ލީބިޔާ ބޭރުގައި އޮތް ރަޝިޔާގެ ދެ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީ އެއް އުޅަނދު ފައްތާލައިފި

23 Nov 2026 | 17:47
ލީބިޔާ ބޭރުގައި އޮތް ރަޝިޔާގެ ދެ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީ އެއް އުޅަނދު ފައްތާލައިފި

ލީބިޔާގެ ބެންޣާޒީ ބަނދަރު ކައިރީގައި އޮތް ރަޝިޔާގެ ހަނގުރާމަމަތީ އުޅަނދަކަށާއި އާއި މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާދީ، އޭގެ ތެރެއިން ހަނގުރާމަމަތީ އުޅަނދު ފައްތާލާފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ބުނެފިއެވެ.

ޒެލެންސްކީ އެކްސްގައި ލިޔުނު ގޮތުގައި މި ހަމަލާގައި ޔޫކްރެއިނުގައި އުފެއްދި ހަތް ކަނޑުގެ ޑްރޯން ބޭނުންކޮށްފައިވެއެވެ. ރަޝިޔާއިން ހަމަލާ ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، 2023 ގައި ޚިދުމަތަށް ނެރުނު ހަނގުރާމަމަތީ އުޅަނދު ފައްތާލުމުގައި ކާމިޔާބު ހޯދި ކަމަށް ޒެލެންސްކީ ބުންޏެވެ. މީގެ އިތުރުން އެ އުޅަނދުގައި އޮތް ކާ 27 މަރުކާގެ ހަނގުރާމަމަތީ ހެލިކޮޕްޓަރެއް ވެސް ހަލާކުވެފައިވެއެވެ.

Advertisement

ރަޝިޔާއިން ހަތިޔާރު އުފުލުމަށް ބޭނުންކުރަމުންދިޔަ ކަމަށް ޔޫކްރެއިނުން ބުނާ ކާގޯ ބޯޓަށް ވެސް ހަމަލާ އެރި ކަމަށް ޒެލެންސްކީ ހާމަކޮށްފައިވެއެވެ.

މި ހަމަލާތައް ކުށްވެރިކޮށް ލީބިޔާގައި ހަރަކާތްތެރިވާ އދ. ގެ މިޝަން (ޔޫއެންއެސްއެމްއައިއެލް) އިން ވަނީ "ވަގުތުން މިނިވަން އަދި ދެފުށް ފެންނަ ތަޙުޤީޤެއް" ހިންގުމަށް ގޮވައިލައިފައެވެ. އެއީ ބޭރު ޤައުމުތަކުގެ ހަމަނުޖެހުންތަކުގެ މައިދާނަކަށް ލީބިޔާ ހެދުމުން ކަމަށާއި އެކަމަށް ލީބިއާ ސަރަހައްދުގައި ޖާގަ ނެތް ކަމަށް ބުނެފައިވެ އެވެ.

ލީބިޔާ ސަރަޙައްދުގައި ދެވުނު ހަމަލާގެ އެއް ދުވަސް ކުރިން ހޮނިހިރު ދުވަހު ފިންލެންޑުގެ ކަނޑުގެ ސަރަޙައްދާ ކައިރީގައި ބޯލްޓިކް ކަނޑުގައި އޮތް ރަޝިޔާގެ ކާގޯ ބޯޓަކަށް ވެސް ޔޫކްރެއިނުގެ ޑްރޯން ހަމަލާއެއް އެރިކަމަށް ފިންލެންޑުގެ ބޯޑާ ގާޑުން ބުނެފައިވެއެވެ. ހަނގުރާމައިގެ ރޮނގުތަކާ ދުރުގައިވާ ރަޝިޔާގެ އަމާޒުތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް