އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް 23 އިސްލާހެއް ހުށަހެޅި، އެ ރިޕޯޓާ މެދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.
ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ރިޕޯޓަށް 23 އިސްލާހެއް ލިބިފައިވާކަން މަޖިލީހުގެ ރައީސް ހާމަކުރެއްވި ނަމަވެސް، އެއީ ކޮން ކަންކަމަކާ ގުޅޭ އިސްލާހުތަކެއްކަން ހާމައެއް ނުކުރައްވައެވެ. މި މަރުހަލާގެ ބަހުސަށް ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ވަގުތެއް ދިނުމަށް އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ.
ބަހުސްގައި ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ އެއްވެސް އަތޮޅެއް ބާކީނުކޮށް ތައްޔާރުކޮށްފައިވާ މި ބަޖެޓަކީ ކުރިމަގަށް އޮތް އުންމީދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސިއްހީ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑެތި އަދަދުތަކެއް ކަނޑައެޅިފައިވާކަން ފާހަގަކުރައްވައި، އިގުތިސާދީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ އަދި މަސްވެރިކަމަށް 657 މިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ. ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކާ ގުޅޭ ގޮތުން ވެސް މިއީ ވަރަށް އުންމީދީ ބަޖެޓެއް ކަމަށް މެންބަރު މުފީދު ވިދާޅުވިއެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ބަޖެޓުގައި ގޯސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، 2027 ވަނަ އަހަރު ރައްޔިތުންނަށް ކުރާ ފައިދާ މި އަހަރަށް ވުރެ އިތުރުވާނެ ކަމަށެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވީ ރަށްރަށުގައި ފެށިފައި ހުރި މަޝްރޫއުތައް ނިންމުމަށް ޕީއެސްއައިޕީ ބަޖެޓުގައި އިސްކަންދީފައިވާ ކަމަށެވެ.
2027 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ ހިނގަމުންދާ އަހަރާ އަޅައިބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް