އިނގެރޭސި ޕްރިމިއަރލީގުގައި ރޭ ސްޓޯކް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީއިން ތާވަލުގެ 1 ވަނައިގައި އަނެއްކާވެސް 3 ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.
ރާއްޖެ ގަޑިން ރޭ ދަންވަރު 1 ޖެހި އިރު ފެށި މިމެޗު ކުޅެފައިވަނީ ސްޓޯކް ސިޓީގެ އަމިއްލަ ދަނޑުގައެވެ.
މެޗު ފެށިގެން 2 ވަނަ މިނެޓުގެ ތެރޭގައި ލިބުނު ކޯނަރަކުން ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ޖޯން ޓެރީއެވެ. މި ގޯލަށްފަހު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ގެންދިޔައީ ޗެލްސީއިންނެވެ. ނަމަވެސް ސްޓޯކް ސިޓީއިން ވެސް ވަނީ ލިބުނު ފުރުސަތު ތަކުގައި ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗު ނިމުނީ 78 ވަނަ މިނެޓުގައި ސެސްކް ފެބްރިގަސް ކާމިޔާބު ކޮށްދިން އިތުރު ގޯލައަކާއިއެކު 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެފައިވަނިކޮށް ޗެލްސީގެ އެޑެން ހަޒާޑްވަނީ އަނިޔާވެ ބަދަލުކުރަން ޖެހިފައެވެ.
މި މެޗުގެ ނަތީޖާއަށްފަހު ޗެލްސީ މިވަގުތު ތާވަލުގެ 1 ވަނައިގައި އޮތީ 42 ޕޮއިންޓާއި އެކުގައެވެ. 2 ވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް