އިންތިހާބަށް އޮފިޝަލުން ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ...

24 Feb 2020 | 05:44

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 04 އޭޕްރީލް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައިވެރިވާނެ އޮފިޝަލުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރުވެސް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ހުށައަޅާފައި ނުވާތީ އަލުން މި ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލާކަމަށެވެ.

މިހެންކަމުންޝަރުތު ހަމަވާ ފަރާތްތަކުން މިކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރުމަށްފަހު އެ ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކަކާއި އެކު، މާލޭގައި ނަމަ އިލެކަޝަން ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު/އަތޮޅު/ސިޓީ ކައުންސިލްގެ އިދާރާއަށް އަށް ހުށަޅައެޅުމަށް އެ ކޮމިޝަނުން އެދެއެވެ.

އޮފިޝަލަކަށް ވުމަށް ހުށައަޅާ ފޯމު  ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބެންހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1800 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1600 ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1500 ރުފިޔާ، ވޯޓު ގުނާ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1200 ރުފިޔާ، ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ.

އިލެކްޝަންސ ކޮމިޝަނުން ވިދާޅުވަނީ މި ކަމަށް މީހުން ހަމަވަންދެން ފޯމު ބަލައި ގަންނާނެ ކަމަށެވެ. ނަމަވެސް އަދި މީހުން ބޭނުންވާ ވަކި އަދަދެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް