ކޮންމެ ކުއްޖަކީވެސް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. އަދި މީގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ދުނިޔެއާއި ކުރިމަތިލަނީ ތަފާތު ގޮތަކަށެވެ. ދުނިޔެއަށް ބަލަނީ ތަފާތުކޮށެވެ. އެކި ކުދިން ކަންކަން ދަސްކުރަނީވެސް އެކިގޮތަށެވެ. ބައެއް ކުދިން ކަންކަން ދަސްކުރަނީ ނުވަތަ ޢަމަލުތައް ބިނާ ކުރަނީ އެހެން މީހުން ކިޔައިދޭ ނުވަތަ ބުނެދޭ ވާހަކަތަކުގެ މައްޗަށެވެ. ނުވަތަ ދޭ ނަސޭހަތްތަކުގެ މައްޗަށެވެ. މިއާ ޚިލާފަށް އަނެއްބައި ކުދިން ދަސްކުރަނީ އެ ކުއްޖަކު ދަންނަ ނުވަތަ އެކުގައި އުޅޭ މީހުންނަށް ނުވަތަ ކުދިންނަށް ދިމާވެފައިވާ ހާދިސާތަކުން ފިލާވަޅު ނަގައިގެންނެވެ.
ކުއްޖާ ތަރުބިއްޔަތުވަނީ އޭނާއަށް ދުނިޔެ ދަސްވާ ގޮތުގެ މަތިންނެވެ. އޭނާއަށް ދުނިޔެ ފެންނަ ގޮތުގެ މައްޗަށް އޭނާގެ އުޅުމާއި އަޚްލާގު ބިނާވެއެވެ. ވީމާ ދަރިން ތަރުބިއްޔަތުކުރުމަކީ ހަމައެކަނި މައިންބަފައިންގެ ޒިންމާއެކޭ ބުނެވޭކަށް ނެތެވެ. މިއީ މުޅި މުޖުތަމަޢުވެސް އެކަމެއްގައި ހަރަކާތްތެރިވާކަމެކެވެ. އޭގެ ތެރޭގައި މުދައްރިސުން، މަގުމަތިން ފެންނަ މީހުން ނުވަތަ ޖެހިގެން ހުރިފިހާރައިން ފެންނަ މީހުންވެސް ހިމެނޭނެއެވެ. މިތަނުން ކޮންމެ މީހެއްގެ ކޮންމެ ޢަމަލަކީ އެކުދިން ތަރުބިއްޔަތު ވާނޭ ގޮތަށް އަސަރު ކުރާނޭ ކަމެކެވެ.
ރަނގަޅު ގޮތުގައި ކުއްޖާ ތަރުބިއްޔަތުވުމުގައި މައިންބަފައިންގެ ޢަމަލުތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަކަމުގައި ވުމުން އެމީހުންގެ ޢަމަލުތަކުގެ ވާހަކަ ބަހައްޓާފައި އެކުދިންގެ މުޖުތަމަޢުގެ އެހެން މީހުންގެ ޢަމަލުތައް މިސާލަކަށް ބަލައިލަމާ ހެއްޔެވެ؟ ކިލާހެއްގައި ހުރިހާ ކުދިންނަށް ހަމަހަމައަށް ކަންކަން ކޮށްދޭން ޖެހޭ މުދައްރިސް ވަކި ކުދިން ކޮޅަކަށް ނުވަތަ ވަކި ކުއްޖަކަށް މާ ބޮޑަށް ސަމާލުކަންދީ ދަށްކުދިން ދަށްކޮށްފައި މަތީކުދިން މަތިކޮށްފައި ބަހައްޓާނަމަ ކުދިންނަށްވެސް ދަސްވާނީ އެކުދިންނަށް ވުރެ ކުޑަބަޔަކާ މެދު އެގޮތަށް ކަންކަން ކުރުމަށެވެ. ހަމަ މިގޮތަށް ސްކޫލެއްގެ މަތީ ފަރާތްތަކުން ވަކި ބަޔެއްގެ ދަރިންނަށް އިސްކަންދީ ސަމާލުކަންދީ ހަދާނަމަ ބޮޑުވަމުން ، މިކަންކަން ތަޖުރިބާ ކުރަމުން އަންނަ ކުދިންނަށް ވެސް ދަސްވާނީ އަބަދުވެސް މޮޅު މީހުންނަށް މޮޅު ގޮތް ހަދައި ދިނުމަށެވެ.
އިތުރު މިސާލަކީ މަގުމަތިން އެކުދިންނަށް ފެންނަ މަންޒަރުތަކެވެ. ބަޔަކު މީހެއްގެ މުދަލަށް ގެއްލުމެއް ދޭތަން ފެނި ނުވަތަ ބަޔަކު ޒުވާބުކޮށް މާރާމާރީ ހިންގާތަން ފެނި އެކަން ހުއްޓުވަން އެއްވެސް ބަޔަކު އުޅޭތަން ނުފެނި މަންޒަރު ބަލަން އެންމެންވެސް އެއްވާތަން ފެންނަނަމަ، މަންޒަރު ފެންނަ ކުއްޖާއަށް އެ ދަސްކޮށްދެވެނީ ގޯސްކަމެއް މީހަކު ކުރިޔަސް އެކަން ހުއްޓުވަން މަސައްކަތް ކުރަން ނުޖެހޭނޭ ކަމެވެ. އަދި އޭގެ ބަދަލުގައި ފިލްމެއް ބަލާހެން އެ މަންޒަރު ބަލަން ތިބެންވީ ކަމެވެ. ނުވަތަ އަޅާނުލާ ވީހާވެސް ދުރުދުރުން އަވަހަށް އެތަނުން ދާންވީކަމެވެ.
ދިވެހިންގެ ތެރޭގައި އެންމެ އާންމު އަނެއްކަމަކީ އަދަބެއް ސަދަބެއް ނެތި މީހުންނަށް އެއްޗެހި ކިޔުމެވެ. ނުވަތަ ހަޅޭއްލެވުމެވެ. މިސާލަކަށް ހަސްފަތާލުފަދަ ޙިދުމަތް ހޯދަން އަންނަ ފަރާތްތަށް ގިނަ ތަންތަނުގައި ގޯސްކޮށް ކަންކަން ހިނގުމަކީ ނުވާނޭ ކަމެއް ނޫނެވެ. ނަމަވެސް ގޯސްކޮށް ކަމެއް ހިނގާ ހިނދު ބުނެވިދިޔަ ފަދަ ގޮތަކަށް ޢަމަލު ކުރުމަކީ އެމަންޒަރު ފެންނަ ކުޑަކުއްޖާއަށް ދެއްކޭ ނޭދެވޭ މިސާލެކެވެ. އޭނާއަށް އެ ދަސްކޮށްދެވެނީ އެފަދަ ތަނެއްގައި ގޯސްކޮށް ކަމެއް ހިނގައިފިނަމަ ތިމާ ޢަމަލު ކުރިހެން އޭނާވެސް ޢަމަލު ކުރުމަށެވެ.
ވިސްނައިފިނަމަ ކޮންމެ މިސާލަކުންވެސް ދޭހަ ވަނީ ބޮޑުވަމުން އަންނަ ކުދިން ކަންކަން ދަސްކުރަނީ ހަމައެކަނި މައިންބަފައިން ގާތުން ނޫންކަމެވެ. އޭނާ ތަރުބިއްޔަތު ވާގޮތާއި މުޅި މުޖުތަމަޢުގެ އެންމެންގެ ޢަމަލުތައް ގުޅިފައިވާކަމެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެންމެންގެ ޒިންމާއެއްކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް