އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދޭތޯ ބަލަމުން އަންނަކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އޫރުން ތައްޔާރުކޮށްފައިވާ (gelatin porcine) އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާކަމަށް ސޯޝަލް މީޑިއާ އަދި ނިއުސް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތާއި ގުޅިގެން ކަސްޓަމްސް އިން ހާއްސަ އިސްކަމެއްދީގެން އެ މައްސަލަ ބަލަމުންދާކަމުގައި ދަންނަވާކަމަށެވެ.
"މިގޮތުން މި މުދާ އެތެރެކޮށްފައިވާކަމށް ބެލެވޭ ވިޔަފާރިތައް އިންސްޕެކްޓް ކުރަމުން އެބަ ގެންދަމެވެ." ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ މި ޕްރޮޑަކްޓަކީ GELITA ބްރޭންޑްގެ Gelatine ޕައުޑަރ ކަމަށާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ކަސްޓަމްސް އިން މި މައްސަލަ ބަލަމުންދާއިރު، މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އާ ނުވަތަ އީމެއިލް [email protected] އާ ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.
މި ކަމުގެ ހަބަރު ރާއްޖެ އެމްވީގައި ގެނެސްފައިވާއިރު ބުނެފައިވަނީ ރާއްޖޭގެ މަޝްހޫރު ސުޕަމާކެޓެއްގެ އިތުރުން އެހެން ބައެއް ފިހާރަތަކުގައި ވިއްކަމުންދަނީ އޫރުން އުފައްދާފައިވާ ޖެލިޓާ ބްރޭންޑްގެ ޖެލަޓިން ކަމަށާއި އެއީ އޫޖެލީ އާއި އައިސްކްރީމް ފަދަ ފޮނި ކާތަކެތި ތައްޔާރުކުރާއިރު ބޭނުންކުރާ އެއްޗެއް ކަމަށެވެ. ޖަނުމަނުވިލާތުގެ މި އުފެއްދުމުގައި ހަލާލު ލޭބަލް ވެސް ޖަހާފައެއް ނެތްކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖެ އެމްވީގައި ބުނެފައިވާގޮތުގައި މާލޭގެ މަޝްހޫރު ސުޕަމާކެޓަކުން މި އުފެއްދުން ގަތް މީހަކު ރާއްޖެއެމްވީއަށް ބުނި ގޮތުގައި، އެއީ 100 ޕަސެންޓް އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަން އެނގުމުން އެ ފިހާރައަށް ގޮސް އެކަމުގެ ޝަކުވާ ކުރި އެވެ. އަދި ޖެހިގެން އައި ދުވަހު އެ ހުރިހާ އުފެއްދުމެއް ފިހާރައިގެ ހަރުން ނަގާފައިވާ ކަމަށް އޭނާ ބުނި ކަމަށްވެސް މީހަކާ ހަވާލާދީ ރާއްޖެއެމްވީގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް