"ކާކުތަ ޒުހޫ.." އެތެރެއިން ނިމާލް ބުނި އަޑުއިވުނެވެ. ޒުހުދާ އަހަރެންގެ ނަން ބުނުމާއެކު ނިމާލް އަވަސް އަވަހަށް ނިކުމެއްޖެއެވެ. ޒުހުދާ ކައިރީ ނިދަން ދާން ބުނުމަށްފަހު ނިމާލް އަހަރެން ގޮވައިގެން ނިކުތީ ސިޓިންގް ރޫމަށެވެ.
"ކަލޭ އަނެއްކާވެސް ތިއުޅެނީ މަގޭ އަތުން ބޮނޑިއެއް ބޯންތަ؟ ނައުރާ ހީކުރާނީ ކީކޭ..؟ " ނިމާލް ވާހަކަ ދެއްކީ މަޑުން ނަމަވެސް އޭނާގެ އަޑުގައި ރުޅި އެކުލެވިފައިވިއެވެ.
"ނައުރާ ކޮންމެ އެއްޗެއް ހީކުރިޔަސް ވަރިހަމަ.. ބުނީމެއްނު ނައުރާއާ ކައިވެނި ކުރުމަށްފަހު ޒޭބާ ދޫކޮށްލާނަމޭ.. މިހާރު ނިމާލް ބޭނުންވި ކަންތައް މިވީ.. ދެން ޒޭބާ ދޫކޮށްލާ.. " އަހަރެން ބުނީމެވެ.
"ކަލޭ ހީކުރި އަހަރެން މީ ކަލޭ ބުނާހާ ކަމެއް ކުރަން ޖެހޭ މީހެއް ކަމަށްތަ؟ ޒޭބާ ދޫކޮށްލާނީ އަހަރެން ބޭނުންވީމަ.. ކަލޭ ޖެހޭނީ ތެޅި ތެޅި ހުންނަން.. މާ ބޭކާރު ވާހަކަ ނުދައްކާ ދާންވީ ނައުރާ ކައިރިއަށް.. ނައުރާގެ ބަނޑުން އިޒާންގެ ދަރިއަކު އުފަން ނުވާހާ ހިނދަކު ޒޭބާ ދޫކޮށެއް ނުލެވޭނެ.. އިޒާން ހީކުރީ އަހަރެންމީ މޮޔައެއް ކަމަށްދޯ.. ޒޭބާ ދޫކޮށްލާ ހިސާބުން އިޒާން އަނެއްކާވެސް އެކި ކަހަލަ ރޭވުންތައް ރާވާނެ ޒޭބާ ކައިރިއަށް ދާން.. " ނިމާލް ބުނެލިއެވެ.
"އެހެން ނުހަދާ ނިމާލް.. ވެދިޔަ އެއްވެސް ކަމެއްގައި ޒޭބާގެ ކުށެއް ނެތް.. ކުރި ކުށެއް ކުރީ އަހަރެން.. އެކަމުގެ ސަޒާ ދޭންވީ އަހަރެންނަށް.. ޒޭބާ ދޫކޮށްލާ.. އާދޭސްކޮށްފަ މިބުނަނީ.. ނިމާލް ބުނި ކޮންމެ ކަމެއް ކުރަން އަހަރެން މިހިރީ ތައްޔާރަށް.. ބަދަލުގައި މިއެދެނީ އެންމެ ކަމަކަށް.. އެއީ ޒޭބާ ދޫކޮށްލުމަށް.." ގޮތް ހުސްވެ ނިމާލްގެ ކުރިމަތީގައި އަހަރެން އަތް ޖޯޑުކުރީމެވެ. ހިތަށް ކުރި އަސަރުން ދެލޯ ކަރުނުން ފުރުނެވެ.
"ހުމްމް ތިކަމާ ވިސްނާނަމޭ.. ދޭ ނައުރާ ކައިރިއަށް.. ހަނދާން ކުރާތި އަހަރެން ބުނި ވާހަކަ.. ނައުރާއަށް އޭނާއަށް ހައްޤުވާ ހުރިހާ އުފަލެއް ލިބެން ޖެހޭނެ.. މާ ގިނަ ދުވަސް ނުކޮށް އެންމެ ފުރަތަމަ ބޭނުންވަނީ އަހަރެންނަށް ބޮޑުބޭބެ ކިޔާނެ ލޯބި ލޯބި ކުއްޖަކު.. " މިހެން ބުނެލުމަށްފަހު ނިމާލް ގޮއްސިއެވެ. އަހަރެން ރުޅިއައިސްގެން ދަތްކުޑިވިކުނެވެ. ކުޑަކުއްޖަކު އެހާ ބޭނުމިއްޔާ އަމިއްލަ އަންހެނުން ލައްވާ ދަރިއަކު ހޯދީމާ ވީ ނޫން ހެއްޔޭ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް އަނެއްކާވެސް އެރޭ އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުވީއެވެ. ޒޭބާއަށްޓަކައި ނިމާލް އެބުނި ކަންތައްވެސް ކުރުން މަޖުބޫރުވެއްޖެވެ. އެރޭ އެނބުރި ކޮޓަރިއަށް ދިޔައިރު ނައުރާ ނިދާފައި އޮތް މަންޒަރު ފެނި ހިތަށް ލިބުނު ހިތްހަމަޖެހުން ބުނަންވެސް ނޭނގުނެވެ. އެހެންނޫންނަމަ ނެތް އިހުސާސެއް ދައްކަން ހަދައިގެން އަހަރެން އެރޭ މޮޔަވީހެވެ.
*******
އަސްލު ކުޅިގަނޑި ފެށުނީ އަނެއް ދުވަހުއެވެ. ހޭލެވުނީ ނައުރާ ގޮވާ އަޑަށެވެ. ލޯ ހުޅުވަން ބޭނުންނުވެ އޮވެ އަހަރެން އެނބުރުނީ އަނެއްފަރާތަށެވެ. އެވަރުންވެސް ނައުރާ އެތަނުން ނުދިޔައެވެ. އެކި ގޮތްގޮތުން އަހަރެންނަށް އުނދަގޫ ކުރަން ފެށިއެވެ. ގައިގެ އެތަން މިތަނުގައި ބީހެން ފެށިއެވެ. ކެތްކޮށްލައިގެން އޮތުން ނޫން ކަމެއް އަހަރެން ނުކުރަމެވެ. އެހެން އޮއްވާ ނައުރާ އަހަރެންނާ ދުރަށް ޖެހިލިއެވެ.
"އިޒާން!! ތެދުވަންވީ އިނގޭ.. " ނައުރާގެ އަޑުގައި ނުރުހުމެއްވިއެވެ.
"ނުތެދުވާނަން.. ކަލެއަށް ކީއްކުރެވޭނީ..." އެބަސްތައް ދުލުން ބުނުން ބޭނުންވިޔަސް ބޭރު ނުކުރެވުނެވެ.
"އިޒާން ނުތެދުވެއްޖިއްޔާ އަހަރެން ރުޅިވާނީ ދެން.. މިހާރު މެންދުރުވާން އުޅެނީ އަދި ހެނދުނުގެ ސައި ނުބޮވޭ.. ދޮންބެވެސް މެސެޖްކޮށްފައި އެބައޮތް ދެމީހުންނާ ވާހަކަ ދައްކާލަން ބޭނުންވާ ވާހަކަ.." ނައުރާ ބުންޏެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަހަރެން ތެދުވެ ހެޑްބޯޑުގައި ލެގިލައިގެން އިށީނީމެވެ. އެއްވެސް އަސަރެއްނުވާ ބެލުމަކުން ނައުރާއަށް ބަލައިލީމެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ނައުރާއަށް ލޯބިން ބަލައިލުންވީ އަހަރެންނަށް އުނދަގޫ ކަމަކަށެވެ. އެހެންވެ ތެދުވެގެން އިތުރު ބަހެއް ނުބުނެ އަހަރެން ގޮސް ވަނީ ފާހާނާއަށެވެ.
ލޯގަނޑުކައިރީ ގަމީހުގެ ގޮށް އަޅުވަން ހުއްޓާ ނައުރާ އައިސް ފަހަތުން ބައްދާލުމުން އަހަރެން ދިޔައީ ސިހިގެންނެވެ. ތެޅިގަނެފައި ދުރަށް ލެވުނީ ބޭއިޚްތިޔާރުގައެވެ. އަހަރެންގެ އެ ހަރަކާތުން ނައުރާ އަހަރެންނަށް ބަލައިލީ ޤަބޫލު ނުކުރެވފައެވެ.
"ކިހިނެއްވީ އިޒާން.. އަހަރެން ދެކެ ރުޅި އައިސްފައިތަ؟ " ނައުރާ އެހިއެވެ. ބޮލުގައި އަތްފުނާއަޅައިލަމުން އަހަރެން އެނބުރުނީ އަނެއް ފަރާތަށެވެ. މޫނުމައްޗަށް އަރާ ފައިބާ ކުލަވަރު ނައުރާ އަށް ދައްކަން ބޭނުންނުވާތީއެވެ.
"އަހަރެން މިދަނީ މަންމަމެން ގެއަށް.. ފުރަތަމަ ފަހަރަށް އެމީހުންނާ ދުރުގައި ނިދަން ޖެހުނީމަ އެކަމާ ކުޑަކޮށް ދެރަވެފައި މިހުންނަނީ.. " ދައްކާނެ ބަހަނާއެއް ނެތި އަހަރެން ބުނީމެވެ. އެހިނދު ނައުރާ އަނެއްކާވެސް އަހަރެންނާ ގާތް ވެލައިފިއެވެ. މިފަހަރު ކައިރިވެލަމުން އަހަރެންގެ ކޮނޑުގައި ފިރުމާލީއެވެ. ނައުރާގެ ކުޑަ ކުޑަ ބީހިލުމަކުންވެސް އަހަރެންނަށް ވާ އުނދަގޫ ބަޔާން ކޮށްދޭން ދައްޗެވެ.
"އެހެންވީއިރު ހިނގާ އެގެއަށް ބަދަލުވާން.. " ނައުރާ ބުނެލިއެވެ.
"މިގަނޑުވަރު ދޫކޮށް ކުޑަ ކުޑަ ޖިފުޓިގަނޑެއްގައި ނައުރާއަށް އުޅެވޭނެތަ؟ " އަހަރެންގެ އަޑުގައިވީ މަލާމާތެވެ.
"އިޒާންއާ އެކު ވެއްޖިއްޔާ ޖިފުޓި ގަނޑެއްވެސް އެއީ އަހަރެންނަށް ގަނޑުވަރެއް.. " ނައުރާ ޖަވާބު ދިނެވެ. ހަޤީޤަތުގައި ނައުރާގެ ޖަވާބުން އަހަރެން އަނގަ ބަންދުވިއެވެ. އިތުރަށް އެކަމާ ވާހަކަ ނުދައްކަން ނިންމީ އެހެންވެގެންނެވެ.
"ނައުރާއަށް އެއްވެސް ކަހަލަ ތަކުލީފެއް ދޭކަށް އަހަރެން ބޭނުމެއްނޫން.. ދުވަސްކޮޅެއް ވެލީމަ އަހަރެން މިކަމަށް ހޭނިދާނެ.. ދަނީ.. " ދޮރާ ދިމާލަށް ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
"އިޒާން ކޮންއިރަކުން ދޮންބެއާ ބައްދަލުކުރަން ދާނީ.. ދޮންބެއާ ވާހަކަ ދައްކާލާފަ އެގެއަށް ދާންވީނު.." ނައުރާ ބުންޏެވެ. އެހިސާބުން އަހަރެން މަޑުޖެހުނީމެވެ. އެދުވަހު އެމީހުން ބުނި ކޮންމެ ގޮތަކަށް ކަންތައް ކުރަން އަހަރެންނަށް މަޖުބޫރުވެފައިވިއެވެ. އަހަރެންނަކީ އެމީހުން އިނގިލީގެ އިޝާރަތްތަކަށް ކުޅެން ހަދާފައިވާ ބުދެކޭ އެއްގޮތެވެ.
"ކޮބާ ނިމާލް..؟" އެނބުރެމުން އަހަރެން ބުނީމެވެ.
"ސާބަސް އިޒާން.. މިހާރު އެއީ އިޒާންގެވެސް ދޮންބެ.. އެބައުޅޭ ކޮޓަރީގައި.. ދޮންބެއާ މީޓްކޮށްލާފައި ދޯ ދާނީ.." އަހަރެންގެ އަތުގައި އަތް އަޅުވާލައިގެން ނައުރާ ކުރިއަށް ހިނގައިގަތެވެ.
ނިމާލް އަހަރެމެންނަށް ދިނީ ކައިވެނީގެ ހަދިޔާއެވެ. ހަނީމޫނަށް ޑުބާއީ އަށް ޓިކެޓެވެ. ޒޭބާގެ އެހާލަށް ދޫކޮށްލުމަށްފަހު އެހެން ގައުމަކަށް ދާން ޖެހުމުން އަހަރެންގެ ހިތް ރޮމުން ދިޔައެވެ. ނަމަވެސް އެދުވަހު އަހަރެން ކުރާނެ ކަމެއް ނެތެވެ. ހިތް ރޯ ހާލުވެސް އަހަރެންނަށް މަޖުބޫރުވީ ހިނިތުންވެލުމަށްފަހު އެހަދިޔާ ޤަބޫލުކުރުމަށެވެ.
ޑުބާއީއަށް ދިޔައީ ހަފްތާއަކަށް ނަމަވެސް ނައުރާގެ ޖެއްސުންތަކުގެ ސަބަބުން އެކޮޅުގައި މަހެއްހާ ދުވަސް ހޭދަވިއެވެ. ނިމާލް ބުނިހެން އަނތްބަކަށް ހައްޤު ހުރިހާ ހައްޤެއް ހުރިހާ ލޯތްބެއް އަހަރެން ނައުރާ އަށް ދިނީމެވެ. އެއަށްފަހު އަހަރެން އިންތިޒާރުކުރަމުން ދިޔައީ އެންމެ ކަމަކަށެވެ. ނައުރާ ބަނޑުބޮޑުވާނެ އިރަކަށެވެ. އަހަރެންގެ ޒޭބާއަށް ލުޔެއް ލިބޭނީ އޭރުންނެވެ. އެއަރޕޯޓުން ނިކުތް ގޮތަށް އަހަރެން ބޭނުންވީ މަންމަ އާއި ބައްޕަ ދެކިލުމަށް ދާށެވެ. ނަމަވެސް ނައުރާގެ ބޮޑާހޭކުން ތަކާ ހެދި އެކަމެއް ނުކުރެވުނެވެ. ޒޭބާއާ ދުރުކުރި ގޮތަށް އަހަރެންގެ މަންމަމެންނާ ދުރުކުރަން އުޅެނީއޭ އަހަރެންގެ ހިތަށް އެރިއެވެ. ނައުރާއާ އެކު ގެއަށް އައިސް ވަނުމާއެކު އަހަރެންނަށް ލިބުނީ ސިހުމެކެވެ. ކާމޭޒު ކައިރީގައި އަހަރެންގެ ބައްޕައަށް ކާން ދޭން މަންމަ ހުރުމުންނެވެ.
"އަނހަ.. އައީ ދޯ.. ދަރިފުޅުމެން ރަނގަޅުތަ؟ " މަންމަ އައިސް އަހަރެން ގައިގާ ބައްދާލުމަށްފަހު ނައުރާވެސް ގަޔާ ކައިރިކޮށްލިއެވެ.
"މަންމަ މިގޭގައި ކީއްކުރަނީ..؟ ބައްޕަ އެހާ ބަލިއިރު ކީއްވެ ގޮވައިގެން އައީ.. " ހައިރާންވެފައި ހުރެ އަހަރެން ސުވާލުކުރީމެވެ.
"ނައުރާ ނުބުނޭތަ ދަރިފުޅު ކައިރީ..؟ " މަންމަ ބަލައިލީ ނައުރާއަށެވެ.
"އިޒާންއަށް ސަޕްރައިޒެއް ދޭން ބޭނުންވީ.. އިޒާން ބުނީ އަހަރެންނަށް ތަކުލީފެއް ދޭން ބޭނުންނުވާތީ ކުޑަ ގެއަކަށް ދާން ބޭނުންނުވެޔޭ.. އެކަމަކު މަންމަމެންނާ ދުރުގައި ހުރެގެން އިޒާން ތަކުލީފުގައި އުޅޭތަން ދެކެން އަހަރެންނަށް ކެތްވާނީ ކިހިނެއް..؟ އެހެންވެ އަހަރެންގެ އެދުމުގެ މަތިން މަންމައާއި ބައްޕަ މިގެއަށް ބަދަލުވީ.. ދެން އިޒާންއަކަށް ނުޖެހޭނެ މަންމަމެން މަތިން މިސް ވާތީ ދެރަވެގެން އުޅޭކަށް.. " އަހަރެންގެ އަތުގައި ހިފާލަމުން ނައުރާ ބުންޏެވެ. މައުސޫމުވާން އުޅުނަސް ނައުރާގެ ފޮނި ވާހަކަތަކުގެ މަޅީގައި އަހަރެން ނުޖެހެއެވެ. ކިތަންމެ ރަނގަޅުވާން އުޅުނަސް ނައުރާއަކީ ނުބައި ނުލަފާ އަންހެނެކެވެ. އަމިއްލަ އެދުމުން ފޯވެފައިވާ އަންހެނެކެވެ. އެހެންމީހުންގެ އިހުސާސްތަކާ ކުޅިވަރެއްހެން ކުޅެލާ އަންހެނެކެވެ. ބަޔަކު މީހުންގެ ދިރިއުޅުން ބަރުބާދު އެކުރަނީ ހެވިލާފައި ހުރެއެވެ. އަންހެނަކަށްވެ ހުރެ އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަންނަން ބާރުދޭނީ ކިހާ ލަދުކުޑަވީމައި ހެއްޔެވެ؟ ނައުރާއަކީ އަންހެނުނަށްވެސް ހުރި ބޮޑު ލަދެކެވެ. އަހަރެންގެ ހިތުގައި ނައުރާއަށްވާ ނަފްރަތު ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ގޮސް އަހަރެންގެ ކެތްތެރިކަންވެސް ކޮޅުންލައިފިއެވެ. އެފަދަ ހާލެއްގައި އުޅެނިކޮށް ހަމަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ނިމާލް ބޭނުންވި ގޮތަށް ނައުރާވެސް ބަނޑުބޮޑުވިއެވެ. ނިމާލްއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. ބަނޑުގައި ލޭކޮޅެއްހެން އޮތް ކުއްޖަކަށްޓަކައި ބޮޑު ޕާޓީއެއް ބޭއްވުނެވެ. މާލޭގެ ނަން މަޝްހޫރު އެތައް ބަޔަކަށް ދައުވަތު ދިނެވެ.
އެއީ ނައުރާގެ ބަނޑަށް ތިންމަހުގައެވެ. އެއްދުވަހު އަހަރެން ނިމާލްގެ ކޮޓަރީ ދޮރުމަތިން ހުރަސް ކޮށްލި ދުވަހެކެވެ. ނިމާލްގެ ދުލުން ޒޭބާގެ ނަން އިވުމުން އެދައްކާ ވާހަކައެއް އަޑުއަހާލުމުގެ މަޤްސަދުގައި އެކޮޓަރީގެ ދޮރާ ކައިރިވެލީމެވެ.
"މާފުކުރޭ.. އަހަރެމެންނަށް ބަލަން ވާ ވަރަށް ނުބެލުނީ.. " އިވުނީ ފަހުދްގެ އަޑެވެ.
"ހިތަށް އަރާ މިވަގުތު ކަލޭގެ ކަރުބުރިކޮށްލަފާނަމޭ.. އިޒާންއަށް އެކަން އެނގިއްޖިއްޔާ ވާނެ ގޮތް ކަލެއަށް އެނގޭތަ؟" ނިމާލް ރުޅި އައިސްފައި ބުނި އަޑުއިވުނެވެ.
"މާފުކުރޭ.. އެމީހުން ހޯދަން އެބަ މަސައްކަތް ކުރޭ..." ފަހުދްގެ އަޑުގައިވީ ބިރެވެ.
"މަސައްކަތްކޮށް ކޮށް ތިބެންވީއެއް ނޫން.. ހޯދަންވީ.. ފެނިއްޖެނަމަ އޭނާގެ ދެފައި ވާގިނެތޭ ވަރަށް ލަޓިބުރިއަކުން ނުތަޅައިފިއްޔާ އަހަރެންގެ ނަމަކަށް ނިމާލްއެއް ނުކިޔާނެ.. " ނިމާލް ބުނި އަޑުއިވުނެވެ. ޒޭބާ ނިމާލްގެ ވަކިތަކުން ސަލާމަތްވާން ކޮންމެވެސް ގޮތަކުން ފިލައިފިކަން އެނގުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. ހަމައެހެންމެ އަލުން ޒޭބާ ނިމާލްގެ އަތުގައި ޖެހިދާނެތީ ބިރުވެސް ގަތެވެ. އެހެންވެ އަހަރެން ބޭނުންވީ ނިމާލް ޒޭބާ ހޯދުމުގެ ކުރިން އަހަރެން ޒޭބާ ހޯދާށެވެ. އެކަމަކު ހޯދަން ފަށާނީވެސް ކޮންތާކުންބާއޭ ހިތަށް އެރިއެވެ. ޒޭބާ ވީ ތަނެއްވެސް އަދި އަދި އޭނާ ފިލީ ކޮންތާކު ހުރެފައި ކަމެއްވެސް އެނގޭނީ ހަމަ ނިމާލްއަށެވެ. ފިޔަވަޅުގެ އަޑުއިވިފައެވެ. އަވަސް ހިނގުމެއްގައި ގޮސް އަހަރެން ވަނީ ކޮޓަރިއަށެވެ. އަހަރެންނަށް އެކަން އެނގޭކަން ނިމާލްއަށް އަންގާކަށް ބޭނުމެއް ނުވިއެވެ.
"އިޒާން... ބިޒީ ނުވަންޏާ ފެންފޮދެއް ގެނެސްދީފާނަންތަ؟ ބޯއަނބުރާ ވަރުން ތެދުވާކަށް ނުކެރޭ.." ނައުރާ ބުނެލިއެވެ. ފޫހިކަމާއެކު އަހަރެންނަށް ކަޅީ މައްޗަށް އަރުވާލެވުނެވެ. ޑްރާމާ ފެށުނީއޭ ހިތަށް އެރިއެވެ. ފެން އަތު ޖެހޭ ހިސާބުގައި ހުރިއިރުވެސް އަމިއްލައަށް ނަގައިން ނުބޮވޭ ކަމަށް ހެދޭނީ ކިހާ ޑްރާމާ ބައި ބޮޑުވީމައި ހެއްޔެވެ؟ ފޫހިވެފައި ހުރެވެސް އަހަރެން ނައުރާއަށް ފެން އަޅާފައި ދިއްކޮށްލީމެވެ.
" ކުޑަކޮށް ބަނޑުގައި ރިއްސާހެންވެސް އެބަ ހީވޭ.. އިޒާން ފިރުމާލަ ދީބަލަ.. " ތަށި ބެހެއްޓުމަށްފަހު ނައުރާ އެދުނެވެ.
" ނުވާނެ މިގަޑީ... ވަރަށް ބިޒީކޮށް މިއުޅެނީ..." އެހެން ބުނެ އަހަރެން އެތަނުން ނިކުތީއެވެ. ނައުރާގެ ފާޑުފާޑުގެ ކުޅިވަރު ބަލަން ހުންނާކަށް އަހަރެންނަށް ކެތެއްނުވެއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް