ފޮޓޯ: ޕެންޝަން އޮފީސް
ވިޔަފާރިކުރާ އަދި އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށް ރިޓަޔަރމަންޓަށް ތައްޔާރުވުމާއި މާލީ ހުނަރު ދަސްކޮށްދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަން ކުރިޔަށް ގެންދިޔަޢީ ބީސީސީއާ ގުޅިގެން ޕެންޝަން އޮފީސް ގުޅިގެންނެވެ.
ވިމެންސް ފައިނޭންޝަލް އެމްޕަވަރމަންޓް އެންޑް ޕެންޝަން ރެޑިނަސް ޕްރޮގްރާމް (ޑަބްލިއު.އީ.ޕީ.އާރް) ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި 20 ފަރާތަކުން ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގައި މަސައްކަތްތެރިން ޝާމިލުވާ ނިސްބަތް އިތުރުކުރުމުގެ މަޤުޞަދުގައި ހިންގި މި ހަރަކާތުގައި ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުމާއި، އައު ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އުފެއްދުންތެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
ބަޖެޓު ތައްޔާރުކުރުމާއި ރަނގަޅު މާލީ އާދަތައް ހަރުލެއްވުމާއި ދިގު މުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދުރާލާ ރޭވުމުގެ މުހިންމުކަމަށް ވެސް އެ ސެޝަނުގައި އަލިއަޅުވައިލެވުނެވެ. އޭގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރެވެން ހުރި ގޮތްތަކާއި، ޕެންޝަން އޮފީހުގެ މޮބައިލް އެޕް ބޭނުންކޮށްގެން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގެ ތަފްސީލް ބެލޭނެ ގޮތުގެ މަޢުލޫމާތު ވެސް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.




ޕެންޝަން ސްކީމުގައި ބައިވެރިވުމުގައާއި ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ވެސް ކުރެވުނެވެ. މި ޕްރޮގްރާމަކީ ރަސްމީ ވަޒީފާތަކުގެ ބޭރުން އާމްދަނީ ހޯދާ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމަށް ޕެންޝަން އޮފީހުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް