ހުކުރު ދުވަހުގެރޭ ކަނޑުމަތިން ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އުމުރުން 19 އަހަރުގެ އަންހެންކުއްޖާ ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބަޓު ބޭނުން ކުރަން ފަށާފައިވާކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ލ. މާމެންދޫ، އައިމިނަތު ސިމާ ނާފިޒެވެ. އޭނާ ގެއްލުނީ ޑިންގީއެއްގައި ފޮނަދޫން މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް ގާދޫ ކަނޑުއޮޅިއާއި ހަމައިން ޑިންގީގައި ޕެޓްރޯލު ހުސްވުމުން ޕެޓްރޯލު އަޅަން ޑިންގީ މަޑުކޮށްލި ވަގުތު ޖެހި ރާޅެއްގައި ޑިންގީ ބަންޑުން ޖަހާލައިގެންނެވެ.
އެ ޑިންގީ ދުއްވަން އިނީ ލ. ގަމަށް ނިސްބަތްވާ އިބްރާހިމް ފަޒީލް ކިޔާ މީހެކެވެ. އެމީހުން ފޮނަދޫން ނައްޓާލީ އިރު އޮއްސެން އުޅެނިކޮށެވެ. އެ ހާދިސާ ހިނގުމުން ފަޒީލް، ސިމާގެ އަތަށް ހަމަކާއި ފޯނެއް ދިން ކަމަށް ފަޒީލް ބުނެފައިވެއެވެ. އަދި އޮއި ގަދަކަމުން ސިމާ ގެއްލުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ސިމާ ގެއްލުނުކަން އެނގުނީ ފަޒީލް ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އަރައި އެކަން ރިޕޯޓު ކުރުމުންނެވެ.
އެވަގުތުން ފެށިގެން އާންމުންނާއި ސިފައިންނާއި ފުލުހުން އަދި ސިކްސް ސެންސް ރިސޯޓުން އަންނަނީ ސިމާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ފެތުނު ޑިންގީވެސް، ހަންވެސް އަދި ސިމާވެސް ފެނިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް