ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް - އިޖުރާއަތްތައް އަވަސްކުރުމުގެ މުހިންމުކަން ފާހަގަކޮށްފި

ކަސްޓަމްސްގެ 136 ވަނަ އަހަރީ ޖަލްސާގައި ކޮމިޝަނަރ ޖެނެރަލް ދިޔާނާ ވަނީ އިޖުރާއަތްތައް ލުއިފަސޭހަކޮށް ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ގައިރުގާނޫނީ ތަކެތި ހުއްޓުވުމުގެ ތަފާސްހިސާބުތައް ހާމަކުރައްވައިފައެވެ.

23 Nov 2026 | 15:10
ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް - އިޖުރާއަތްތައް އަވަސްކުރުމުގެ މުހިންމުކަން ފާހަގަކޮށްފި

ވިލުންތެރި އިގުތިސާދެއް ބިނާކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިޖުރާއަތްތައް ލުއިފަސޭހަކޮށް، ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުން ކޮންމެހެން ބޭނުންތެރި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއަށް 136 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ދިޔާނާ ވިދާޅުވީ 1890 ވަނަ އަހަރުން ފެށިގެން ބޯޑަރު ބެލެހެއްޓުމާއި އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ޒިންމާތައް އުފުލަމުން އައި މުއައްސަސާގެ ދައުރު މިހާރު އެތައް ގޮތަކުން ފުޅާވެފައިވާ ކަމަށެވެ. އެގޮތުން ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ދިރިއުޅުމާއި އިގުތިސާދީ ހަމަޖެހުމާ ކަސްޓަމްސް ގުޅި ލާމެހިފައިވާ ކަމަށް ވިދާޅުވިއެވެ. ގާނޫނާ އެއްގޮތަށް އަމަލުކުރާ ވިޔަފާރިތަކަށް ހާއްސަ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ މުއައްސަސާގެ މައިގަނޑު އެއް އަމާޒު ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

Advertisement

ގައިރުގާނޫނީ ތަކެތި ރާއްޖެއަށް ވެއްދުން ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ތަފާސްހިސާބުތައް ވެސް ޖަލްސާގައި ހާމަކުރެއްވިއެވެ. މި އަހަރު މިހާތަނަށް 168 ކިލޯގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 47 މިލިޔަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވެއެވެ. ހަމައެއާއެކު ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން 121،000 އަށް ވުރެ ގިނަ ވޭޕާއި ގުޅުންހުރި ތަކެތި ހިފަހައްޓައިފައިވެއެވެ. ދިޔާނާ ފާހަގަކުރެއްވި ގޮތުގައި ކާމިޔާބީ ވަޒަންކުރެވެނީ ހަމައެކަނި އަތުލައިގަންނަ ތަކެތީގެ އަދަދަކުން ނޫން ކަމަށާއި، މުޖުތަމައުގެ ސަލާމަތް ދެމެހެއްޓުމަކީ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

"ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށްޓަކައި ރިސްކް މެނޭޖްމަންޓް އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ހައި-ރިސްކް ޝިޕްމަންޓުތައް ޕްރޮފައިލްކޮށް ބަލައި ފާސްކުރުން އިތުރަށް ވަރުގަދަކޮށްފައިވޭ. މީގެ ތެރޭގައި މުދާ ޝިޕްމަންޓުތައް ޕްރޮފައިލް ކުރުމާއި، ޓާގެޓިންގ ހަރުދަނާ ކުރުމަށް ވީއައިއޭގައި އެއަރ ކާގޯ ކޮންޓްރޯލް ޔުނިޓެއް ވަނީ ގާއިމުކޮށްފައި. އަދި ވައިގެ މަގުން ރާއްޖެއަށް ގެންނަ ހުރިހާ މުދަލަކީ އެކްސްރޭ ކުރުމަށްފަހު ނޫނީ ދޫނުކުރެވޭ ތަކެތި ކަމުގައި ހަމަޖައްސައި، ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފްއާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވޭ،" ދިޔާނާ ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވީއައިއޭ މެދުވެރިކޮށް ވައިގެ މަގުން ގެންނަ މުދާ ކްލިއަރކުރުމުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށާއި، ކަނޑުމަގުން ރާއްޖެއަށް ގެނެސް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވާ ސީ-ޓު-އެއަރ ކާގޯ ހިދުމަތަށް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. މީގެ އިތުރުން އޮފިސަރުންގެ ގާބިލުކަން ތަރައްގީކުރުމަށް ރާއްޖެއިން ބޭރުގައި 73 ޕްރޮގްރާމެއްގައި 172 މުވައްޒަފުން، އަދި ރާއްޖޭގައި ހިންގި 49 ޕްރޮގްރާމެއްގައި 345 އޮފިސަރުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް