތްވަރު.. " އަހަރެން ބުނީމެވެ.
"އެހުރިހާ ކަމަކަށް ޒިންމާވާން ޖެހޭނީ ހަމަ އިޒާން..!! ޒޭބާ މިރޭ މިދުނިޔެއަށް އަލްވަދާއު އެކިޔަނީ ހަމަ އިޒާންގެ ސަބަބުން.. ދެންވެސް އަހަރެންނަށް ބަލަން ނުހުރެ އެންމެ ފަހު ފަހަރަށް ޒޭބާއަށް ބަލާލާ.. އަހަރެންގެ ރަނގަޅުކަމުން ފުރުސަތު މިދެނީ އެންމެ ފަހު ފަހަރަށް ޒޭބާއަށް ކޮންމެވެސް އެއްޗެއް ބުނެލަން... " އިންތަނުން ތެދުވަމުން ނިމާލް ބުންޏެވެ. އަހަރެންގެ ދެލޯބޮޑުވިއެވެ. ނިމާލްއާ ދިމާލަށް ދެވުނީ އޭނާ ހިފަހައްޓާށެވެ. ޖިނާންއަށް ހެދި ގޮތް ޒޭބާއަށް ހަދާތަން ބަލަން އަހަރެންނަކަށް ނުހުރެވޭނެއެވެ. ނިމާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި އަހަރެން ހިފުމާއެކު ދެފަރާތުން ބަޔަކު އައިސް އަހަރެން ދުރުކުރުވިއެވެ. އޭރު ނުލަފާ ގޮތަކަށް ހެމުން ހެމުން ނިމާލް އެކޮޓަރިން ނިކުތެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް