ފޮޓޯ: އެޗްޑީސީ
ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )ވީއޭއެމުން( އިން މި އަހަރު ބޭއްވި ތިން ބީޗް ވޮލީ މުބާރާތުގައި ވެސް އެއްވެސް މެޗަކުން ބަލިނުވެ، ޖުމުލަ 12 މެޗުން މޮޅުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދައިފިއެވެ.
މި ތިން ތަށި ކާމިޔާބުކުރި ޓީމުގައި ހިމެނެނީ އަހުމަދު މުހައްމަދާއި ޝަމާއިލް ހުސެއިނެވެ. ނޮވެންބަރު ނުވައެއްގައި ފެށި ބީޗް ވޮލީ ޗެމްޕިއަންޝިޕަކީ މި ސިލްސިލާގެ ފުރަތަމަ މުބާރާތެވެ.
ޖުމުލަ 18 ޓީމު ވާދަކުރި އެ މުބާރާތުގައި އެޗްޑީސީގެ ތިން ޓީމެއް ބައިވެރިވި އިރު، ޗެމްޕިއަންކަން ގެންދިޔައީ ކްލަބް އެޗްޑީސީ 1 ގެ ގޮތުގައި ނުކުތް އަހުމަދު މުހައްމަދާއި ޝަމާއިލް ހުސެއިނެވެ. އެ ދެ ކުޅުންތެރިން ފަސް މެޗު ކުޅެ، ފަސް މެޗުން ވެސް މޮޅުވެފައިވެއެވެ.
ދެވަނަ މުބާރާތަކީ ނޮވެންބަރު 15 އިން 17 އަށް ކުރިއަށް ގެންދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގެވެ. ޗެމްޕިއަންޝިޕުން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަ ޓީމު ވާދަކުރި މި ލީގުގައި އެޗްޑީސީ ތަމްސީލުކުރީ ހަމަ އެ ޕެއާ އެކަންޏެވެ. ފަސް މެޗު ކުޅެ، ފަސް މެޗުން ވެސް ކުރި ހޯދައި، ލީގު ތަށި ވެސް އެ ޓީމުން ނެގީއެވެ.
ތިންވަނަ މުބާރާތް ކަމުގައިވާ ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ ނޮވެންބަރު 18 ވަނަ ދުވަހު، ލީގުގެ ގަދަ ހަތަރު ޓީމު ޖައްސައިގެންނެވެ. މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އަހުމަދު މުހައްމަދާއި ޝަމާއިލް ހުސެއިން ވަނީ ތިންވަނަ ތަށި ވެސް އުފުލާލައިފައެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ މުވައްޒަފުންގެ ތެރޭގައި ކުޅިވަރުގެ ރޫހު ދިރުވައި، މިފަދަ ކުޅިވަރުތަކުން ކުރިއެރުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ. ތިން މުބާރާތް ވެސް ކުޅެފައި ވަނީ މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް