މިނިވަންކަން އަންނަންއޮތް ޖީލުތަކާ ހަމައަށް ވާސިލުކޮށްދިނުމުގެ އަޒުމު އާކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަން: ރައީސް ޔާމީން

ޤައުމާއި ދީނުގެ ޙައްޤުގައި ބޮޑުތަކުރުފާނާއި އަދި އެހެން ޤައުމީ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުން ހިތްވަރު ލިބިގަނެ، މި މިނިވަންކަން އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކާ ހަމައަށް ވާޞިލުކޮށްދ...

23 Dec 2014 | 06:53

ޤައުމާއި ދީނުގެ ޙައްޤުގައި ބޮޑުތަކުރުފާނާއި އަދި އެހެން ޤައުމީ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުން ހިތްވަރު ލިބިގަނެ، މި މިނިވަންކަން އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކާ ހަމައަށް ވާޞިލުކޮށްދިނުމުގެ ޢަޒުމު އާކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ޔާމީން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި ހިތާބުގައެވެ.

މި ހިތާބުގައި ރާއްޖެ ބޭރުގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވައި، މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ.

"ޤައުމީ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، ދުވަހުގެ ބަޠަލު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އާދެ، ބޮޑުތަކުރުފާނު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލުގެ ދިފާޢުގައި ކުރެއްވި ތާރީޚީ ޖިހާދުގެ މަތިން ހަނދާންކޮށް، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރެއްވި ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރަމުން، އެ އަބްޠާލުންނަށްވެސް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ." އެ ހިތާބުގައި ވެއެވެ.

އެ ހިތާބުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ޤައުމީ ދުވަހަކީ،  މިނިވަންކަން ދެމެހެއްޓުމުގެ ރޫޙު އަލުން އާކޮށް، އާލާކުރުމުގެ ދުވަހެއް ކަމަށާއި އެދުވަހު ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، ދިވެހި ޤައުމަށްޓަކައި އެ ތަކުރުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި ލޯތްބާއި އިޙްތިރާމް ސާބިތުވެގެންދިޔަ މާތް ތާރީޚީ ޖިހާދެކެވެ. އެއީ، ޤައުމު ދެކެ ނުހަނު ލޯބިވާ ކޮންމެ ދިވެހި ދަރިއަކުވެސް އުފަލާއި ޝުކުރުވެރިކަމާއެކީ ބަލައިގަންނަންޖެހޭ މަތިވެރި ޤައުމީ ޚިދުމަތެއް ކަމަށެވެ.

"މާތްﷲ، މި ލޮބުވެތި ވަޠަން، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ލަހައްޓަވާށިއެވެ! ރާއްޖޭގެ ޤައުމީ މިނިވަންކަން ޙިމާޔަތް ކުރައްވައި ރައްކާތެރިކުރައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަދި ބާއްޖަވެރި މުސްތަޤްބަލެއް މިންވަރުކުރައްވާށިއެވެ!" ރައީސް ޔާމީންގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް