އިންޑިއާގެ މަލައްޕޫރަމް އަރީކޯޑަށް ނިސްބަތްވާ 18 އަހަރުގެ އަންހެނަކު ގާތްގަނޑަކަށް އެއް އަހަރު ވަންދެން ހަންގަނޑު އަލިކޮށްދޭ ކަމަށްބުނާ ކްރީމެއް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ކިޑްނީ ބައްޔެއް ޖެހިއްޖެ އެވެ.
ރިޕޯޓުތައް ބު ނާގޮތުގައި ލެބް ޓެސްޓުތަކުން ހާމަވި ގޮތުގައި އެ ކްރީމުގައި 12,500 ޕީޕީއެމް މާކިއުރީ އެކުލެވިގެންވެ އެވެ. އެއީ އެއް ޕީޕީއެމްއަށް ވުރެ ދަށުގައި ހުންނަންޖެހޭ ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.
ޕަސެންޓޭޖުން ބަލާނަމަ އެ ކްރީމުގައި 1.25 އިންސައްތަ މާކިއުރީ ހިމެނެއެވެ. މާކިއުރީއަކީ ބާރުގަދަ ނުރައްކާތެރި މިންވަރަކަށް ހަށިގަނޑުގެ އެތެރެއަށް ފޯރައިފި ނަމަ ވިހަވާ މާއްދާއެކެވެ.
އެ އަންހެން މީހާ ބުނި ގޮތުގައި އޭނާ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ކްރީމް ބޭނުންކުރަން ފެށީ ސޯޝަލް މީޑިއާ އިޝްތިހާރަކުން ފެނިގެންނެވެ. އެއް އަހަރު ތެރޭ ތިން ފުޅި ގަތެވެ.
ފުރަތަމަ ރަނގަޅު ނަތީޖާ ފެނުނު ނަމަވެސް، ގާތްގަނޑަކަށް ތިން މަސް ކުރިން ލޭގެ ޕްރެޝަރު ކުއްލިއަކަށް ވެއްޓުމާއި، ހޭނެތުމާއި، ފައި ދުޅަވުން ފަދަ ސީރިއަސް އަލާމާތްތައް ފެންނަން ފެށިއެވެ. ހާލު ގޯސްވެ ސީދާ ހުންނަންވެސް ދަތިވިއެވެ. ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށީ މި ފަހުން ކުޑަކަމު ދިޔަތަނާ ހޭނެތިގެން ވެއްޓުމުންނެވެ.
އޭނާ ބުނީ ހަނދާނުގެ މައްސަލަތައްވެސް ޖެހެން ފަށާފައިވާ ކަމަށާއި މިހާރު ކިޔެވި އެއްޗެހި ހަނދާނުގައި ބެހެއްޓުމަށް ވަރަށް އުނދަގޫވެފައިވާތީ އިމްތިހާނަށް ތައްޔާރުވުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
އަރީކޯޑުގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު ޑޮކްޓަރުން ދެނެގަތީ އެ އަންހެން މީހާއަށް ޖެހިފައި ހުރީ ސީރިއަސް ކިޑްނީ ޑިސްއޯޑާއެއް ކަމެވެ. އެ ކްރީމްގެ ކަންތަން ފެންމަތިވީ 18 އަހަރުގެ މީހަކަށް މި ބާވަތުގެ ބައްޔެއް ޖެހުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ބުނެ، ކޮސްމެޓިކްސް ބޭނުންކުރޭތޯ ޑޮކްޓަރުން ސުވާލު ކުރުމުންނެވެ.
އެ މީހާއަށް ފަރުވާ ދެއްވި ކިޑްނީ ބަލީގެ ސީނިއާ ސްޕެޝަލިސްޓް ޑރ. ގޯރީ އެސް ވިދާޅުވީ ހަށިގަނޑު ބޮޑަށް ދުޅަވެ، ނުރައްކާތެރި ހާލަތެއްގައި އެ އަންހެން މީހާ ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ. ފެނުނު އަލާމާތްތައް ކުރިއަށް ދިޔަ ގޮތުން ވިހައެއް ހަށިގަނޑުގައި ހުރެދާނެ ކަމަށް ޝައްކުކުރެވިގެން ހެދި ޓެސްޓުތަކުން ލޭގައި ނުރައްކާތެރި މިންވަރަކަށް މާކިއުރީ ހުރިކަން ޔަޤީންވި ކަމަށް ޑރ. ގޯރީ ވިދާޅުވިއެވެ.
އެހެންވެ އިންޑީއާގެ މައި ސަރުކާރުގެ ހުއްދަ އޮންނަ ލެބޯޓްރީއަކަށް ފޮނުވައިގެން ހެދި ޓެސްޓުތަކުން އެކަން ޔަގީން ކުރެވުނު ކަމަށް ބުނެފައިވެ އެވެ. ފަރުވާ ނުކޮށް ދޫކޮށްލައިފި ނަމަ ކިޑްނީ ދާއިމީ ގޮތެއްގައި ފެއިލުވެ، ނާރުތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތައް މި ބަލީގެ ސަބަބުން މެދުވެރިވެ އެވެ.
ބަލީގެ އަލާމާތް ފެނުމުން އެ އަންހެން މީހާ ކްރީމް އުފެއްދި ކުންފުންޏާ ގުޅައި ޝަކުވާ ހުށަހެޅި ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބުނު ކަމަށް ބުންޏެވެ. އެގޮތުން ފުރަތަމަ ޝަކުވާ އިސް ވެރީންނާ ހިއްސާކުރާނެ ކަމަށް ބުނުމަށް ފަހު ޖަވާބު ދިނުން ހުއްޓައިލީ ކަމަށެވެ.
ފަހުން ކަސްޓަމާ ކެއާ މުވައްޒަފަކު ގުޅީ ޕްރޮމޯޝަނެއް ހުށަހަޅަން ކަމަށާއި، ޞިއްޙީ ގެއްލުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން އެ ކްރީމުގައި ހިމެނޭ މާކިއުރީގެ މިންވަރު ހުއްދަ ލިމިޓުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ އެ ކްރީމް ދިފާޢުކުރި ކަމަށް ކުއްޖާ ބުންޏެވެ.
މި މައްސަލަ އެނގުމުން ފުލުހުން އަންހެން މީހާގެ ގެއަށް ގޮސް މަޢުލޫމާތާއި ބޭސްފަރުވާގެ ލިޔެކިޔުންތައް ނެގިއެވެ. އަދި ރަސްމީ ޝަކުވާއެއް ހުށަހެޅުމަށް އާއިލާއަށް އެންގިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް